ތިން މަހަށް ފަހު ދަރިވަރުން ސްކޫލުތަކަށް

ކޮވިޑް-19ގެ ނުރައްކަލުން ސަލާމަތްވުމުގެ ގޮތުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ އަދި ގިނަ ބަޔަކަށް އޭގެ ކަންބޮޑުވުން އެންމެ ބޮޑުވި، ސްކޫލްތައް ބަންދުކޮށްފައި އޮތް އޮތުން، ނިމުމަކަށް ގެނެސް، މިއަދު ވަކި ސްކޫލްތައް ހުޅުވާލައިފި އެވެ.
އެކަމަކު މާލޭ ސަރަހައްދާއި ކޮވިޑް-19ގެ ނުރައްކާ އޮތް ރަށްރަށުގައި ކިޔަވައިދޭން ފެށީ ގްރޭޑް 9-12 އަށެވެ. ބަލީގެ އެއްވެސް ނުރައްކަލެއް ނެތް ރަށްރަށުގެ ހުރިހާ ގްރޭޑްތަކަކަށް ވެސް މިއަދު ވަނީ ކިޔަވައިދޭން ފަށައިފަ އެވެ.
ސްކޫލްތައް މި ހުޅުވީ ގާތްގަނޑަކަށް ހަތަރު މަސް ވާން ކައިރިވެފައި އޮއްވަ އެވެ. ރާއްޖޭގެ ތާރީހުގައި ވެސް މިހާ ގިނަ ދުވަހު ސްކޫލްތައް ބަންދުކޮށްފައެއް ނުވެ އެވެ. މިދިއަ ދުވަސްތަކުގައި އޮންލައިންކޮށް ފިލާވަޅުތައް ނަގައިދިނުމުގެ މަސައްކަތް ކުރިޔަސް، އެކަން ވެސް ކުރިއަށް ދިޔައީ ވަރަށް ބޮޑެތި ހުރަސްތަކަކާ އެކުގަ އެވެ.
ސްކޫލްތައް ހުޅުވީ ރައްކާތެރިކަމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ.
Covid-19 ge asaru Raajjeyge 91,000 dharivarunnah
Mihaaru
ސްކޫލްތައް ހުޅުވި ނަމަވެސް، ކުރިން ކުރަމުން އައި ބައެއް ކަންކަމަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ސަރުކާރުން ހިލޭ ފޯރުކޮށްދެމުން އަންނަ ނާސްތާއެއް ނޯންނާނެ އެވެ. އެހެންކަމުން މިނިސްޓްރީން އިލްތިމާސްކޮށްފައި ވަނީ ދަރިވަރުންނަށް ގެއިން ސައި ދީފައި ސްކޫލަށް ފޮނުވުމަށެވެ.
މާލޭގެ ސްކޫލުތައް ހުޅުވުމުގެ ފަހުގެ ތައްޔާރީތައް
23 ފޮޓޯ
ސްކޫލަށް ދަރިވަރުން ވަންނަ އިރު ހުން ބަލާނެ އެވެ. އޭގެ އިތުރުން އަތް ދޮވުމާއި ގައިދުރުކަން ބެހެއްޓުމަށް ހަނދާން ކޮށްދިނުމަށް ސްކޫލްތަކުގެ އެކި ހިސާބުތަކުގައި ލިޔުންތައް ހަރުކޮށްފައިވެ އެވެ.
ކްލާސް ރޫމެއްގައި މީގެ ކުރިން ތިރީހަކަށް ކުދިން ކިޔެވި ނަމަވެސް، ތިން ފޫޓުގެ ދުރު މިނަކާ އެކު މޭޒާއި ގޮނޑިތައް އަތުރާލުމުން އެ އަދަދު ވަނީ 15 އަށް މަދުކޮށްފަ އެވެ.
މީގެ ކުރިން ހަފުތާގެ ފަސް ދުވަހު ކިޔަވައިދިން ނަމަވެސް ނިއު ނޯމަލްގައި ކިޔަވައިދޭނީ ހަތަރު ދުވަހު، ދުވާލަކު ހަތަރު ގަޑިއިރަށެވެ. ދުވާލަކު ހަތަރު މާއްދާ، 45 މިނެޓު ވަންދެން ކިޔަވައިދޭން ޖެހެ އެވެ. ބާކީ ހުރި ވަގުތުތަކުގައި އަތް ދޮވުމާއި ހުން ބެލުން ފަދަ ކަންތައްތައް ކުރިއަށްގެންދާނެ އެވެ.
Dharivarun School ah fonuvaa, rakkaatherikan yageen kohdheynan: Minister
Mihaaru
ސްކޫލުތައް އަލުން ހުޅުވުމުގެ ތައްޔާރީތަކާ ގުޅޭ ގޮތުން، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ރޭ ވިދާޅުވީ މުޅި ސްކޫލު ކޮމިއުނިޓީ އޮތީ ކިޔެވުން ފަށަން ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށެވެ. ރައްކާތެރިކަމުގެ ޔަގީންކަމާ އެކު މިނިސްޓަރު ވަނީ ދަރިން ސްކޫލަށް ފޮނުވުމަށް ބެލެނިވެރިން ކިބައިން އެދިވަޑައިގެންފަ އެވެ.
"...ސްކޫލަށް ފޮނުވައިދެއްވާށޭ ދަރިވަރުން. އަޅުގަނޑުމެން ރައްކާތެރިކަން ޔަގީންކޮށްދޭނަމޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ޔުނިސެފާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރުކުރި އެޑިއުކޭޝަން ރެސްޕޮންސް ޕްލޭން (އީއާރުޕީ) ގައިވާ ގޮތުން ކޮވިޑް-19 ގެ ސީދާ އަސަރު ރާއްޖޭގެ 91،672 ދަރިވަރުންނަށް ކޮށްފައިވެ އެވެ. މުޅި ދުނިޔޭގައި ހަލުއިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ މުޅި ތައުލީމީ ނިޒާމަށް އަސަރުކޮށްފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ