އިސްދޫ ސިއްހީ މަރުކަޒަށް ކަރަންޓު ދިނުމުގެ މައްސަލައިގައި ރަށް ބުރިކޮށްލުން: މިއީ ރައްޔިތުންގެ މެދުގައި އޮތް ހަމަނުޖެހުމެއް ނޫން، ސަރު

ލ. އިސްދޫން މުހައްމަދު ޝަހީބު އަދި ހުސެއިން ފިޔާޒު މޫސާ
ލ. އިސްދޫ ސިއްހީ މަރުކަޒަށް ކަރަންޓު ދިނުމުގެ މައްސަލައިގައި އުފެދިފައިވާ ހަމަނުޖެހުމަކީ ދެ އަވަށުގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުމެއް ނޫން ކަމަށާއި މިއީ ސަރުކާރުން އުފައްދައިގެން އުޅޭ މައްސަލަގަނޑެއް ކަމުގައި އިސްދޫ ދެ އަވަށުގެ ރައްޔިތުން ވެސް މިއަދު ބުނެފި އެވެ.
ކަރަންޓުގެ މައްސަލައިގައި އުފެދެމުންދިޔަ ހަމަނުޖެހުން ހޫނުވަމުން ގޮސް، ސިއްހީ މަރުކަޒު ހުރި ސަރަހައްދުގެ ދެ ފަރާތުގައި ކޯރެއް ކޮނެ، މިދިޔަ ހުކުރު ވިލޭރޭ ދަންވަރު ރަށް ދެބައިކޮށްލިތާ މިއަދަށް ތިން ދުވަސް ވެފައިވާއިރު ވެސް މައްސަލައަށް އަދިވެސް ހައްލެއް ނުފެނެ އެވެ. ކަލައިދޫ އަވަށު ރައްޔިތުން ބުނީ "ހައްލެއް ގެނެވޭނީ ސަރުކާރަށް" ކަމަށެވެ.
"މިއީ ޒަމާނުއްސުރެ ދެ އަވަށެއްގެ ގޮތުގައި އޮތް ބައެއް. އުތުރުކޮޅުގައި އެއީ އިސްދޫ ގަނޑުއަވަށް، ދެކުނުކޮޅުގައި މިއީ އިސްދޫ ކަލައިދޫ އަވަށް. މުހައްމަދު ވަހިއްދީންގެ އެޓޯލްސް މިނިސްޓަރުކަމުގައި އެ ގޮތަށް ދެ އޮފީހުގެ ނަން ބޯޑު ވެސް ވަނީ މިކޮޅަށް ފޮނުވައިފައި. އެކަމަކު މިހާރު މި ހުންނެވި އަތޮޅުވެރިޔާ އަލީ ވަހީދު ވަޑައިގެން އެކަން ވަނީ ބަދަލުކުރައްވައިފައި،" ކަލައިދޫ އަވަށުގެ އިސް ޒުވާނެއް ކަމަށްވާ އަހުމަދު އަލީ، ،39 މިއަދު ބުންޏެވެ.
އިސްދޫ ސިއްހީ މަރުކަޒަށް ކަރަންޓް ދޭން ދެ އަވަށުން ވެސް ބޭނުންވެ އެވެ. އެއީ ކަރަންޓީ ފީގެ ގޮތުގައި ރައްޔިތުންގެ އިންޖީނުގެ އަށް ރަނގަޅު އާމްދަނީއެއް ލިބޭނެތީ އެވެ. އެހެންވެ، ދެ އަވަށުގެ މެދުގައި، އެހެން ނަމަވެސް ކަލައިދޫ ސަރަހައްދުގައި ހުރި ސިއްހީ މަރުކަޒަށް ކަރަންޓު ދޭނީ ކޮންމެ ތިން މަހުން އެއް މަހަކު އަވަށަކުން ކަމުގައި އަތޮޅު އޮފީހުން ވަނީ ނިންމައިފަ އެވެ. މައްސަލަ އުފެދުނީ މި ގޮތަށް ތިން މަހުން ތިން މަހުން އަވަށަކަށް ބަދަލުކުރާ ގޮތަށް ޖެނުއަރީން ފެށިގެން ކަރަންޓު ދޭންފަށައިފައި، ތިން މަސް ހަމަކޮށް މިދިޔަ ބުރާސްފަތި ދުވަހު އަނެއް އަވަށަށް ކަރަންޓު ބަދަލުކުރުމުންނެވެ.
އާބާދީގައި 1،100 އެއްހާ މީހުން ހިމެނޭ ގަނޑުއަވަށު ކަތީބު އިބްރާހިމް ހަމީދު މިއަދު ވިދާޅުވީ އެ އަވަށު މީހުން މަސައްކަތްކުރީ އަތޮޅު އޮފީހުން މި އަހަރު ޖެނުއަރީ ތިން ވަނަ ދުވަހު އަންގައިފައިވާ އެންގުމާ އެއްގޮތަށް، އެ އަވަށުގެ ކަރަންޓު ސިއްހީ މަރުކަޒަށް ލުމަށް ކަމަށާއި، ސުވިޗަކުން ބުރާސްފަތި ދުވަހު ގަނޑުއަވަށު އިންޖީނުގޭގެ ކަރަންޓު ގުޅާލުމުން އެކަމާ ހިތްހަމަނުޖެހިގެން ކަލައިދޫ އަވަށު ރައްޔިތުން ނުކުމެ ހަމަނުޖެހުން އުފެއްދީ ކަމަށެވެ.
މި މައްސަލަގަނޑުގެ ތެރޭގައި، ސިއްހީ މަރުކަޒުގެ ދެ ފަރާތުން، ފުން އަދި ދިގު ދެ ކޯރު ބުރާސްފަތި ދުވަހުގެ ރޭ ކޮނުމުގެ ކުރިން، ދެ އަވަށުގެ މީހުން ވެސް ވަނީ ބައެއް ކަރަންޓް ފޮށިތަކާއި ބޮކިދަނޑިތައް ވެސް ނައްޓައި، ހަލާކުކޮށް ހަދައިފަ އެވެ.
ކަތީބު ހަމީދު ވިދާޅުވީ މައްސަލަ އަށް ހައްލެއް އަންނާނީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން، މައްސަލަ ހައްލުކުރަން އުޅެގެން ކަމަށާއި، ބުރާސްފަތި ދުވަހުން ފެށިގެން މައްސަލަ ހޫނުވަމުންދާއިރު، މި ފާއިތުވި ތިން ދުވަހުގެ ތެރޭގައި ވެސް ސަރުކާރުގެ މީހަކު މި ރަށަށް ވަޑައިގެން މައްސަލަ ހައްލުކުރަން އުޅުއްވައިފައި ނެތް ކަމަށެވެ.
އާބާދީގައި 900 މީހުން ހިމެނޭ ކަލައިދޫ އަވަށުގެ ކަތީބު މުހައްމަދު ރަފީއު މިއަދު ވިދާޅުވީ މި ކަމަށް އޮތީ އެންމެ ހައްލެއް ކަމަށާއި އެއީ ދެ އަވަށުގެ އިން ވަކިކޮށް، ކުރިއްސުރެ ބޭނުންކުރަމުން އައި ގޮތަށް އިސްދޫ ގަނޑުއަވަށުގެ ގޮތުގައި އުތުރު އަވަށުގެ ނަން ބަދަލުކޮށްގެން ކަމަށެވެ.
"ވަހިއްދީން ބަދަލުކުރެއްވުމުން އިސްދޫ ގަނޑުއަވަށު އޮފީހުގެ ނަން ބޯޑު ވެސް އަޅުގަނޑު މި ރަށަށް ގެނައީ،" ރަފީއު ވިދާޅުވި އެވެ.
"އެ އަވަށަށް ހަމައެކަނި އިސްދޫއޭ ކިޔާތީ ވަރަށް ގިނަ މައްސަލަތައް ވަނީ ދިމާވެފައި. ސުނާމީގައި ލިބުނު އެހީތަކުން ވެސް އެތައް ބައެއް ވަނީ ގެއްލިފައި. ސުނާމީ ބޮޑަށް އެރީ ކަލައިދޫ އަވަށަށް. އެކަމަކު މި އަވަށަށް ފޮނުވި ގިނަ އެހީ ވެސް ލިބުނީ ގަނޑުއަވަށު މީހުންނަށް. އެއީ އޭގައި އިސްދޫއޭ ޖަހައިފައި އޮތުމުން އެ މީހުން އެ ބޭނުންކުރީ. ހަމަ އެގޮތަށް ސްކޫލަށް ފޮނުވި ކޮމްޕިއުޓަރު ތަކަކާއި ކަޅު ހަންތަކެއް ވެސް ވަނީ އެ މީހުން ބޭނުންކޮށްފައި،" ކަލައިދޫގެ އަންހުންގެ ތެރޭގައި ނަގާކިޔާ ހައްވާ ޒާހިރާ، ،39 މިއަދު ބުންޏެވެ.
ކަލައިދޫ އަލީ ރަޝީދު އުމަރު ވެސް ބުނީ ދެ އަވަށުގެ އިން ވަކިކޮށް، ގަނޑު އަވަށުގެ ގޮތުގައި އުތުރު އަވަށް ހަމަޖެހުމުން "ހުރިހާ ކަމެއް ވަގުތުން ހައްލުވީ" ކަމަށެވެ.
"އެއީ މި އަތޮޅު ގަމުގައި ވެސް ކަންތައް ކޮށްފައި އޮތް ގޮތް. ތިން އަވަށަކަށް ބަހައިލައިފައި އިން ވަކިކޮށްފައި، އެ އަވަށެއްގައި ހުންނަ ސަރުކާރުގެ ތަންތަނަށް އެ އަވަށަކުން ކަރަންޓު ދިނުން. އަދި ރަށުގެ ބިމުން ނަގާ ކުލި ހުރިހާ އަވަށަކަށް އެއްވަރަކަށް ބަހައިލުން،" އުމުރުން 50 އަހަރުގެ އަލީ ރަޝީދު ބުންޏެވެ. "މި ރަށުގައި ހުރި ވަތަނިއްޔާ ބުޑުންނާއި އާސާރީ މިސްކިތާއި ހަވިއްތައިން ލިބޭ ހުރިހާ ލާރިއެއް ލިބެނީ ގަނޑު އަވަށަށް. ކަލައިދޫ އަވަށަކަށް އެކައްޗެއް ވެސް ނުލިބޭ. ހޯދާކަށް ނުވެސް އުޅެން. އެކަމަކު މި އަވަށުގައި ހުރި ސައްިހީ މަރުކަޒަކަށް އެ އަވަށަކުން ކަރަންޓެއް ނުދެވޭނެ."
ކަލައިދޫ ޒުވާން ފިރިހެނުންގެ ތެރޭގައި އެންމެ އިސްކޮށް އުޅޭ އަހުމަދު އަލީ ވެސް ބުނަނީ އެހެންނެވެ.
"ދެ އަވަށުގެ އިން ވަކިކޮށްލައިފައި، އިތުރު އަވަށުގެ ނަން ބަދަލުކޮށްލީމާ ހުރިހާ ކަމެއް ހަމަޖެހުނީ. އެހެން ނޫނީ ދުވަހަކު ކޮޅުން ވެސް ނެތް ހައްލެއް،" މި މައްސަލައިގައި ލ. އަތޮޅުވެރިޔާ އަލީ ވަހީދާ ބައްދަލުކޮށް މަޝްވަރާކުރުމަށް ޒުވާނުންގެ ސާޅީހަކަށް މީހުންނާ އެކު ވެރިރަށް ފޮނަދު އަށް މިއަދު މެންދުރު ފުރުމުގެ ކުރިން އަހުމަދު އަލީ ބުންޏެވެ. "މި ކަމުގައި ރައްޔިތުންގެ މެދުގައި މައްސަލައެއް ސަރުކާރުން."
މި މައްސަލައިގައި ލ. އަތޮޅުވެރިޔާ އަލީ ވަހީދުގެ ބަހެއް މިއަދު ނޫސް ޗާޕަށްދިޔައިރު ވަނީ ލިބޭގޮތް ނުވެފަ އެވެ. އިސްދުއަށް އޭނާ ވަޑައިނުގަންނަވާތާ ހަ މަސް ވެއްޖެ ކަމަށް ބުނެ ރައްޔިތުން ޝަކުވާކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ