އޮޑިޓަ ޖެނެރަލް ކަމަށް އަލީ ރަޝީދު އައްޔަން ކުރަން ފާހެއް ނުވި

އޮޑިޓަ ޖެނެރަލް ކަމުގެ މަގާމަށް އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި މ. އާދިއްލީގޭ އަލީ ރަޝީދު އުމަރުގެ ނަން ފާހެއް ނުވި އެވެ.
ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި އަލީ ރަޝީދު އޮޑިޓަ ޖެނެރަލް ކަމަށް އައްޔަން ކުރުމަށް ފެނޭތޯ ބެލުމަށްޓަކައި މިއަދު ނެގި ވޯޓުގައި 69 މެމްބަރުން ބައިވެރިވި އިރު އޭނާ އަށް ލިބިވަޑައިގަތީ 35 ވޯޓެވެ. މިއީ އޮޑިޓަ ޖެނެރަލްކަމުގެ މަގާމަށް އައްޔަން ކުރަން މަޖިލިހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތު ލިބެން ޖެހޭނެ ކަމަށް ބުނެފައިވާ އިރު ބޭނުންވާ 39 ވޯޓަށް ވުރެ ހަތަރު ވޯޓު މަދު އަދަދެކެވެ.
އަލީ ރަޝީދު އެ މަގާމަށް އައްޔަން ކުރެއްވުމަށް ނުފެންނަ ކަމަށް 34 މެމްބަރަކު ވޯޓު ދެއްވިއިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއްވެސް މެމްބަރަކު ނެތެވެ.
ކުރިން އޮޑިޓަ ޖެނެރަލް ކަމުގެ މަގާމުގައި ހުންނެވި އިބްރާހިމް ނައީމްގެ މައްޗަށް ހިޔާނާތުގެ ތުހުމަތުތަކެއް ކޮށް މިދިޔަ މާޗް 29 ގައި ރައްޔިތުންގެ މަޖިލީހުން އޭނާ މަގާމުން ވަކިކުރުމާ ގުޅިގެން އެ މަގާމަށް އަލީ ރަޝީދު އުމަރު އައްޔަން ކުރެއްވުމަށްޓަކައި ރައީސް ނަޝީދުގެ އޭނާގެ ނަން މަޖިލީހަށް ފޮނުއްވީ މިދިޔަ ޖޫން 14 ގަ އެވެ. އޭނާގެ ނަން ދިރާސާކުރުމަށްޓަކައި މާލިއްޔަތު ކޮމެޓީ އަށް ފޮނުވުމުން އެ ކޮމެޓީން ފާސްކޮށްފައި ވަނީ 75 މާކްސް އަށް ވުރެ ދަށުން އެވްރެޖް މާކްސް ލިބިވަޑައިގެންފި ނަމަ އޮޑިޓަ ޖެނެރަލްކަމުގެ މަގާމަށް އައްޔަން ކުރުމަށް ނުފެންނަ ކަމަށެވެ. ކޮމެޓީގެ މެމްބަރުންގެ މާކްސްތައް އެވްރެޖް ކުރުމުން އަލީ ރަޝީދު އުމަރަށް ލިބިވަޑައިގަތީ 62 މާކްސް އެވެ.
ކޮމެޓީން ނިންމާފައިވާ ގޮތުން އަލީ ރަޝީދު އުމަރަށް މާކްސް ދިނުމުގައި ކޮމެޓީން ކަނޑައަޅާފައިވާ މިންގަނޑަކީ ތައުލީމާއި ގާބިލްކަމަށް 15 ޕަސެންޓް މާކްސް، ތަޖުރިބާ އަށް 15 ޕަސެންޓް އިސްނެގުމާއި ތަސައްވުރަށް 15 ޕަސެންޓް އަދި އިންޓެގްރިޓީ އަށް 60 ޕަސެންޓް މާކްސް އެވެ.
އޮޑިޓަ ޖެނެރަލް ކަމަށް އަލީ ރަޝީދު ނަން ފޮނުއްވިއިރު އޭނާގެ މައްޗަށް ތަފާތު ތުހުމަތުތައް ދިޔައީ ކުރަމުންނެވެ. އެ ގޮތުން ކުރީގެ އޮޑިޓަ ޖެނެރަލް ނައީމްގެ ހިޔާނާތުގެ މައްސަލަތައް ފަޅާއަރުވާލި އޭސީސީގެ މިހާރުގެ ރައީސް ހަސަން ލުތުފީ ގެންދަވަނީ އަލީ ރަޝީދު އުމަރު އޭސީސީގެ ރައީސް ކަމުގައި ހުންނެވި ދުވަސްވަރު ލުތުފީގެ އަގު ވެއްޓޭ ގޮތަށް ނޫސްބަޔާންތައް ނެރުއްވައި ހެއްދެވި ކަމަށް ވިދާޅުވެ ގެއްލުނު އަބުރުގެ ބަދަލު ހޯއްދެވުމަށް މަދަނީ ކޯޓުގައި ދައުވާ ކުރައްވަމުންނެވެ. އަދި ކޯޓުގައި މިހާރުގެ އޭސީސީން ބުނެފައިވަނީ ކޮމިޝަންގެ ލިޔެކިޔުންތައް ލުތުފީ ލީކްކޮށްލި ކަމަށް ބުނެ ބަޔާން ނެރުއްވީ އަލީ ރަޝީދު އުމަރު އަމިއްލަ އަށް ކަމަށާއި އެ ކަމަށް އޭސީސީން ޒިންމާވާން ނުޖެހޭ ކަމަށެވެ.
އޭސީސީން ކޯޓުގައި ބުނެފައިވަނީ އެ ކޮމިޝަނުގެ ޖަލްސާއެއް ބޭއްވޭނީ ދެ މެންބަރުންނަށް ވުރެ ގިނަ އިން ހާޒިރުވެގެން ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށެވެ. އަދި ކޮމިޝަނުގެ ކަމެއް ނިންމޭނީ ހާޒިރުވި މެންބަރުންގެ އަޣުލަބިއްޔަތުން ކަމަށް ގާނޫނުގައި ބުނާ ކަމަށް ވެސް އޭސީސީން ކޯޓުގައި ބުނެފައިވެ އެވެ. ނަމަވެސް ލުތުފީއާ ބެހޭ ގޮތުން އަލީ ރަޝީދު ބަޔާން ނެރުއްވީ އެ އުސޫލުތަކާ ހިލާފަށް ކަމަށް ވެސް އޭސީސީން ކޯޓުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ