ޒުވާނުންނަކީ ދުނިޔެއަށް ބޮޑު ބަދަލެއް ގެނުވާނެ ބައެއް: މައުމޫން

ޒުވާނުންނަކީ ދުނިޔެއަށް ބޮޑު ބަދަލެއް ގެނުވާނެ ބައެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ. ޒުވާނުންތަކެއް އިންތިޒާމް ކޮށްގެން އިންޑޮނޭޝިއާގެ ބާލީގައި ބޭއްވި އިންޓަނޭޝަނަލް އެނާޖީ ސަމިޓުގައި ތަގުރީރު ކުރައްވަމުން ރައީސް މައުމޫން ވިދާޅުވީ ޒުވާނުންނަކީ ދުނިޔެއަށް ބޮޑު ބަދަލެއް ގެނުވާނެ ބައެއް ކަމަށާއި ޒުވާނުންގެ ސަބަބުން މުސްތަގުބަލަށް ކުރެވެނީ ވަރަށް ފޮނި އުންމީދުތަކެއް ކަމަށެވެ. "ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވާ ޒުވާނުން އެކަކު އަނެކަކާ ގުޅުން ބަދަހިކޮށް މޫސުމަށް ކުރާ އަސަރުތައް ހުއްޓުވުމަށް ގުޅިގެން މަސައްކަތް ކުރުމަށް އެދެން،" ރައީސް މައުމޫން ވިދާޅުވި އެވެ. ރައީސް މައުމޫން ވިދާޅުވީ މޫސުމަށް ބަދަލުތައް އަންނަ މައިގަނޑު ސަބަބަކީ ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ ހަކަތަ އުފެއްދުމާއި ބޭނުންކުރުމުގައި އަމަލު ކުރެވޭ ގޮތްތައް ކަމަށެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޖަރީރާ ގައުމުތަކަށް ބޮޑު އަސަރެއް ކުރާ ކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ. "މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރު އެންމެ ބޮޑަށް ކުރާނީ ބޮޑެތި ގައުމުތަކަށްވުރެ ބޮޑަށް ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކަށް، އެއީ ކުދި ޖަޒީރާ ގައުމުތައް،" ރައީސް މައުމޫން ވިދާޅުވި އެވެ. އެމަނިކުފާނުގެ ތަގުރީރުގައި މިއަހަރު ފުރާންސްގެ ޕެރިހުގައި ބާއްވާ އދ. ކްލައިމެޓް ޗޭންޖް ކޮންފަރެންސް އަށް އަލި އަޅުވާލައި ވިދާޅުވީ އެކޮންފަރެންސްގައި މޫސުމަށް ކުރާ އަސަރުތައް ކުޑަ ކުރެވޭނެ ގިތްތަކަކަށް ދުނިޔޭގެ ގަުއމުތަކުން އެއްބަސްވާނެ ކަމަށެވެ. ރައީސް މައުމޫނަކީ އެމަނިކުފާނުގެ ވެރިކަމުގައި ތިމާވެށި ހިމާޔަތް ކުރެއްވުމަށް މީހުން ހޭލުންތެރި ކުރުމަށް "ފެހިފަތް" ފަދަ އެތައް ކަމެއް ތައާރަފްކޮށްފައިވާ ބޭފުޅެކެވެ. އޭގެ އަގުވަޒަންކޮށް އެމަނިކުފާނަށް ތިމާވެށީގެ ދާއިރާ އިން ވަނީ ބައިނަލްއަގުވާމީ އެވޯޑްތަކެއް ވެސް ލިބިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ