އެމްޑީއެން ކުއްވެރި ނުކުރަން ފޭދޫ މެމްބަރު ދެއްކެވީ ތަފާތު އުޒުރެއް!

ދީނުގެ އަސްލުތައް އޮޅުވާލައި އިސްލާމް ދީނާއި މި އުންމަތުގެ މާތް ރަސޫލާ (ސ.އ.ވ) އަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރެފައިވާ ރިޕޯޓާއި ގުޅިގެން އެ ޖަމިއްޔާ ކުއްވެރި ނުކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ތަފާތު އުޒުރެއް ދައްކަވައިފިއެވެ.
ދިރާސާއެއް ކުރުމުގެ ނަމުގައި އެމްޑީއެން އިން ނެރެފައިވާ ދީނާ ޚިލާފު ރިޕޯޓާއި ގުޅިގެން ގިނަ ބަޔަކު ނުރުހުން ފާޅުކޮށް، އެ ޖަމިއްޔާ އުވާލުމަށް ގޮވާލަމުންދާ މި ދަނޑިވަޅުގައި މެމްބަރު ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، "މަހާ ވަގަށް" ޖަލު ޙުކުމެއް އައުމުގެ ކުރިޔަށް ޤައުމު ހަލަބޮލިކޮށްލުމަށް އެތައް ކަމެއް ރާވާނެ ކަން ރައްޔިތުންނަށް ވަރަށް ސާފު ކަމަށެވެ.
އަދި އިންސާފު ލިބުން ލަސްވާ ކޮންމެ ދުވަހަކީ ވަގުން ނިކުމެ ވައްކަމަށް މަގުފަހިކުރަން މަސައްކަތްކުރާނެ ދުވަހެއްކަން ޔަޤީން ކުރެވޭ ކަމަށްވެސް ނިހާދު ވިދާޅުވިއެވެ.
"މަހާ ވަގަށް ޖަލު ހުކުމެއް އައުމުގެ ކުރިޔަށް ޤައުމު ހަލަބޮލި ކޮށްލުމަށް އެތައް ކަމެއް ރާވާނެކަން ރައްޔިތުންނަށް ވަރަށް ސާފު! އިންސާފު ލިބުން ލަސްވާ ކޮންމެ ދުވަހަކީ ވަގުން ނިކުމެ ވައްކަމަށް މަގުފަހިކުރަން މަސައްކަތްކުރާނެ ދުވަހެއްކަން ޔަޤީން!" މެމްބަރު ނިހާދު ކުރެއްވި ޓްވީޓުގައި ވެއެވެ.
އެމްޑީއެންގެ އަމަލާއި ގުޅިގެން ނިހާދު މި މޭރުމުން ވާހަކަ ދައްކަވާފައިވާއިރު، އައްޑޫ ސިޓީ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްވެސް އެ މައްސަލައިގައި ކުށްވެރިކޮށްފައި ވަނީ ކުރީގެ ސަރުކާރެވެ. ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި އެގޮތުން ވިދާޅުވެފައި ވަނީ، ރިޕޯޓު ނެރުނީ އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަމަށާއި، އެހެންކަމުން އެކަމުގައި އިހުމާލުވާން ޖެހޭނެ ބޭފުޅަކީ އެއީ ކަމަށެވެ.
އެންޑީއެމްގެ ރިޕޯޓާއި ގުޅިގެން އެމްޑީޕީގެ ގިނަ މެމްބަރު އެކަން ކުށްވެރިކޮށް އެ ޖަމިއްޔާ ބަންދުކުރުމަށް ގޮވާލަމުންދާ މި ދަނޑިވަޅުގައި، އައްޑޫ މެމްބަރުން "އުޒުރު ދައްކަވަމުން" ގެންދަވާތީ ގިނަ ބައެއްގެ ފާޑުކިޔުން އެބޭފުޅުންނަށް ދަނީ އަމާޒުވަމުންނެވެ.
ދިރާސާގެ ނަމުގައި އެމްޑީއެން އިން ނެރެފައިވާ ރިޕޯޓުގައި އިސްލާމް ދީނުގެ އަސްލުތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައި ވެއެވެ. އެގޮތުން ރާއްޖޭގައި ހައްދުފަހަނައަޅާފައިވާ ވިސްނުމުގެ މައްސަލަ ބޮޑުވަނީ ދީނުގެ ކަންކަން އޮންނަ ގޮތުން ކަމަށް ދޭހަވާފަދަ ވާހަކަތައް އެރިޕޯޓުގައި ހިމަނާފައި ވެއެވެ. އަދި ރަސޫލާގެ ސުންނަތުންނާއި ޤުރުއާނުން ހާމަވާ ބައެއް ކަންކަމާއި މެދު އެ ރިޕޯޓުގައި ސުވާލު އުފައްދާފައި ވެއެވެ.
މިކަމަށް ދީނީ އިލްމުވެރިންނާއި ސިޔާސީ އަދި ސަރުކާރުގެ އިސް ފަރާތްތަކާއި ގިނަ އަދަދެއްގެ އާންމުންގެ ނުރުހުންވުން އަމާޒުވަމުންދާއިރު، އެފަރާތްތަކުން ދަނީ އެމްޑީއެން އުވާލުމަށް ގޮވާލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ