ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ކުށުގެ ތުހުމަތެއްގައި ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އަދި ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް އަންގާފައިވަނީ، ޑީއާރުޕީގެ ބޭފުޅުން ގާނޫނީ ގޮޅިއަކަށް ފެއްތުމަށް ސިޔާސީ ކުލަވަރު ޖެހިގެން ކޮށްފައިވާ ދައުވާއެއް ކަމަށް އެ ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
ޑީއާރުޕީ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ތަސްމީން ވިދާޅުވީ މިއަދު މިއޮތް ސަރުކާރު ޑިމޮކްރެޓިކް އުސޫލްތައް ތަބާވާ ވާހަކަ ތަކުރާރުކޮށް ދައްކާއިރު ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ކޮންމެ ކަމެއް ކުރިއަސް އެ މީހުން އިންސާފުގެ ކުރިމައްޗަށް ގެނެވޭ ތަނެއް ނުފެންނަ ކަމަށެވެ.
"އަޅުގަނޑުމެންގެ ބޭފުޅުން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގާނޫނީ އިމުގެ ތެރޭގައި ސުލްހަވެރިކަމާއެކީ ހިންގި ސިޔާސީ ހަރަކާތެއްގެ ތެރެއިން ސިޔާސީ ބޭނުމަށްޓަކައި މިހާރު ގާނޫނީ ގޮތުން ގޮޅިއަކަށް ފެއްތޯ ސަރުކާރުން މަސައްކަތްކުރަމުން ގެންދަނީ. މިކަން ކަމުގެ ބޭނުމަކީ އަޅުގަނޑުމެން މިއަދުގެ ސަރުކާރު ޖަވާބުދާރީކުރުމަށް ކުރާ މަސައްކަތްތަކަށް ހުއްޓުވުމަކަށް ކަމަށްވަންޏާ ސަރުކާރަށް ވަރަށް ބޮޑަށް އެކުރެވެނީ ކުށްހީއެއް. އެކަމެއް ނުކުރެވޭނެ،" ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ވިދާޅުވި އެވެ.
ތަސްމީނު ވިދާޅުވީ ސަރުކާރުން ފިއްތާ ފިއްތުންތަކަކަށް ޑީއާރުޕީގެ ލީޑަޝިޕުން ބޮލެއް ނުލަނބާނެ ކަމަށެވެ. އަދި އެ ބޭފުޅުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި ދެމި ތިއްބަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހަމަހަމަކަމާއި އިންސާފާއެކީ މައްސަލައެއް ތަހުގީގުކޮށް ޝަރުއީ މަރުހަލާ އަށް ފޮނުވުމަކީ އެއީ އެއްވެސް ހާލެއްގައި އަޅުގަނޑުމެން އިންކާރުކުރާނެ ކަމެއް ނޫން. އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ އެކިއެކި ސިޔާސީ ހަރަކާތްތައް ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ހިންގަމުން ގެންދިޔަތަން. އޭގެ ތެރޭގައި ވަރަށް ބޮޑު ގޯސްތައް ހަދާފައިވާ ތަން،" ތަސްމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގޭދޮށަށް އެއްވެ މީހުން ދަންޖައްސަން ގޮވާ ހަދާފައިވާ ކަމަށެވެ. އަދި މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ ގެކޮޅަށް ގާއުކައި ހެދި މައްސަލަތައް ތަހުގީގުކޮށް ނަތީޖާއެއް ނެރެވިފައިނުވާ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
"އަދި އެކިއެކި މުޒާހަރާތައް އެމްޑީޕީން އިންތިޒާމްކޮށްގެން މާލެ އާއި އަތޮޅުގައި ހިންގާފައި ވަނީ. އަދި އެއްވުން މަނާ ސަރަހައްދުތަކަށް ގޮސް ވަރަށް ބޮޑެތި ގޯސްތައް ހަދާފައި ވަނީ،" އޭނާ ވިދާޅުވި އެވެ.
ތަސްމީން ވިދާޅުވީ މަޖިލިސް ކައިރިއަށް އެމްޑީޕީގެ ބަޔަކު އެއްވި ދުވަހު އެތަނުން ބައެއް މީހުން ބިޑިއަޅުވަން އުޅެނިކޮށް އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ގޮސް ފުލުހުންގެ މަސައްކަތަށް ހުރަސް އެޅިތަން ފެނިވަޑައިގެންނެވި ކަމަށެވެ. އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާ މައްސަލަތަކުގެ ފަހަތުގައި ފޮރުވިފައިވަނީ ކޮން ސިއްރުތަކެއްތޯ ބެލުމަށް ޕްރޮސެކިއުޓާ ޖެނެރަލަށް ގޮވާލައްވާ ކަމަށް އޭނާ ކަމަށެވެ.
ތަސްމީން ވިދާޅުވި ވަކި ބަޔަކަށް ވަކި ގޮތެއް ހަދާކަން ދޭހަވާ ގޮތަށް ކަމެއް ފެނިއްޖެއްޔާ އެކަމެއް މިހާރަށް ވުރެ ބޮޑަށް ޕްރޮސެކިއުޓާ ޖެނެރަލް ބައްލަވަން ޖެހޭނެ ކަމަށެވެ.
ސަލާމަތީ ހިދުމަތްތަކާ ބެހޭ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ ) 241 ކޮމެޓީ( ގެ މުގައްރިރުކަން ވެސް ކުރައްވާ އަލީ ވަހީދުގެ މައްޗަށް ކުރާ ދައުވާއަކާ ގުޅިގެން ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް ޗިޓްގައި އަންގާފައި ވަނީ އަންނަ ހަފުތާގެ ހޯމަ ދުވަހު އެވެ. އަދި މަހުލޫފު ވެސް ވިދާޅުވީ ޗިޓު އައިސްފައި ވަނީ އެ ދުވަހު ހާޒިރުވުމަށެވެ.
ނަމަވެސް ކޯޓަށް ހާޒިރުވާން އެންގީ ކޮން ސަބަބަކާ ގުޅިގެން ކަމެއް، އެ ނޫސްކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި އަލީ ވަހީދާއި މަހުލޫފު ވިދާޅެއް ނުވެ އެވެ. އެކަމަކު ރައީސް މުހައްމަދު ނަޝީދުގެ ރަސްމީ ގެކޮޅު މުލީއާގޭ ދޮށަށާއި ސިފައިންގެ ކައިރިއަށް އެއްވި މައްސަލައިގައި ތަފާތު އެތައް ފަހަރަކު އެކި ކަންކަމާ ގުޅިގެން ސުވާލު ކުރުމަށް އެ ދެ މެމްބަރުން ފުލުސް އޮފީހަށް ހާޒިރު ކޮށްފައިވެ އެވެ.
އެ ނޫސްކޮންފަރެންސްގައި ވާހަކަދައްކަވަމުން މަހުލޫފް ވިދާޅުވީ ގާނޫނުތަކާއި ގަވައިދުތަކާ ހިލާފަށް އަމަލުކުރަމުންދަނީ މިއަދު ސަރުކާރުންނާއި އެމްޑީޕީން ކަމަށެވެ.
"އަޅުގަނޑަށް ގަބޫލުކުރެވެނީ އޭރު [މުލިއާގެ ދޮށަށް އެއްވެ މުޒާހަރާ ކުރި ދުވަސްވަރު] އަޅުގަނޑުގެ ބައްޕަ އުޅުނީ ފުލުސް އޮފީހުގައި. ފުލުސް އޮފީހުގަ އުޅުނު ދުވަސްވަރު ގެއިން ޔުނިފޯމް އަޅައިގެން ނުކުންނަނިކޮށް ބައްޕަގެ ކުރިމައްޗަށް އެރުނީ ކަމަށް ވެދާނެ ފުލުހުންނަށް ހުރަސް އެޅިކަމަށް ބުނެ ދައުވާކުރަނީ. ދުވަހަކު ވެސް ޑީއާރުޕީގެ އިސް ސަފުގައި މަސައްކަތްކުރާ ފަރާތަކުން ފުލުހުންގެ މަސައްކަތް ހުރަހެއް އެޅިތަނެއް ނުފެންނާނެ،" އޭނާ ވިދާޅުވި އެވެ.
މަހުލޫފް ވިދާޅުވީ އޭނާ އާއި އަލީ ވަހީދާ ދެ ބޭފުޅުންނާ އެމްޑީޕީގެ ވަރަށް އިސް ދެ ބޭފުޅަކު ބައްދަލުކޮށް، އެމްޑީޕީ އަށް ސޮއިކުރުމުން އެ މައްސަލަ އަނބުރާ ގެންނަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކޮށްދޭނެ ކަމަށް ބުނި ކަމަށެވެ. ނަމަވެސް އެ ވިސްނުމުގައި އެކަން ނުކުރުމަށް އެ ދެ ބޭފުޅުން ދެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.
"ފުނޑުފުނޑުވިޔަސް ތިގޮތަށް ބިރު ދައްކައިގެން އަޅުގަނޑުމެން ގުޑައެއް ނުލާނެ،" މަހުލޫފް ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ ސަރުކާރުން ކުރާ އެއްވެސް ކަމަކުން ޑީއާރުޕީން ހިންގާ އެއްވެސް ހަރަކާތަކަށް ބުރުލެއްނާރާނެ ކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާގެ ތެރޭގައި ޕީޖީ އޮފީސް ތެރެއިން ވެސް ވަކި ބަޔަކު ސިޔާސީ ގޮތުން ފަރުދީ ގޮތުން ޒާތީ ތައައްސުބެއްގެ ތެރެއިން ފޮނުވާފައިވާ މައްސަލައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޑީއާރުޕީ ތެރެއިން އެ ކުޅެލެވެނީ ވެސް ނުބައި ބަޔަކާ. އަޅުގަނޑުމެންނާ މިހެން ކުޅެލީމަ ދެ ދަރަޖަ މައްޗަށް ދާނެ. މިއަދު މަޖިލީހުން ވެސް ފެނިގެންދާނެ ޓެންޕޯ އުޅެނީ ތިން ދަރަޖަ މަތީގައި،" އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދާއި މަހުލޫފުގެ މައްސަލަ ކޯޓަށް ފޮނުވީ ސިޔާސީ ކުލަވަރު ޖެހިގެން: ތަސްމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ