ޑީއާރުޕީގެ ޑިސިޕްލިނަރީ ކޮމެޓީން ނިންމާ ނިންމުންތަކާ މެދު ހިތްހަމަނުޖެހުމުން އެކަން ޕާޓީގެ އިސްތިއުނާފު ކޮމެޓީއަށް ހުށަހެޅުމުގެ ފުރުސަތު އޮތް ނަމަވެސް އެ މަގުން ދާން ގަސްދު ނުކުރައްވާ ކަމަށް ޕާޓީން ވަކިކުރަން ނިންމާފައިވާ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ.
"އިސްތިއުނާފު ކޮމެޓީއަށް ދާކަށް އަޅުގަނޑު ގަސްދެއް ނުކުރަން. އެއީ ޕާޓީގެ ޑިސިޕްލިނަރީ ކޮމެޓީން ޑެޕިއުޓީ ލީޑަރަކު ވަކި ނުކުރެވޭނެ ކަމަށް އަޅުގަނޑު ކުރިން ވެސް ބުނަމުން އަންނަނިކޮށް އެ ފިޔަވަޅު އަޅަން ނިންމީ. އަދި ޑިސިޕްލިނަރީ ކޮމެޓީއަށް ޑެޕިއުޓީ ލީޑަރަކު ހާޒިރު ކުރިޔަސް ޕާޓީން ވަކި ކުރުމުގެ އިހުތިޔާރު އެ ކޮމެޓީއަށް ނޯންނާނެ ކަމަށް ކުރިން ވެސް ބުނިން. އެހެންވީމަ އަޅުގަނޑު ގަސްދު ނުކުރަން އިސްތިއުނާފު ކޮމެޓީއަކަށް ދާކަށް،" ވަށަފަރުގައި ހުންނަވައިގެން "ހަވީރަ"ށް ފޯނުން ދެއްވި އިންޓަވިއުއެއްގައި އުމަރު ވިދާޅުވި އެވެ.
އޭނާ އެހެން ވިދާޅުވިއިރު ޑީއާރުޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ޕާޓީ އަކީ ޑިމޮކްރެޓިކް އުސޫލުތަކަށް ތަބާވާ ޕާޓީއަކަށް ވުމާއެކު ޕާޓީގެ ގުނަވަނަކުން ނިންމާ ނިންމުންތަކާ އެއްބަސްނުވާ ފަރާތްތަކުން އެފަދަ ކަންކަމުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު އަސާސީ ގަވާއިދުގައި ދީފައިވާ ކަމަށެވެ.
"ޑީއާރުޕީގެ ޑިސިޕްލިނަރީ ކޮމެޓީން ނިންމާ ނިންމުންތަކާ މެދު ފަހު ގޮތް ނިންމުމުގެ އިހުތިޔާރު ޕާޓީގެ މެމްބަރުން އަސާސީ ގަވާއިދު މެދުވެރިކޮށް ހަވާލުކޮށްފައި ވަނީ ޕާޓީގެ އިސްތިއުނާފު ކޮމެޓީއާ އެވެ. ޕާޓީގެ އެހެން އެއްވެސް މަގާމެއްގައި ހުންނަވާ ބޭފުޅަކަށް ނުވަތަ ގުނަވަނަކަށް ޕާޓީގެ އަސާސީ ގަވާއިދުގައި މި އިހުތިޔާރު ލިބިދީފައެއް ނުވެ އެވެ،" ޑީއާރުޕީގެ ބަޔާނުގައިވެ އެވެ.
އުމަރު މިރޭ ވިދާޅުވި ގޮތުގައި ޑިސިޕްލިނަރީ ކޮމެޓީން އޭނާއާ މެދު ފިޔަވަޅު އަޅާފައި ވަނީ އަސާސީ ގަވާއިދުގެ 83 އަދި 84 ވަނަ މާއްދާގައި ބުނެފައިވާ އުސޫލުތައް "ފުނޑުފުނޑުކޮށްލާފަ" އެވެ.
"އަނެއްކޮޅުން ޕާޓީގެ އެންމެ އިސް ފަރާތުން [ޒައީމް] އެ ވިދާޅުވެފައި އެ އޮތީ ޑިސިޕްލިނަރީ ކޮމެޓީގެ ނިންމުން ބާތިލު ކަމަށް. އެއީ އަޅުގަނޑު އެންމެ ފުރަތަމަ ވެސް ބުނި ވާހަކަ ހަމަ. ޕާޓީގެ އިސް ފަރާތުން ވިދާޅުވެފައި އެ އޮތީ އަޅުގަނޑަކީ އަދިވެސް ޕާޓީގެ ޑެޕިއުޓީ ލީޑަރު ކަމަށް. އެހެންވީމަ ނުޖެހޭ އިސްތިއުުނާފު ކޮމެޓީއަށް ދާކަށް،" އުމަރު ވިދާޅުވި އެވެ. "އެހެންވީމަ ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރުގެ ހައިސިއްޔަތުން އަޅުގަނޑު ހުރިހާ ކަމެއް ކުރާނަން. ބައްދަލުވުންތަކުގައި ވެސް ބައިވެރިވަމުން ގެންދާނަން."
ޑީއާރުޕީން އުމަރު ވަކިކުރަން ނިންމުމާ ގުޅިގެން ޕާޓީތެރޭގައި ބައިބައިވުން އުފެދިފައިވާއިރު ޒައީމް މައުމޫން ވިދާޅުވެފައި ވަނީ ޑިސިޕްލިނަރީ ކޮމެޓީގެ ނިންމުން އައިސްފައި ވަނީ އަސާސީ ގަވާއިދާ ހިލާފަށް ކަމަށެވެ. އެހެންވެ ކޮމެޓީގެ ނިންމުން ގަބޫލުނުކުރުމަށް މައުމޫން ވަނީ ޕާޓީގެ މެމްބަރުންނަށް ގޮވާލައްވައިފަ އެވެ.
އިސްތިއުނާފު ކޮމެޓީއަށް ދާކަށް ގަސްދެއް ނުކުރަން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ