ޖުޑިޝަރީގެ ކަންކަން ބޮއްސުންލައިގެން ދިޔައީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެކޮމިޝަނަށް އައްޔަނު ކުރެއްވެވި މެންބަރު އައިޝަތު ވެލިޒިނީގެ ސަބަބުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓިން ކޮންމެ އަންގާރަ ދުވަހެއްގެ ރޭ ބާއްވަމުން ގެންދާ ހަފްތާ ބައްދަލުވުންތަކުގެ ތެރެއިން ޕާޓީގެ ޖަގަހަ މ. ކުނޫޒްގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ވެލިޒިނީގެ ސަބަބުން ޖުޑިޝަރީ ބޮއްސުންލައިގެން ދިޔަ ނަމަވެސް އެކަންކަން އިޞްލާޙު ކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ސަބަބުން މިހާރު ޖުޑިޝަރީ ހަމައަކަށް އެޅެމުންދާ ކަމަށެވެ.
އޭނާ ވިދާޅުވީ ޖޭއެސްސީގައި ތިއްބަވާނެ މެންބަރުން ޤާނޫނުގައި ކަނޑައަޅާފައި ވާނީވެސް އެކަމަށް ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާ ކުރުމަށްފަހު ކަމަށާއި ވަކި ފަރާތަކަށް ނުފޫޒު ނުފޯރުވޭނެ ހުރިހައި ގޮތްތަކަށް ޤާނޫނުގައި ބާރުއަޅާފައި ވާނެ ކަމަށެވެ.
ގާސިމް ވަނީ ދާދިފަހުން ރާއްޖެވަޑައިގެންނެވި އދ. ގެ މަންދޫބު ގެބްރިއެލާ ރާއްއްޖޭގެ ޖުޑިޝަރީއަށާއި ޤާނޫނު އަސާސީ އަށް ފާޑުވިދާޅުވެފައިވާ ކަމަށް ވިދާޅުވެ އެކަމަށް ވެސް ރައްދު ދެއްވާފައެވެ.
ގާސިމް ވިދާޅުވީ ޖޭއެސްސީން ފަނޑިޔާރުން އައްޔަން ކުރަނީ އެއްވެސް ގަވާއިދެއްގެ ތެރެއިން ނޫން ކަމަށާއި އަދި ފަނޑިޔާރުން އަޔަން ކުރުމުގައި އެއް ވެސް ޓްރާންސްޕޭރެންޓް ކަމެއް ނެތް ކަމަށް ގެބްރިއާލް ވިދާޅުވުމަކީ އެ ކަމަނާ ކަނޑައެޅިގެން ހެއްދެވި އިތުރުފުޅެއް ކަމަށެވެ.
""ޖުޑިޝަލް ސާވިސް ކޮމިޝަންގައި ފަނޑިޔާރުން އައްޔަން ކުރަނީ އެއް ވެސް ޓްރާންސްޕޭރެންޓް ނެތިއޭ ގޯސް ކޮށޭ އޭނަ ބުނި. އަޅުގަނޑަށް ޔަގީން ކަށަވަރު އެއީ ދޮގުކަން. އޭނަ އެކައްޗެއް ވެސް ނުބަލާ އެކައްޗެއް ވެސް އަޑެއް ނާހާ. މީހަކު ބުނި އެއްޗެއް ރިކޯޑް ކޮށްގެން އޭނަގެ ސިނކުޑިއަށް ވައްދައިގެން އޭނަ ބުނި އެއްޗެއް އެއީ." ގާސިމް ވިދާޅުވި އެވެ.
ކޮންމެ ގައުމެއްގެ ވެސް ގާނޫނު އަސާސީ އެކުލަވާލާފައިވަނީ އެގައުމެއްގެ ރައްޔިތުން ކަމަށާއި ރައްޔިތުން ބޭނުންވާ ގޮތަށް ރައްޔިތުން އެކުލަވައިލާ ގާނޫނު އަސާސީއަކަށް ބޭރުގެ ފަރާތަކުން ފާޑުކިޔުމަކީ ކުރެވިގެންވާނެކަމެއް ނޫން ކަމަށާއި ނަމަވެސް ދުނިޔޭގައި އެންމެ ފުރިހަމައަށް އޮތް އެއް ވެސް ޖުޑިޝަރީއެއް ނޯންނާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ފަނޑިޔާރުން އައްޔަންކުރާއިރު ނޫހުގައި ޖަހާ އިއުލާނުކޮށް ހުރިހާ ކްރައިޓީރިއާ ސެޓްކޮށް ކިޔާދީ ހަދާ އިންޓަވިއު ކުރާ ގޮތާއި ޝަރުތުތައް ފުރިހަމަވޭތޯ ވަރަށް ރަނގަޅަށް ބަލާ ހެދި. އަދި އަމަލުކުރަމުން އަންނަނީވެސް ގަވާއިދުގައިވާ ގޮތުގެ މަތިން. އަކުރެއް ފިއްޔަކަށްވެސް ބަދަލެއް ނުގެނެސް އަޅުގަނޑުމެން ކަންކަން ނިންމަނީ. އަޅުގަނޑަށް ހަމަ ކަށަވަރު އެއަށްވުރެ ބޮޑު ދޮގެއް އޭނާ ނުހަދާނެ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެގޮތަށް އަންނަ މީހުން ދައްކާ ވާހަކަ އޭގެ ހަގީގަތް ނުބަލާ ނެރޭ ރިޕޯޓުތައް ރައްޔިތުން ބަލައިގަނެގެން ނުވާނެ ކަމަށާއި އެއީ ކޮންމެވެސް ބައެއްގެ ނުފޫޒުން ހިންގާފައިވާ ކަމެއްކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ރޭގެ ބައްދަލުވުމުގައި ވަނީ މ. ކުނޫޒުގައި ހިންގަމުން އަންނަ ޖުމްހޫރީ ޕާޓީގެ ޖަގަހަ ރަސްމީކޮށް ހުޅުވައިފަ އެވެ. ރޭ ވެސް އެ ޕާޓީއަށް ސޮއިކުރި ބައެއް މެމްބަރުންގެ ފޯމްތައް ވަނީ ގާސިމްއާއި ހަވާލުކުރައްވާފައެވެ.
ޖުޑިޝަރީ ބޮއްސުންލީ ވެލިޒިނީގެ ސަބަބުން ކަމަށް ގާސިމް ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ