މަސްވެރިކަމާ ގެދޮރުވެރިކަމުގެ 50 މިލިއަން ޑޮލަރުގެ އެއްބަސްވުމުގައި ސައޫދީއާއެކު ސޮއިކޮށްފި

ސަރުކާރުން ހިންގާ ގެދޮރުވެރިކަމުގެ މަޝްރޫޢޫ އާއި، މަސްވެރިކަމުގެ ސިނާޢަތު ތަރައްޤީކުރުމު މަސައްކަތަށް 771 މިލިއަން ރުފިޔާގެ އެހީ ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުން ދިނުމާ ބެހޭ އެއްބަސްވުމުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އާދިއްތަ ދުވަހު ސޮއިކުރައްވައިފިއެވެ.
މި ދެ މަޝްރޫޢާ ގުޅޭ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓަރ ޝާހިދު ސޮއިކުރެއްވީ މިކަމަށްޓަކައި ފޮރިން މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ މި އެއްބަސްވުންތަކާއެކު ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ. އަދި ސަޢޫދީން މި އެހީތެރިކަން ފޯރުކޮށްދީފައި މިވަނީ ކޮވިޑް-19 އާ ގުޅިގެން އިޤްތިޞާދަށް ދިމާވި ހީނަރުކަމާއެކު، ބޭރުގެ މާލީ އެހީތެރިކަމަށް ދިވެހިރާއްޖެއިން ބޭނުންވެފައިވާ ދަނޑިވަޅެއްގައި ކަމަށެވެ. މިއެހީއާއެކު މަސްވެރިކަމުގެ ސިނާޢަތު ކުރިއަރުވައި، އަތްފޯރާ އަގެއްގައި ދިވެހިންނަށް ބޯހިޔާވަހިކަން ހޯދުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް އަންނާނެ ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
ސަޢޫދީ އަރަބިއްޔާ އަކީ އަބަދުވެސް ރާއްޖޭގައި ހިންގަމުން އަންނަ އުމްރާނީ ބޮޑެތި މަޝްރޫޢުތަކަށް އެހީވާ ޤައުމެއްކަން ފާހަގަކުރައްވައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމާއި، ހުޅުމާލޭ ދެވަނަ ފިޔަވަހި މިސާލެއްގެ ގޮތުގައި މިނިސްޓަރ ނެންގެވިއެވެ. ސަޢޫދީން އަބަދުވެސް ރާއްޖެއަށް ފޯރުކޮށްދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ސަޢޫދީ ރަސްގެފާނު، ދެ ޙަރަމްގެ ޚާދިމް ސަލްމާން ބިން އަބްދުލްޢަޒީޒް އަލް ސަޢޫދާއި، ސަޢޫދީ ވަލީޢަޙުދު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްޢަޒީޒް އަލް ސަޢޫދަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙްއާއި ދިވެހި ސަރުކާރާ ރައްޔިތުންގެ ފަރާތުން ޚާއްސަ ޝުކުރެއް މިނިސްޓަރ ޝާހިދު އަދާކުރެއްވިއެވެ.
މި އެއްބަސްވުމުގެ ދަށުން ބޯހިޔާވަހިކަމުގެ މަޝްރޫޢަށް 25 މިލިއަން ޑޮލަރު އަދި މަސްވެރިކަން ތަރައްޤީކުރުމަށް 25 މިލިއަން ޑޮލަރު ހަމަޖެހިގެން ދާނެއެވެ. މި މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި ހިންގާ ސޯޝަލް ހައުސިންގ ޕްރޮޖެކްޓުން 2700 މީހުންނަށް ބޯހިޔާވަހިކަން ލިބިގެންދާނެ ކަމަށާއި، މަސްވެރިކަމުގެ ސިނާޢަތުގައި ހިންގާ މަޝްރޫޢުން މަސްވެރިކަމާ ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ 25000 ދިވެހިންނަށް އެކަމުގެ ސަބަބުން ފައިދާ ވެގެންދާނެ ކަމަށް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މާލޭގައި ހުންނަ ސަޢޫދީ އެމްބަސީގެ އިސް އޮފިޝަލުންނާއި ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ