ޔާމީނަށް ޙުކުމް ކުރި ބެންޗްގައި އަޅުގަނޑު ދަންނަ މީހަކު ނެތް - ގާސިމް

ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގްގެ މައްސަލައެއްގައި ކްރިމިނަލް ކޯޓުން ޙުކުމް ކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު، ޤާސިމް އިބްރާހީމް ނޫންކަމަށް ވިދާޅުވެ ތުހުމަތުތަކުން ބަރީޢަ ވުމަށް ގާސިމް ރޭ މަސައްކަތް ކުރައްވައިފިއެވެ.
ޖުމްހޫރީ ޕާޓީ އަށް އާއްމުންގެ ބަޔަކު ގުޅިވަޑައިގަތުމުގެ އުފަލުގައި އެ ޕާޓީ އިން އިންތިޒާމް ކުރާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ކުނޫޒް ގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ އޭނާ އާއި މެދު ބައެއް ބޭފުޅުން އާދައިގެ މަތިން ފާޑުފާޑުގެ އެއްޗެހި ބުނަމުން ގެންދާ ކަމަށެވެ. ރައީސް ޔާމީނުގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުނު ޙުކުމުގައި އޭނާގެ އެއްވެސް ކަހަލަ ނުފޫޒެއް ނޯންނާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.
"އެބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ އަޅުގަނޑެއް ނޫންކަން ފަނޑިޔާރުގޭގައި ޙުކުމް ކުރަން ހުރީ، އަޅުގަނޑެއް ނޫންކަން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި އިނީކީ، އަޅުގަނޑެއް ނޫންކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ހުރީވެސް. އަޅުގަނޑު މިއީ ކޮންތާކު ހުރި ކާކުތޯ، ކީއްކުރާ މީހެއްކަން.. އަޅުގަނޑަށް ކިހިނެތްތޯ އެބުނާ ކަންތައް ކުރެވޭނީ؟" ޤާސިމް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ މައްސަލައިގައި ޝަރީޢަތުން 5 ފަނޑިޔާރުންގެ ބެންޗަކުން އިއްތިފާޤުން ނިންމި ނިންމުމަކީ އޭނާގެ އެއްވެސް ދައުރެއް އޮތް ކަމެއް ނޫން ކަމަށާއި، އެ ފަނޑިޔާރުން ނުވެސް ދަންނަ ކަމަށް ޤާސިމް ވިދާޅުވިއެވެ.
"އެއީ ކާކު ކުރި ކަމެއްތޯ؟ އެއީ އަޅުގަނޑު ކުރި ކަމެއްތޯ؟ އަޅުގަނޑުތޯ އެތާ އިނީ؟ އަޅުގަނޑާ ތިމާގެ، އަޅުގަނޑު ދަންނަ މީހަކުވެސް އެތާ ނެތް. ތިމާގެ މީހަކުވެސް ނޫޅޭނެ. ދަންނަ މީހަކުވެސް ނެތް އެ ބެންޗަކު. ކުރީގެ ޝަރީޢަތެއްގައި ގެންދިޔައިރު، އޭރު އިސްޤާޟީ ގޮތުގައި ހުރީ ހައިލަމް، ދެން އެހެންނޫނީ އަޅުގަނޑަށް ދިމާނުވޭ، ދެން އަޅުގަނޑަށް ދިމާވީ އަބްދުލްބާރީ ކިޔާ ބޭފުޅަކާ، އޭރުގެ ސަރުކާރުން އަޅުގަނޑާ ކުރިމަތި ކުރެއްވި ޝަރީޢަތުން،" ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ އޭނާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމުގައި ހުންނަވަނިކޮށް، ޔާމީން ޖަލަށް ލުމުން، އިންސާފުން ކަންތައް ކުރުމަށް ގޮވާލި ކަމަށާއި، "ވާނުވާ ޖަހާފައި" ނުބެހެއްޓުމަށް ގޮވާލި ކަމަށެވެ. ނަމަވެސް، މިއަދު އޭނާ ހުންނެވީ އެ ހައިސިއްޔަތުގައިވެސް ނޫން ކަމަށް ޤާސިމް ވިދާޅުވިއެވެ. ރައީސް ޞާލިހު އެގޮތަށް ކަންތައްތައްވެސް ކުރެއްވި ކަމަށާއި، ރައީސް ޔާމީން ގޭ ބަންދަށްވެސް ބަދަލުކުރެއްވި ކަމަށް ޤާސިމް ވިދާޅުވިއެވެ.
"އަޅުގަނޑު ހެޔޮހިތުން ބުނި ބުނުން އަޅުގަނޑު ޤަބޫލުކުރީ ރައީސުލްޖުމްހޫރިއްޔާ އެކަން ރަނގަޅަށް ކޮށްދެއްވި ކަން. މިއަދު އަޅުގަނޑަށް ކޮން ހައިސިއްޔަތެއް ތޯ އޮތީ އެހެން ބުނަން. އެހެންނޫނަސް، އެމަނިކުފާނު ގޭ ބަންދުގައި ހުންނަވަނިކޮށް، ޝަރީޢަތް ކުރައްވައިގެން މިނިވަންކަމާއެކު ދަތުރުފަތުރުކޮށް އުޅެ، ހުރިހާ ކަމެއް ކޮށް، ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުން ނޫން ހުރިހާ ކަމެއް ކުރެއްވުމުގެ ފުރުސަތު ދީފައި އޮތް." ޤާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ