ހުކުމްތަކަށް މަޖިލީހުން ވަނުމުން ޖުޑީޝަރީގެ މިނިވަންކަމާމެދު ސުވާލު އުފެދޭނެ: މައުމޫން ހަމީދު

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާއެއް ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުގައި ނުފޫޒާއި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކޮށް އެ މައްސަލަ ބެލުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅު ކުއްލި މައްސަލައާ ގުޅިގެން، ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު ނުރުހުން ފާޅުކުރައްވައިފިއެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް އެ މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދު ނިންމުމާއެކު އަދީބު ވަނީ އިއްޔެ މިނިވަންވެފަ އެވެ. އެ މައްސަލައާ ގުޅިގެން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މިއަދު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވި އެވެ. އެކަމާ ގުޅިގެން ނުރުހުން ފާޅުކުރައްވައި މައުމޫން ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިކަހަލަ ކަންކަމުގައި ރައްޔިތުންގެ މަޖިލީހުން އަވަސްއަރުވާލައިގެން ގޮތް ނިންމުމަކީ އިސްތިއުނާފަށާއި އޯވަސައިޓް މެކޭނިޒަމްތަކަށް ހުރަސްއެޅޭނެ ކަމެއް ކަމަށެވެ. އަދި އެއީ ފަނޑިޔާރުންނަށް ބިރުދެއްކުމުގެ އިތުރުން ޖުޑިޝަރީގެ މިނިވަންކަމާމެދު ވެސް ސުވާލު އުފެއްދުން ކަމަށް ވެސް މައުމޫން ހަމީދު ވިދާޅުވިއެވެ. އަދީބުގެ މައްސަލަތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލުމާއި ގުޅިގެން، މައްސަލަ ބެއްލެވި ގާޒީ، އިސްމާއިލް ރަޝީދުގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވަނީ ވިދާޅުވެފަ އެވެ. އަދި އެ މައްސަލަ އިސްތިއުނާފު ކުރުމަށް ނިންމާ، މިއަދު ވަނީ ހައިކޯޓަށް ހުށަހަޅައިފައެވެ. މައުމޫން ހަމީދު ވިދާޅުވީ ކްރިމިނަލް ކޯޓުގެ ހުކުމް އިސްތިއުނާފު ކުރާނެ ކަމަށް ޕީޖީ އޮފީހުން ބުނެފައި ވާއިރު، އެއްވެސް ސިޔާސީ ނުފޫޒެއް ނުވަތަ ބިރުދެއްކުމެއް ނެތި ހައިކޯޓަށް ނޫނީ ފަހުން ސުޕްރީމް ކޯޓަށް މި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ކުރިއަށް ގެންގޮސް ގޮތް ނިންމުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށެވެ. "އެނޫން ގޮތަކަށް އަމަލުކުރުމަކީ ޖުޑީޝަރީއަށް ނުފޫޒުފޯރުވުން،" މައުމޫން ހަމީދު ވިދާޅުވިއެވެ. މައުމޫން ހަމީދު ވިދާޅުވީ ގާޒީގެ އެއްވެސް ކަހަލަ ސުލޫކީ މައްސަލައެއް ފާހަގަވާނަމަ އެކަން ބަލައި ތަހުގީގުކޮށް ގޮތް ނިންމާނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަމަށާއި މައްސަލަ ވަކި ގޮތަކަށް ނިންމަން މަޖިލީހުން ޖޭއެސްސީއަށް ނުފޫޒު ފޯރުވާކަމަށް ބެލެވޭނަމަ، ޝަރުއީ ނިޒާމާމެދު ސުވާލު އުފެދި ނިޒާމު ބަލިކަށިވެގެންދާ ކަމަށެވެ. މީގެެ އިތުރުން އެއްވެސް ކަހަލަ ތުހުމަތެއް ކުރެވޭނަމަ އެކަން ރަނގަޅަށް ތަހުގީގު ކުރެވި ބަލަންޖެހޭނެ ކަމަށާއި އަދި ކުށުގެ ތުހުމަތުވާ މީހާގެ މަގާމަކަށް ނުބަލައި ދައުވާކުރެވެން ޖެހޭނެކަމަށްވެސް މައުމޫން ހަމީދު ވިދާޅުވިއެވެ. މައުމޫން ހަމީދު ވިދާޅުވީ އެހެން ނޫންނަމަ ގާނޫނުތައް ބަލިކަށިވެ، އިންސާފަށް ހުރަސްއެޅިގެން ދާނެ ކަމަށެވެ. މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ ފަނޑިޔާރަކު ރިޝްވަތު ނެގިކަމުގެ މައްސަލައެއް ވިޔަސް ނުވަތަ އެހެންވެސް ސުލޫކީ މައްސަލައެއް ފާހަގަ ވާނަމަ އެމައްސަލަ ހުށަހަޅާނީ ޖޭއެސްސީއަށް ކަމަށާއި އެ މައްސަލަ ހުށަހަޅާނީ ރައްޔިތުންގެ މަޖިލީހަކަށް ނޫން ކަމަށެވެ. އުޝާމް އެހެން ވިދާޅުވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ހުކުމަކާ ގުޅޭގޮތުން ހިތްހަމަ ނުޖެހުމެއް މަޖިލީހަށް ހުށަހެޅިފައި ނެތް ކަމަށެވެ. ހުށަހެޅިފައި އޮތީ އިޖުރާއަތުތަކާ ގުޅޭ ގޮތުން އޮތް ހިތްހަމަނުޖެހުމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. ސަފާރީއެއްގައި އަންހެނަކު ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅޭ ކަންކަން ރައްޔިތުންގެ މަޖިލީހުން ބެލުމުގައި ގާނޫނުއަސާސީން މަޖިލީހަށް ލިބިދީފައިވާ ބާރުގެ ތެރެއިން އަމަލު ކުރުމަށް ވެސް ބާ ކައުންސިލުން މީގެކުރިން ވަނީ މަޖިލީހަށް ގޮވާލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ