ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުލްހަމީދުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ގަސްތުގައި ބަޔަކަށް ނާޖައިޒު ފައިދާއެއް ހޯއްދަވައިދެއްވި ކަމުގެ ކުށް ސާބިތުވެފައިވާތީ، އެ ގޮނޑި ހުސްވެއްޖެ ކަމަށް ކަނޑައަޅައި، އެ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރު ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ މިއަދު ބޭރުކޮށްލައިފި އެވެ.
ކާށިދޫ ގޮނޑި ހުސްކުރުމުގެ މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް މިމަހުގެ 5 ވަނަ ދުވަހު ވެއްދި މޫސާ އަންވަރަށް ސުޕްރީމް ކޯޓުން މިއަދު ފޮނުވާފައިވާ ޖަވާބުގައި ބުނަނީ، ކާށިދޫ ދާއިރާގެ ގޮނޑި ހުސްވެއްޖެކަމާމެދު ހިލާފު އުފެދިފައިވާކަން މައްސަލަ ހުށަހެޅި ފަރާތަށް އަންގާދެވިފައި ނުވާތީ، އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ހުއްދަ ދެވެން ނެތް ކަމަށެވެ.
އެގޮތުން އެ މައްސަލައަކީ ގާނޫނުއަސާސީއާއި، ސުޕްރީމް ކޯޓުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ބަލައިގަނެވިދާނެ މައްސަލައެއްތޯ ކަނޑައެޅުމަށްޓަކައި، އެ ކޯޓުގެ ފަނޑިޔާރުން ގާނޫނީ އަދި ޝަރުއީ ނަޒަރަކުން ބަލައި ދިރާސާކުރެއްވިއިރު، ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމާ ގުޅިގެން އިދާރީ ގޮތުން ފިޔަވަޅު އަޅަންޖެހޭ ފަރާތަކީ އިލެކްޝަންސް ކޮމިޝަން އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކަމަށް ވާއިރު އެދެފަރާތުންވެސް މި މައްސަލައާއި ގުޅިގެން ވަކި ގޮތެއް ކަނޑައަޅާފައިވާކަން އެނގެން ނެތް ކަމަށް ސުޕްރީމް ކޯޓުން ބުނެފައިވެ އެވެ.
"އަދި މައްސަލައާ ގުޅިގެން މޫސާ އަންވަރު މި ކޯޓަށް ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ގޮނޑި ހުސްވެއްޖެކަމާމެދު ޚިލާފު އުފެދިފައިވާކަން އަންގައިދޭ އިލެކްޝަންސް ކޮމިޝަން/ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ނިންމުމެއް ހުށަހަޅާފައިނުވާތީއާއި، އަދި އިސްމާޢީލު ޢަބްދުލް ޙަމީދު ކްރިމިނަލް ކޯޓުގެ ހުކުމާ މެދު ހުޞޫމަތެއް އުފައްދާފައިވާކަން އެނގޭ ފަދަ މިންވަރަކަށް މައްސަލަ ހުށަހެޅި ފަރާތުން ސާފުކޮށްދެވިފައިނުވާތީ، މިމައްސަލަ މި ކޯޓަށް ހުށަހެޅުމުގެ ހުއްދަ ދެވެން ނެތްކަން އެންގީމެވެ." ސުޕްރީމް ކޯޓުން ފޮނުވި ޖަވާބުގައި ބުނެފައިވެ އެވެ.
ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ނ. ގައި ބަޔާންކޮށްފައި ވަނީ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ ނަމަ، އެ މީހަކު މަޖިލީހުގެ މެންބަރު ކަމުން ވަކިވާނެ ކަމަށެވެ. އެހެންކަމުން، ކާށިދޫ ދާއިރާގެ ގޮނޑި 2009 ވަނަ އަހަރުން ފެށިގެން ފުރުއްވަމުން އަންނަ އަބްދުލްހަމީދުގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ، އޭނާ ދޮޅު އަހަރު ދުވަހަށް އަރުވާލުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވާތީ، އޭނާގެ ގޮނޑި ގެއްލޭނެ އެވެ.
މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ ފަސްވަނަ މާއްދާގެ )ށ(ގައިވާ ގޮތުގައި މަޖިލީހުގެ ގޮނޑިއެއް ހުސްވުުމުން ފަސް ދުވަސްތެރޭ ބައި އިލެކްޝަން އިއުލާންކުރަން ޖެހެ އެވެ.
ނަމަވެސް، އަދި މިހާތަނަށް އިލެކްޝަންސް އިން އެ ގޮނޑިއާ މެދު ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ. އަދި މަޖިލީހުގެ އިދާރާއިން ވެސް ވަކި އެއްޗެއް ނުބުނެ އެވެ.
ކާށިދޫ ދާއިރާގެ ގޮނޑި ހުސްކުރުމުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައި ނުގަތް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ