ތަސްމީންގެ ނިންމެވުމަކީ ބަދަލެއްގެ ކޮޅުމަތި: އުމަރު ނަސީރު

ޑީއާރުޕީގެ ކައުންސިލުން ނިންމައިގެން ނޫން ގޮތަކަށް ސަރުކާރާއެކު އިތުރަށް މަޝްވަރާ ނުކުރުމަށް ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ނިންމެވުމަކީ ޕާޓީގެ އެތެރޭގެ ކަންތައްތައް ރަނގަޅުވުމުގެ ފެށުމެއް ކަމަށާއި އެއީ "ބަދަލެއްގެ ކޮޅުމަތި" ކަމަށް ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ އަމަލުތައް ހުރި ގޮތުން، ސަރުކާރާ އެކު މަޝްވަރާކުރުމާ މެދު ޑީއާރްޕީގެ ލީޑަޝިޕްގެ ތެރޭގައި މިހާރު ހިޔާލު ތަފާތުވެފައިވާ ކަމަށް އިއްޔެ "ހަވީރަ" ށް ދެއްވި އިންޓަވިއުއެއްގައި ތަސްމީން ވަނީ ވިދާޅުވެފަ އެވެ. އަދި ސަރުކާރުގެ އަމަލުތައް އިސްލާހުނުވާހާ ހިނދަކު ސަރުކާރާ އެކު މަޝްވަރާކުރަން ބޭނުން ނުވާ ބޭފުޅުން ވެސް ޕާޓީގެ ތެރޭގައި ތިއްބެވުމާ އެކު، ސަރުކާރާ އެކު އިތުރަށް މަޝްވަރާކުރާނީ އެގޮތަށް ކައުންސިލުން ނިންމައިފިއްޔާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
ސަރުކާރުން ބޭނުންހާ އިރަކު މަޝްވަރާ އަށް ޑީއާރުޕީ ދިއުމާ ދެކޮޅު ހައްދަވާ އުމަރު ނަސީރު ވިދާޅުވީ ޕާޓީގެ ކައުންސިލްގެ މަޝްވަރާއާ އެކު ނޫން ގޮތަކަށް ސަރުކާރާ އެކު މަޝްވަރާ ނުކުރުމަށް ތަސްމީން ނިންމެވުމުން އެކަމަށް ވަރަށް ބޮޑަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.
"އަޅުގަނޑު ތަސްމީންގެ އެ ނިންމެވުމަށް މަރުހަބާ ކިޔަން. އެއީ ބަދަލެއްގެ ކޮޅުމަތި. އެކަމަކު އަދިވެސް މުޅިން ކަންތައްތައް ރަނގަޅުވާނެ ކަމަކަށް އުއްމީދު ކުރާކަށް ނުވެދާނެ. މިއީ އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންގެ މަސައްކަތުގެ ނަތީޖާ،" ސަރުކާރާ އެކު ޑީއާރުޕީން ކުރާ ހުރިހާ މަޝްވަރާތައް ހުއްޓާލުން ޕާޓީ އަށް ލާޒިމްކުރާ ގަރާރެއް ޑީއާރުޕީގެ ކައުންސިލަށް ހުށަހަޅުއްވާފައިވާ އެއް ޑެޕިއުޓީ ލީޑަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވި ގޮތުގައި ޑީއާރުޕީގެ ލީޑަޝިޕުން ކައުންސިލް ބާއްވަނީ ވެސް އަދި ކަންތައްތަކާ މެދު މަޝްވަރާކުރަނީ ވެސް ވަރަށް މަދުންނެނެވެ.
"އަޅުގަނޑުމެން އުއްމީދުކުރަނީ މި ކަންތައްތައް އަދިވެސް ރަނގަޅުވަމުން ދާނެ ކަމަށް،" ޕާޓީން ވަކި ކަމެއް ނުކުރުމަށް އަންގާފައިވަނިކޮށް އެކަން ކުރައްވާތީ އޭނާގެ މައްސަލަ ޑިސިޕްލިނަރީ ކޮމެޓީ އަށް ފޮނުވާފައިވާ އުމަރު ނަސީރު ވިދާޅުވި އެވެ.
މިދިޔަ ޖެނުއަރީ މަހު ޑީއާރުޕީއާ ގުޅިވަޑައިގެންނެވި އުމަރު ނަސީރު ވިދާޅުވީ އޭނާ އާއި އޭނާގެ ޓީމުން އިންތިޒާމްކުރާ "ގަންނާނެއްބާ ސަރުކާރު" މުޒާހަރާ، ވިއްސާރައާ ގުޅިގެން ފަސްކޮށްފައިވީ ނަމަވެސް މާދަމާ ރޭ ޑީއާރުޕީން ރަސްމީކޮށް ބާއްވާ "މައްކާރު ސަރުކާރު" މުޒާހަރާގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.
"އަޅުގަނޑުމެން އަދިވެސް މި ތިބީ ޕާޓީގެ ލީޑަޝިޕްގައި. އެހެންވެ ޕާޓީގެ ހަރަކާތްތަކުން އަޅުގަނޑުމެން ފެންނާނެ. އެއަކު އެއްވެސް ޝައްކެއް ނެތް. މާދަމާ ރޭ ވެސް އަޅުގަނޑުމެން ދާނަން މުޒާހިރާ އަށް،" ރިޔާސީ ޕްރައިމަރީއަކުން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ހޮވުމަށް ފެށުނީއްސުރެ ތާއީދު ކުރައްވާ އުމަރު ނަސީރު ވިދާޅުވި އެވެ.
ޑީއާރުޕީގެ ކައުންސިލްގެ މަޝްވަރާއާއެކު ނޫން ގޮތަކަށް ސަރުކާރާއެކު ވާހަކަ ދައްކަން ނުދިއުމަށް ތަސްމީން ނިންމެވިއިރު މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ދަށުން އެކުލަވާލަންޖެހޭ ދެ ބިލަކާ ބެހޭ މަޝްވަރާ އަށް ސަރުކާރުން ވަނީ މިދިޔަ ހަފުތާގެ އާދީއްތަ ދުވަހު ރަސްމީކޮށް ޑީއާރުޕީ އަށް ދައުވަތު ދީފަ އެވެ. އެކަމަކު އޭގެ ޖަވާބެއް އަދި ޑީއާރުޕީން ނުދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ