ދުންޔާޒް: ބުރަ މަސައްކަތުން ކުރިއެރުން ހޯދާ ކުޅުންތެރިއެއް

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމްކޮށްގެން ބޭއްވި އޯޕަން ބިލިއާޑް މުބާރާތް އިއްޔެ ނިމިގެންދިޔައިރު، އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ދުންޔާޒް މުހައްމަދަކީ ވަރަށް ހާއްސަ ކުޅުންތެރިއެކެވެ. ބިލިއާޑް ކުޅުންތެރިން އިއްތިފާގުވާ ގޮތުގައި އެއީ މަސައްކަތްކުރާ އަދި އެންމެ ގިނަ ވަގުތު އެމްޕީބީއޭ ކްލަބު ހައުސްގައި ހޭދަކުރާ ކުޅުންތެރިޔާއެވެ.
ދުންޔާޒް ބުނާ ގޮތުގައި، ބިލިއާޑް ކުޅުމަށް އެމްޕީބީއޭ ކްލަބު ހައުސްގައި ކޮންމެ ދުވަހަކުވެސް ހަތަރު ގަޑިއިރު ހޭދަކުރާ ކަމަށެވެ. އެ ކުޅިވަރަށް ޖެހިފައިވާ ލޯތްބެއްގެ ސަބަބުން އެހެން ކުޅުންތެރިންގެ އެދުމުގެ މަތިން އެ ކުޅުންތެރިންނާއެކު ބިލިއާޑް ކުޅުމަށް އޭނާ ދެކޮޅެއް ނަހަދައެވެ. އެހެންކަމަށްވާނަމަ، ކޮންމެ ދުވަހަކުވެސް ބިލިއާޑް ކުޅުމަށް އޭނާ އަތުން ގާތްގަނޑަކަށް 100 ރުފިޔާ ހޭދަވާނެއެވެ. ނަމަވެސް ކުޅިވަރަށް ލޯބިކުރާ ކުޅުންތެރިއެއް ނަމަ، އެއީ އެކައްޗެއްވެސް ނޫނެވެ.
ބިލިއާޑް ކުޅުމަށް ހާއްސަކުރެވިފައިވާ ކްލަބް ހައުސް ހުޅުވުމާއެކު ދުންޔާޒްގެ އަޒުމަކީ އެންމެ ކުރިން އެތަނަށް ވަދެވޭ ކުޅުންތެރިޔާއަށް ވުމަށެވެ. ދުވަހުގެ ފެށުން ބިލިއާޑް މެޗަކާއެކު ފަށާ ދުންޔާޒް އެގޮތުން ވަނީ ގިނަ ކުރިއެރުންތަކެއް ހޯދައިފައެވެ.
އެމްޕީބީއޭ ކްލަބް ހައުސްގައި ހަތަރު ގަޑިއިރު، ހޭދަކުރާކަމަށް ދުންޔާޒް ބުނި ނަމަވެސް ބައެއް ކުޅުންތެރިން ބުނާ ގޮތުންނަމަ، އެއަށްވުރެ ގިނައިން އޭނާ އެތަނުގައި ހޭދަކުރާ ކަމަށެވެ. އަދި އެ ކުޅުންތެރިން ކޮންމެ ގަޑިއެއްގައި ކްލަބު ހައުސްއަށް ވަތް ނަމަވެސް، އެތަނުގައި ދުންޔާޒް އުޅޭ ކަމަށް ވެއެވެ.
ދެން ވާނީވެސް އެހެންތާއެވެ. "ޕްރެކްޓިސް މޭކްސް ޕާފެކްޓް" އޭ ބުނާގޮތަށް، ދުންޔާޒް އޭނާގެ މަސައްކަތް ކުރިއަށް އެ ގެންދަނީ އޭނާގެ ޓާގެޓާއި ހަމައަށް ވާސިލުވުމަށެވެ. ދުންޔާޒްގެ ޓާގެޓަކީ "ކޮންމެ މުބާރާތެއްގެ ވެސް ގަދަ ހަތަރެއް" ގައި ހިމެނުމަށެވެ.
ފަސްއެނބުރި ބެލުމެއްނެތި ކުރިއަށްދާ ބިލިއާޑް ކުޅުންތެރިޔާ އޯޕަން 8 ބޯލް ބިލިއާޑް މުބާރާތް މެޗު ޕްރެޝަރާ އެއްކޮށް ކާމިޔާބުކުރި ނަމަވެސް، އޭނާ ވަނީ ކުރިއެރުންތަކެއް ހޯދައިފައެވެ. މުބާރާތުގެ ފައިނަލްގައި އޭނާ ބަލިކޮށްފައިވަނީ ދަށް ކުޅުންތެރިއެއް ނޫނެވެ. ދުންޔާޒްއާ ދެކޮޅަށް ފައިނަލުގައި ވާދަކުރި އިބްރާހިމް ހަނީފްއަކީ ސެމީ ފައިނަލުގައި ރާއްޖޭގެ އެންމެ މޮޅު ބިލިއާޑް ކުޅުންތެރިޔާ ބަލިކުރި ކުޅުންތެރިޔާއެވެ.
ފައިނަލް މެޗުގެ ފުރަތަމަ ހަތަރު ފްރޭމް ދުންޔާޒް ގެންދިޔައީ ހަނީފްއަށް އެއްވެސް ފްރޭމްއެއް ނުދީއެވެ. ނަމަވެސް ހަތަރު ވަނަ ފްރޭމްއަށް ފަހު، އޭނާ ޕްރެޝަރުގައި ކުޅުނު ތަން ފެނިގެންދިޔައެވެ. ފަހަރެއްގައި އެއީ ޓީވީ ޗެނެލްތަކުން ވީޑިއޯ ކުރުމަށް ވަނީމަ ކަމުގައި ވެސް ވެދާނެއެވެ. ނަމަވެސް ހިތްވަރާއެކު، އޭނާ ބޭނުންވީ ޗެމްޕިއަންކަމެވެ. އެގޮތުން އޭނާގެ އުންމީދު ރޭ ހާސިލްކުރިއެވެ.
ފައިނަލް މެޗަށްފަހު ވެސް ދުންޔާޒް ކުރިމަތިލާފައިވަނީ ވެސް އުނދަގޫ އިމްތިހާނަކާއެވެ. އެއީ އޭނާގެ ހަޔާތުގައި އެންމެ ފުރަތަމަ ފަހަރަށް މީޑިއާގެ ކުރިމައްޗަށް އަރައި އިންޓަވިއު ދިނުމެވެ. ބިރުން ތުރުތުރު އަޅާ ހާލުގައިވެސް، އޭނާ އެންމެ ފުރަތަމަ ބަހަކަށް ވެގެންދިޔައީ އެސޯސިއޭޝަނަށާއި ބައެއް ސީނިއަރ ކުޅުންތެރިންނަށް ޝުކުރު އަދާކުރުމެވެ.
މިދިޔަ އަހަރު ދުންޔާޒް ކާމިޔާބުކުރި އޯޕަން 9 ބޯލް ބިލިއާޑް މުބާރާތުގެ ޗެމްޕިއަންކަމާއެކު، މިހާރު އޭނާ އަތުގައި ޗެމްޕިއަންކަން ހޯދި ކުޅުންތެރިޔާއަށް ދޭ ދެ ތަށި އޭނާއަށް ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ ގައުމީ 9 ބޯލް ބިލިއާޑް މުބާރާތަކީވެސް އޭނާއަށް ހާއްސަ މުބާރާތެކެވެ.
މިދިޔަ އަހަރުގެ އޯޕަން 9 ބޯލް ބިލިއާޑް މުބާރާތުގެ އިތުރުން އެމްޕީބީއޭ ބިލިއާޑް ރޭންކިންގެ ގަދަ ދިހައެއްގެ ތެރޭގައި ހިމެނޭ ދުންޔާޒް ވަނީ މިދިޔަ އަހަރު ބޭއްވުނު ގައުމީ 10 ބޯލް ބިލިއާޑް މުބާރާތުގެ ތިންވަނަ ވެސް ހޯދައިފައެވެ. އެއީ ވެސް އޭނާ ހޯދި ކާމިޔާބީއެކެވެ.
ދުންޔާޒްގެ މަސައްކަތުން މިހާރު އޭނާއަކީ ބިލިއާޑްގައި މަޝްހޫރު ކުޅުންތެރިއެކެވެ. ފަހަރެއްގައި ދުންޔާޒް ކުރާ މަސައްކަތުން ކުރިއަށްއޮތް ދެ އަހަރު ދުވަސް ތެރޭގައި ބިލިއާޑް ރޭންކިންގްގެ އެއްވަނައިގައި އޮތް މުހައްމަދު ޝަރީފްއާއި ދެވަނައިގައި އޮތް ހުސައިން ފަޔާޒް ވައްޓާލުމަށްފަހު، އޭނާ ކުރިއަށް ޖެހިލައިފާނެއެވެ.
ދުންޔާޒްއަކީ އަހުލާގު ހިފަހައްޓާ، އެހެން ކުޅުންތެރިންނަށް މިސާލެއް ކަމުގައި ބުނެވިދާނެއެވެ. އޭނާއަކީ އެކުވެރިކަން ބަދަހިކުރާ ލާމަސީލް ކުޅުންތެރިއެކެވެ. އޭގެ އިތުރުން އޭނާއަކީ ސީނިއަރ އެހެން ކުޅުންތެރިންނެކޭ އެއްގޮތަށް ބިލިއާޑް ކުޅެން ދަސްކުރާ ކުޅުންތެރިންނަށް ނޭނގޭ އެތައް ހުނަރުތަކެއް ދަސްކޮށްދޭ ކުޅުންތެރިއެކެވެ.
ބިލިއާޑް ކަލަންޑަރުގައި ދެން އޮތް ހަރަކާތަކީ ގައުމީ 8 ބޯލް ބިލިއާޑް މުބާރާތެވެ. އެ މުބާރާތުގައި ވެސް "ވަގުތު" ގެ ފަރާތުން ދުންޔާޒްއަށް އެދެނީ ކާމިޔާބެވެ. އަދަށްފަހު ފެހި މާދަމާއަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ