ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ހއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު ހޯރަފުއްޓަށް ވަޑައިގަތުމުން އެމަނިކުފާނަށް އަމާޒުކޮށް ޒުވާނަކު ދިން ވަޅީގެ ހަމަލައަކުން ރައީސް މައުމޫން ސަލާމަތްވެވަޑައިގެންފި އެވެ.
ރައީސް މައުމޫނަށް އަމާޒުކޮށް ވަޅިން ހަމަލަދޭން މަސައްކަތްކުރީ، ހެނދުނު 10 ޖަހާކަންހާއިރު އެ މަނިކުފާނު ހޯރަފުއްޓަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ސަލާމް ކުރައްވަމުން ގެންދަވަނިކޮށެވެ. އެހެން ނަމަވެސް ހޯރަފުށީ ކިނާރާ، މުހައްމަދު މުރުޝިދު، ،20 ދިން ވަޅީގެ ހަމަލައިން ރައީސް މައުމޫން ސަލާމަތްވެ ވަޑައިގެންނެވީ އެ ރަށު ސްކޫލުގައި ކިޔަވަމުންދިޔަ ސްކައުޓް ކުއްޖެއް ކަމަށްވާ ދިވެލި، ޖައިޝަމް އިބްރާހީމް ،16 އެކަމަށް ހުރަސްއެޅުމުގެ ސަބަބުންނެވެ.
ރައީސަށް މަރުހަބާ ދެންނެވުމަށްޓަކައި ތިބި ހޯރަފުށީގެ ގިނަ އަދަދެއްގެ ބަޔަކާ އެ މަނިކުފާނު ސަލާމް ކުރައްވަމުން ގެންދަވަނިކޮށް، މީހަކު ވަޅިން ރައީސަށް ހަމަލަދޭން އުޅުނު ވަގުތު ޖައިޝަމް ވަނީ އެ ވަޅީގައި ހިފަހައްޓައިފަ އެވެ. އަދި އެވަގުތު ޖައިޝަމްގެ ވައަތަށް އެ ވަޅި ހެރި ވަރަށް ބޮޑަށް ޒަހަމްވެ، މިހާރު ގެންދަނީ ހޯރަފުށީ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންނެވެ.
ސިއްހީ މަރުކަޒުގައި އެޑްމިޓްކޮށްފައިވާ ޖައިޝަމް، ފޯނުން ހަވީރަށް ކިޔައިދިން ގޮތުގައި މުރުޝިދު، ރައީސް މައުމޫނަށް ހަމަލަދޭން އުޅުނީ ދިވެހި ދިދައެއްގެ ތެރެއަށް ލާފައި އޮތް ބޮޑު މަސްވަޅިއަކުންނެވެ.
"އޭނަ )މުރުޝިދު( ހުރީ އަހަރެންގެ ފަހަތުގައި. އެހެން ހުރެފައި އަހަރެންގެ ބުރަކަށީގައި )ވަޅިން( ޖައްސައިފައި ބުނީ ދުރަށްދާށޭ. އޭރު އަޅުގަނޑާ ސަލާމްކުރަން ރައީސް ވަޑައިގަންނަވަނީ. އަހަރެން ބުނީ ރައީސް އެ ވަޑައިގަންނަވަނީއޭ. ކިހިނެއްހޭ ދުރަށް ދާނީ؟ ރައީސް ވަޑައިގެން ސަލާމް ކުރައްވަން އަޅުގަނޑުގެ އަތުގައި ހިއްޕެވި ވަގުތު މީނަ )މުރުޝިދު( ﷲ އަކްބަރު އޭ ކިޔައިފައި ދިދަ ތެރެއިން ވަޅި ނަގައިފައި ރައީސްގެ ބަނޑުފުޅާ ދިމާލަށް ދިއްކޮށްލީމަ އަހަރެންގެ ވާތް ދިއްކުރީ އެ ވަޅިއާ ދިމާލަށް. ވަޅި ޖަހަން އުޅޭތަން ފެނުނީމަ އަހަރެން ވާތް ހިއްލާލީ. އެވަގުތު އަޅުގަނޑުގެ ވާތަށް ވަޅި ހެރުނީ. އޭރު ރައީސް ހުންނެވީ އަޅުގަނޑާ ސަލާމް ކުރައްވަން އަޅުގަނޑުގެ ކަނާތުގައި ހިއްޕަވައިގެން،" ޖައިޝަމް ކިޔައިދިނެވެ. "އަޅުގަނޑު އަތުން ދެވަނަ ފަހަރަށް ވަޅި ދަމައިގަނެގެން ރައީސަށް ހަމަލަދޭން އުޅެނިކޮށް ފުލުހުން ގޮސް މުރުޝިދުގެ ގައިގައި ހިފެހެއްޓީ. ދެވަނަ ފަހަރަށް ވަޅި ހޫރާލަން އުޅުނު ވަގުތު ރައީސްގެ ބޮޑީ ގާޑުން ހެދި ގޮތަކީ ރައީސް ފަހަތަށް ދަމައިގަތީ. އެ ވަގުތު ވަޅީގައި ހުރި ލޭ ރައީސްގެ ގައިކޮޅަށް ބުރައިގެން ދިޔަ،" ޖައިޝަމް ބުންޏެވެ.
ރައީސްގެ ހަށިކޮޅުގައި ވަޅިން ޖެހުނުތޯ ސުވާލުކުރުމުން ޖައިޝަމް ބުނީ ދެވަނަ ފަހަރަށް ވަޅިން ހަމަލަދޭން އުޅުނު ވަގުތު އޭނާ ބިންމައްޗަށް ވެއްޓުނީ ކަމަށާއި ފަހުން ކަންތައް ވީގޮތެއް ނޭނގުނު ކަމަށެވެ.
ރައީސަށް ދޭން އުޅުނު ވަޅީގެ ހަމަލައަށް ހުރަސްއެޅި ޖައިޝަމްގެ ވާތް މިހާރު ވަނީ ފަހައިފަ އެވެ. އިތުރު ފަރުވާދިނުމަށް އޭނާ މާލެ ގެނައުމުގެ މަސައްކަތް ނޫސް ޗާޕަށްދިޔައިރު ދަނީ ކުރަމުންނެވެ.
ރައީސަށް ދިން ވަޅީގެ ހަމަލައާ ގުޅިގެން އެ މަނިކުފާނުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފު ރޮއިޓާސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ރައީސް ޒަހަމްވެ ވަޑައިނުގެންނެވި ނަމަވެސް، ހެދުންކޮޅުގައި ވަޅި ޖެހިފައިވާ ކަމަށެވެ. އެކަމަކު އޭގެ ތަފުސީލެއް ނުދެއްވަ އެވެ.
ވަޅީގެ ހަމަލައަށް ފަހު، ދައުލަތުގެ މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މައުމޫން ވިދާޅުވީ އެ ހަމަލައިން އެ މަނިކުފާނަށް އެއްވެސް ގެއްލުމެއް ލިބިވަޑައިނުގަންނަވާ ކަމަށެވެ.
ހއ. އަތޮޅުން ދިއްދޫ ފިޔަވައި އެންމެ ބޮޑު އާބާދީއެއް އޮންނަ ހޯރަފުށީގައި ރައީސަށް ވަޅިން ހަމަލަދޭން އުޅުނު މުރުޝިދު މިހާރު ވީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އެހެން ނަމަވެސް އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއްނުކުރެ އެވެ. އެކަމަކު ހޯރަފުށީ މީހަކު ކިޔައިދިން ގޮތުގައި މުރުޝިދަކީ މިހާތަނަށް އެއްވެސް ކުށެއްގައި ބައިވެރިވެފައިވާ މީހެއް ނޫނެވެ.
"ރިސޯޓެއްގައި އުޅެފައި އޭނާ ރަށަށް އައިތާ އަދި ވާނީ މަހެއްހާ ދުވަސް. ސްކޫލުގައި އުޅުނުއިރު ވެސް ވަރަށް އަތް އިސްކޮށް އުޅޭ މީހެއް އެއީ. ސްކޫލުން ވެސް ކެނޑުނުތާ އަދި ވާނީ ދެ އަހަރެއްހާ ދުވަސް. އެކަމަކު ދީނީގޮތުން ކޮންމެވެސް ވަރަކަށް ހިޔާލު ތަފާތު މީހެއް އެއީ. ދީނީ ގޮތުން ވަކި ވިސްނުމެއް ގެންގުޅޭ މީހެއް އެއީ،" ހޯރަފުށީ ކަތީބު އަލީ ނަސީރު އާދަމް މިއަދު ވިދާޅުވި އެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުގައި ރައީސް ވިދާޅުވި ގޮތުގައި ކަންތައްތައް ހައްލުކުރަން ހުރިހާ އެންމެން ވެސް އުޅެންޖެހޭނީ ވާހަކަ ދައްކައިގެންނެވެ.
"އަޅުގަނޑުމެންގެ އަދި ހިޔާލު ތަފާތުވިޔަސް ނުޖެހޭ އެކަކު އަނެކަކަށް ހަމަލާދޭކަށް، އެކަކު އަނެކަކު މަރާލާކަށް އުޅެން. އަޅުގަނޑުމެންގެ ސިޔާސީ ޕާޓީތައް ވެސް އެއަށް ވުރެ ބޮޑަށް ތަސައްރަފު ފުދެންވާނެ،" ރައީސް މައުމޫން ވިދާޅުވި އެވެ.
މި ހަމަލައާ ގުޅިގެން ރައީސްގެ ތަރުޖަމާން ރޮއިޓާސް އަށް ދެއްވި އިންޓަވިއުގައި ވިދާޅުވެފައި ރައީސަށް ދިން ހަމަލައިގެ ފަހަތުގައި ތިބީ ދީނީގޮތުން ހަރުކަށި ވިސްނުން ގެންގުޅޭ ފަރާތްތައް ނޫން ކަމަށާއި އެއީ އެ މަނިކުފާނުގެ ސިޔާސީ ވާދަވެރިންގެ އަމަލެއް ކަމަށެވެ.
ރައީސަށް ދޭން އުޅުނު މި ހަމަލަ ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުންނާއި އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ )އައިޑީޕީ( އާއި ރައީސް މައުމޫނުގެ ޑީއާރުޕީން ކުށްވެރިކޮށް ވަނީ ނޫސްބަޔާން ވެސް ނެރެފަ އެވެ.
30: 3
މިއަދު ހެނދުނު ހޯރަފުށީ ޒުވާނަކު އެރަށުގައި ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމަށް އަމާޒުކޮށް ދިން ހަމަލާ އަށް ހުރަސް އެޅުމުން އަތް ޒަހަމްވި ސްކައުޓް ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނައުމަށް ހަނިމާދުއަށް ދާދި ދެންމެއަކު ފުރުވާލައިފި އެވެ.
އުމުރުން 16 އަހަރުގެ ޖައިޝަމް އިބްރާހިމްގެ ވާތް ޒަހަމްވީ މުހައްމަދު މުރުޝިދު ވަޅިން ހަމަލާ ދިން އިރު އެވަޅީގައި ހިފެހެއްޓުމުންނެވެ. މުރުޝިދު އަތުން ވަޅި އަތުލުމަށް އުޅުމުގެ ތެރޭގައި ފުލުހެއް ވެސް ކުޑަކޮށް ޒަހަމްވި ކަމަށް އެރަށުގެ ބައެއް މީހުން ބުނެ އެވެ.
50: 11
ހިޔާލު ތަފާތު ވިޔަސް އެކަކު އަނެކަކަށް ހަމަލާ ދޭން އަދި މަރަން ނުޖެހޭނެ ކަމަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްޤައްޔޫމް ދާދި ދެންމެ އަކު ވިދާޅުވެއްޖެ އެވެ.
ހޯރަފުއްޓަށް ވަޑައިގަތުމުން އެމަނިކުފާނަށް އަމާޒުކޮށް ހޯރަފުށީ ކިނާރާ މުހައްމަދު މުރުޝީދު ، ،20 މިއަދު ހެނދުނު 30: 10 ގައި ވަޅިއަކުން ދޭން އުޅުނު ހަމަލާއާ ބެހޭ ގޮތުން ޓީވީއެމާއި ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވި އެވެ: "އަޅުގަނޑުމެންގެ އަދި ހިޔާލު ތަފާތު ވިޔަސް ނުޖެހޭ އެކަކު އަނެކަކަށް ހަމަލާ ދޭކަށް، އެކަކު އަނެކަކު މަރާލާކަށް އުޅެން. އަޅުގަނޑުމެންގެ ސިޔާސީ ޕާޓީތައް ވެސް އެއަށް ވުރެ ބޮޑަށް ތަސައްރަފު ފުދެން ވާނެ."
ރައީސް ވިދާޅުވި ގޮތުގައި ކަންތައްތައް ހައްލުކުރަން ހުރިހާ އެންމެން ވެސް އުޅެން ޖެހޭނީ ވާހަކަ ދައްކައިގެންނެވެ.
ހޯރަފުށީ ޒުވާނަކު އެމަނިކުފާނަށް އަމާޒުކޮށް ހަމަލާ ދޭން އުޅުނު ނަމަވެސް އެމަނިކުފާނަށް ހޯރަފުށީ ރައްޔިތުން ކީ ވަރަށް ބޮޑު މަރުހަބާއެއް ކަމަށް ވިދާޅުވި އެވެ. އަދި މި ހަމަލާގެ ސަބަބުން އެމަނިކުފާނުގެ ދަތުރުފުޅަށް ބަދަލެއް ނާންނާނެ ކަމަށާއި "މިފަދަ ހަމަލާއަކުން އަޅުގަނޑުގެ އަޒުމަށް ބަދަލެއް ނާންނާނެ ކަމަށް" ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނާ ބެހޭ ގޮތުން ބަޔަކު ކިތައްމެ ގޯސް ވާހަކަތަކެއް ދެއްކި ކަމުގައި ވިޔަސް ރާއްޖޭގެ ގިނަ ރައްޔިތުން އެ ވާހަކައެއް ގަބޫލެއް ނުކުރެ އެވެ.
ވަކި ބަޔަކު ރާވައިގެން ކުރިކަމެއް ކަމަށް ދެކެވަޑައިގަންނަވަންތޯ ޓީވީއެމުން ކުރި ސުވާލަށް އެމަނިކުފާނު ވިދާޅުވީ އެކަން އެނގޭނީ "ތަހުގީގު ކުރުމުން" ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ހަމަލާ އިން އެމަނިކުފާނަށް އެއްވެސް ގެއްލުމެއް ލިބިވަޑައެއް ނުގަންނަވަ އެވެ.
ހަމަލާގެ ހަބަރު އެންމެ ފުރަތަމަ ހަބަރު ފެތުރުނު އިރު އެމަނިކުފާނުގެ ގަމީސްކޮޅުގައި ލޭ ހުރި ކަމަށް ވާހަކަ ދެކެވުނެވެ.
ހަމަލާ އަށް ފަހު ރައީސް ވަޑައިގެންނެވީ ރަށްވެހިގެއަށެވެ.
ހއ. އަތޮޅުގެ ވެރިރަށް ދިއްދޫ ނެގުމަށް ފަހު އެންމެ ބައިބޮ ރަށް ހޯރަފުށީގައި ރައީސަށް އަމާޒުކޮށް މި ހަމަލާ ދިން މުރުޝީދު ހިފެހެއްޓީ ރައީސްގެ އަރިހުގައި ހުރި ބޮޑީގާޑެވެ. މުރުޝީދު މިހާރު ވަނީ ފުލުހުންގެ ހައްޔަރުގަ އެވެ.
40: 11
ރައީސް މައުމޫނަށް މިއަދު ދޭން އުޅުނު ހަމަލާ އަށް ހުރަސް އަޅައި ވަޅީގައި ހިފެހެއްޓީ ޖައިޝަމް އިބްރާހިމް ، ،16 ދިވެލި އެވެ. އޭނާއަށް މިހާރު ދަނީ އެ ރަށު ސިއްހީ މަރުކަޒުން ފަރުވާ ހޯދަމުންނެވެ.
33: 11
ރައީސުލް ޖުމްހޫރިއްޔާ އަށް ދިން ހަމަލާ އިސްލާމިކް ޑިމޮކްރެޓިކް ޕާޓީން ކުށްވެރިކޮށްފި އެވެ.
"ރާއްޖެ އަށް ޑިމޮކްރަސީ ގެންނަން އުޅޭ މިފަދަ ދަނޑިވަޅެއްގައި މިފަދަ ކަންތައްތަކަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަންތައްތަކެއް ނޫން،" އައިޑީޕީގެ ނައިބު ރައީސް މުހައްމަދު ހަސަން މަނިކު ވިދާޅުވި އެވެ.
27: 11
ދާދި ދެންމެ އަކު ޓީވީއެމުން ބުނި ގޮތުގައި ރައީސަށް ދޭން އުޅުނު ހަމަލާ އިން ސަލާމަތްވެވަޑައިގަތުމުން، އެކަމާ ބެހޭ ގޮތުން ޓީވީއެމާއި ރޭޑިއޯ މެދުވެރިކޮށް ދާދި އަވަހަށް ވާހަކަފުޅު ދައްކަވާނެ އެވެ.
25: 11
ރައީސް އަށް ހަމަލާ ދޭން އުޅެގެން ހައްޔަރުކޮށްފައި ވަނީ ހޯރަފުށީ ޒުވާނެއް ކަމަށްވާ އެރަށު ކިނާރާ މުހައްމަދު މުރުޝީދު ކަމަށް ދާދި ދެންމެއަކު ހަވީރަށް ވަނީ އެނގިފަ އެވެ.
20: 11
ރައީސްގެ ތަރުޖަމާން މުހައްމަދު ހުސެން ޝަރީފު ވިދާޅުވި ގޮތުގައި ރައީސަށް ދިން ހަމަލާ އިން އެމަނިކުފާނު ސަލާމަތްވެވަޑައިގަތީ ސްކައުޓް ކުއްޖާ ވަޅީގައި ހިފެހެއްޓުމުންނެވެ.
ގައުމީ ދިދައެއްގެ ތެރެއަށް ލައިފާ ފޮރުވާފައި އޮތް ވަޅިން ރައީސަށް ހަމަލާ ދޭން އުޅެނިކޮށް އުމުރުން 15 އަހަރުގެ ސްކައުޓް ކުއްޖާ ވަޅީގައި ހިފެހެއްޓުމުން އޭނާގެ އަތް ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.
"އޭނާ ހުރީ ދިދައެއްގެ ތެރައަށް ވަޅި ލައިގެން. ރައީސްގެ ގަޔަށް ހަރަން ވެގެން ވަޅި ނެރުނު ވަގުތު ސްކައުޓް ކުއްޖާ ވަޅީގައި ހިފިހެއްޓީ،" ޝަރީފް ވިދާޅުވި އެވެ.
14: 11
ހއ. އަތޮޅަށް ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްޤައްޔޫމް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު 30: 10 ހާއިރު އެ އަތޮޅު ހޯރަފުއްޓަށް ވަޑައިގަތުމުން އެ މަނިކުފާނަށް ވަޅިއަކުން ހަމަލާ ދޭން މީހަކު މަސައްކަތްކޮށްފި ކަމަށް އިންފޮމޭޝަން މިނިސްޓަރު މުހައްމަދު ނަޝީދު ހަމަ ދެންމެ ކަށަވަރުކޮށްދެއްވައިފި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ހޯރަފުއްޓަށް ފައިބައި ވަޑައިގެން ރައްޔިތުންނާ ސަލާން ކުރައްވަމުން ގެންދަވަނިކޮށް ހަމަލާ ދިން މީހާ ރައީސްގެ ބަނޑުފުޅަށް ވަޅި ހަރާލަން މަސައްކަތްކުރި އެވެ. ނަމަވެސް އެމަނިކުފާނަށް އެއްވެސް ގެއްލުމެއް ލިބިވަޑައިނުގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ހަވީރަށް އެނގިފައިވާ ގޮތުގައި ހަމަލާ ދިން މީހާގެ ވަޅި ހެރުނީ އެތަނުގައި ހުރި ސްކައުޓް ކުއްޖެއްގެ އަތަށެވެ.
00: 11
ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްޤައްޔޫމް ހއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު 30: 10 ހާއިރު، އެ އަތޮޅު ހޯރަފުއްޓަށް ވަޑައިގަތުމުން އެ މަނިކުފާނަށް ވަޅިއަކުން ހަމަލާ ދޭން މީހަކު މަސައްކަތްކޮށްފި ކަމަށް އިންފޮމޭޝަން މިނިސްޓަރު މުހައްމަދު ނަޝީދު ހަމަ ދެންމެ ކަށަވަރުކޮށްދެއްވައިފި އެވެ.
އިތުރު ތަފުސީލު އަންނަނީ....
ހޯރަފުށީގައި ވަޅިން ދިން ހަމަލައަކުން ރައީސް މައުމޫނު ސަލާމަތްވެވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ