މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަކީ ޕީޕީއެމް ގަބޫލުކުރާ ގަބޫލުކުރާ ސިޔާސަތާއި އުސޫލުތަކެއް ގެންގުޅޭ ބައެއް ނޫން ކަމަށާއި އެމްޑީޕީއިންކުރާ އެއްވެސް ކަމަކަށް ތާއީދެއް ނުކުރާ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ކޮންގްރެސްއަށްފަހު އެޕާޓީން ފުރަތަމަ ފަހަރަށް އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މައުމޫން ވިދާޅުވީ އެމްޑީޕީގެ ހަރަކާތްތައް ފެންނަމުންދާ ކަމަށާއި ޕީޕީއެމްއާއި ކިތަންމެ ހިޔާލެއް ތަފާތުވިޔަސް އެމްޑީޕީއަކީ އަޅުގަނޑުމެން ގަބޫލުކުރާ ސިޔާސަތާއި އުސޫލުތަކެއް ގެންގުޅޭ ބައެއް ނޫން ކަމަށެވެ. ނަމަވެސް އެމްޑީޕީއަކީ ޕާޓީއެއްކަން ގަބޫލުކުރަންޖެހޭ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
"އެމްޑީޕީއަކީ ޕާޓީއެއް، އެމްޑީޕީގެ ހަރަކާތްތައް އަޅުގަނޑުމެންނަށް ފެނޭ އެމްޑީޕީ އާއި އަޅުގަނޑުމެންނާއި ކިތަންމެ ހިޔާލެއް ތަފާތުވިޔަސް އެމްޑީޕީއަކީ އަޅުގަނޑުމެން ގަބޫލުކުރާ ސިޔާސަތާއި އުސޫލުތަކެއް ގެންގުޅޭބައެއް ނޫން، އަޅުގަނޑުމެން އެއްވެސް ހާލެއްގައި އެމްޑީޕީއިންކުރާ އެއްވެސް ކަމަކަށް ތާއީދެއް ނުކުރަން، އެހެންނަމަވެސް އެކަން ގަބޫލުކުރާއިރު ވެސް އެމީހުންނަކީ ޕާޓީއެއްކަން ގަބޫލުކުރަންޖެހޭ، ކަންތައްތަކެއްއެބަ ހިނގާ އަދި އަޅުގަނޑުމެން ކިތަންމެ ނުގަބޫލަސް އެމްޑީޕީ އެއީ އޮތް އެއްޗެއްކަން އެބަފެނޭ." މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޕީޕީއެމް އާއި ދޭތެރޭ ފާޑު ކިޔާ މީހުން ގިނަވުމަކީ ވަރަށް އުފާކުރާ ކަމެއް ކަމަށާއި ފާޑު ކިޔާނީ ފާޑު ކިޔޭވަރުގެ ބަޔަކަށް ކަމަށެވެ. އަދި ފަރުބަދައިގެ ބޮޑުކަން ފެނުނީމަ އަންނަ ތީރުތައް ވެސް ގިނަވާނެ ކަމަށް ވިދާޅުވެ މައުމޫން އިތުރަށް ވިދާޅުވީ އެޕާޓީގެ ބޮޑުކަން ފެނުމުން އެކަން ގަބޫލުކުރައްވަން ބޭނުން ނުވާ ފަރާތްތަކުން ބަހުގެ ހަމަލާތައް ދެމުންދާ ކަމަށާއި، ގިނަ ފާޑުކިޔުންތައްވެސް އަމާޒުވަމުންދާ ކަމަށެވެ.
"އެހެންވީމަ ފާޑު ކިޔުމުގެ ތީރުތައް އަޅުގަނޑުމެންނާއި ދިމާލަށް އެ އަންނަނީ. އަޅުގަނޑުމެންގެ ފަރުބަދައިގެ އުސްކަން ބޮޑުވީމަ އަންނަ ތީރުތައް ވެސް ގިނަވާނެ. ކޮންމެވެސް ބަހެއްގެ ހަރުބަހެއްގައިވޭ، ފަހަރެއްގައި ވެދާނެ އަރަބި ބަހެއްގެ ހަރުބަހެއް ކަމަށް ވެސް، މިބުނަނީ ވަރަށް ވަރުގަދަ އުސް ފަރު ބަޔަކަށް ކިތަންމެ ގިނަ އަދަދަކަށް ކަނޑާ އަރާ ކަނޑާގެ ދަތްތަކުން އެފަރުބަދަ ކުދި ކުދިކުރަން މަސައްކަތްކުރި ނަމަވެސް އެކަމެއް ނުވާނެ އޭ، އެހެންވީމަ އަޅުގަނޑު ދަންނަވަން މިއުޅެނީ އަޅުގަނޑުމެންގެ ޕާޓީއަކީ ވަރުގަދަ ހިލަ ފަރުބަދައެކޭ." މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ޕާޓީ އާއި ދިމާކޮށް ބައެއް ފަރާތްތަކުން ވިހަ ތީރުތަކެއް އުކި ނަމަވެސް އެތީރުތައް އެފަރުބަދައިގެ ތެރެއަށް ނުވަންނާނެ ކަމަށާއި އެހެންވެ އެކަމާއި ކަންބޮޑުވެވަޑައިނުގަތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ރާއްޖޭގައި ވަރަށް ގިނަ ސިޔާސީ ޕާޓީތަކެއް އޮތްކަން ފާހަގަކުރައްވަމުން މައުމޫން ވިދާޅުވީ ސިޔާސީ ޕާޓީ އެހެން ޕާޓީތަކާއި ދެކޮޅަކަށް މިވަރުގެ ދެކޮޅު ވާހަކަތައް ނުދައްކަނީ އެޕާޓީތަކަކީ ޕާޓީތަކެއް ކަމަށް ގަބޫނުކުރެވޭތީ ކަމަށެވެ. މައުމޫން ވިދާޅުވި ގޮތުގައި ޕާޓީއެއްގެ ގޮތުގައި ރައްޔިތުން ގަބޫލުކުރަނީ އެމްޑީޕީ އާއި ޕީޕީއެމްއެވެ.
"ތިޔަބޭފުޅުން ކަންބޮޑޫވެވަޑައިނުގަންނަވައްޗޭ ނޫސްތައް ވިދާޅުވާއިރު ޓީވީ ތަކުން ހަބަރުތައް ބައްލަވާއިރު އަޅުގަނޑުމެންގެ އެތެރޭގެ ކަންތަކާއި ބެހިގެން ކިތަންމެ ނުރަނގަޅު ވާހަކަތަކެއް ވެސް އައިކަމުގައި ވިޔަސް އަދި ނޫސްތަކުގައި އެކި ގޮތް ގޮތަށް ޖެހި ކަމުގައިވިޔަސް އަދި ކޮމެންޓު ވެސް ތަފާތު ގޮތްގޮތަށް އައިކަމުގައިވިޔަސް ކަންބޮޑުވެވަޑައިނުގަންނަވާށޭ، އެކަމަށްޓަކައި އުފާކުރައްވާށޭ، އެއީ އަޅުގަނޑުމެންގެ ޕާޓީއަކީ ވަރުގަދަ ޕާޓީއަކަށްވާތީ އޭ އެކަންތައް ހިނގަމުން އެދަނީ." މައުމޫން ވިދާޅުވި އެވެ.
ޕީޕީއެމްއަކީ އެމްޑީޕީ ގަބޫލުކުރާ ސިޔާސަތަކެއް ގެންގުޅޭ ބައެއް ނޫން - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ