ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެމްބަރު ގާސިމް އިބްރާހީމްގެ އެއްވެސް މައްސަލައެއް އެއްވެސް ކޯޓެއްގައި މިހާރު ހިނގަމުންނުދާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އެމްޑީޕީގެ ބައެއް މެމްބަރުން ވާހަކަ ދައްކަވަމުން ގާސިމްގެ ގިނަ މައްސަލަތަކެއް ކޯޓުގައި ހިނގަމުންދާ ކަމަށް ވިދާޅުވި ވިދާޅުވުމަށް ރައްދުދެއްވައި އޭނާ މިއަދު ވަނީ ބަޔާނެއް ނެރުއްވާފަ އެވެ. އެ ބަޔާނުގައި ގާސިމް ވިދާޅުވީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އެމްޑީޕީގެ މެމްބަރުން "ހައްދަވާފައި ވަނީ ވަރަށް ބޮޑު އިތުރުފުޅެއް" ކަމަށެވެ.
"ސީދާ އަޅުގަނޑުގެ މައްޗަށް ދައުވާ އުފުލިފައިވާ ނުވަތަ ސީދާ އަޅުގަނޑު ދައުވާކުރާ އެއްވެސް މައްސަލައެއް ރާއްޖޭގެ އެއްވެސް ކޯޓެއްގައި މިހާރަކު ހިނގަމުންނެއް ނުދެ އެވެ. ރާއްޖޭގައި އުފެދިފައިވާ މެޖިސްޓްރޭޓް ކޯޓުތަކާއި ސުޕީރިއާ ކޯޓްތަކާއި ހައި ކޯޓާއި ސުޕްރީމް ކޯޓުގެ ރެކޯޑުތައް ބައްލަވައިފި ނަމަ ވެސް މި ދެންނެވި ބަހުގެ ތެދުކަން އެއްވެސް އޮޅުމެއް ނެތި ސާބިތުވާން އޮންނާނެ އެވެ،" ގާސިމްގެ ބަޔާންގައި އޭނާ ވިދާޅުވެފައިވެ އެވެ.
ޖޭއެސްސީ މެމްބަރެއްގެ ގޮތުގައި ހުރެ، މިހާރު ކުރަމުންދާ މުޒާހަރާތަކުގައި ބައިވެރިވުމާ މެދު ވެސް އެމްޑީޕީގެ ބައެއް މެމްބަރުން ސުވާލު އުފައްދަވާފައިވާތީ ގާސިމް ވިދާޅުވީ މުޒާހަރާތަކުގައި ބައިވެރިވުމުގެ ހައްގު ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވާ ކަމަށެވެ.
"މި ދެންނެވި މުޒާހަރާގެ ތެރެއިން އެންމެ ބޮޑަށް އުފުލޭ އަޑަކީ، ނިޒާމުގެ ތެރެއިން ގެއްލުވާލައި ގާނޫނާ ހިލާފަށް ކިޑްނެޕްކޮށްފައި ހުރި ފަނޑިޔާރު އަލްއުސްތާޒު އަބްދުﷲ މުހައްމަދު އެއްވެސް ޝަރުތަކާ ނުލައި މިނިވަންކުރުން ކަމަށްވީ ހިނދު އެ މަނިކުފާނު އެއްވެސް ޝަރުތަކާ ނުލައި ވަގުތުން މިނިވަންކުރުމަށް ރާއްޖޭގެ ހައި ކޯޓާއި ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ އަމުރު ނެރެފަ އެވެ،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަބްދުﷲ ގާޒީ މިނިވަންކުރުމަށް ޖޭއެސްސީން ވެސް ގޮވާލައި ބަޔާނެއް ނެރެފައިވަނީ އޭނާ ހާޒިރުވެވަޑައިނުގަންނަވާ ބައްދަލުވުމެއްގައި ކަމަށެވެ. އެހެން ކަމުން ކޯޓުތަކާއި ޖޭއެސްސީގެ ނިންމުންތަކާ އެއް ރޫހެއްގައި ކުރާ މުޒާހަރާތަކުގައި ބައިވެރިވުމަކީ ކޮންމެ ދިވެހި ރައްޔިތަކު ވެސް އަދާކުރަންޖެހޭ ގައުމީ ވާޖިބެއް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
ސިޔާސީ ގޮތުން ހިޔާލު ތަފާތުވާ ކޮންމެ މީހަކާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަ ދައްކައި ހަގީގަތް އޮޅުވާނުލުމަށް އެ ބަޔާނުގައި އެމްޑީޕީ މެމްބަރުންނަށް ގާސިމް ވަނީ އިލްތިމާސްކުރައްވައިފަ އެވެ.
އަޅުގަނޑުގެ އެއްވެސް މައްސަލައެއް ކޯޓެއްގައި ހިނގަމުން ނުދޭ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ