ތިނަދޫ ކަރަންޓުގެ މައްސަލައަށް ދެދުވަސްތެރޭ ވަގުތީ ހައްލު ލިބޭނެ: އެމްޕީ

ގދ. ތިނަދޫ އިންޖީނުގޭގައި ރޯވެ އަނދައިގެން ދިއުމުގެ ސަބަބުން ރަށަށް ކަރަންޓު ނުލިބޭ މައްސަލައަށް ދެ ދުވަހެއް ތެރޭގައި ވަގުތީ ހައްލެއް ލިބޭނެ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ އަހުމަދު ވިދާޅުވެއްޖެ އެވެ.
ރޭ ދަންވަރު 2:15 އެހާކަންހާއިރު ތިނަދޫ އިނޖީނުގޭގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައި އެތަން އަނދައި ހުލިވެފަ އެވެ. އޭގެ ސަބަބުން ރަށު ރައްޔިތުންނަށް ވަނީ ކަރަންޓުގެ ހިދުމަތް ނުލިބި ބޮޑެތި ދަތިތަކާއި ކުރިމަތި ލާން ޖެހިފަ އެވެ.
މިހާދިސާއާ ގުޅިގެން "އަވަސް" އާ ވާހަކަ ދައްކަވަމުން އަބްދުﷲ ވިދާޅުވީ ތިނަދޫގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ރައްޔިތުންނަށާއި މުޅި ރަށަށް ވަރަށް ބޮޑު ގެއްލުމަކާއި ދަތިތަކާއި ކުރިމަތި ލާން ޖެހިފައިވާ ކަމަށާއި އަދި މިއަދަކީ ވަރަށް ހިތާމަވެރި ދުވަހެއް ކަމަށެވެ. އެހެން ނަމަވެސް މި މައްސަލަ ހައްލު ކުރުމަށް މިހާރު ފެނަކަ ކޯޕަރޭޝަންއާއެކު ވާނި ގިނަ ކާމިޔާބު މަޝްވަރާތަކެއް ކޮށްފައި ކަމަށެވެ.
އަބްދުﷲ ވިދާޅުވީ ރައްޔިތުންނަށް ދިމާވި ދަތިތަށް ހައްލު ކުރުމަށް މިއަދު މެނދުރު ފަހުގެ ވަގުތެއްގައި ތިނަދޫ އަށް 165 ކިލޯ ވޯލްޓްގެ ޖެނެރާޓަރަކާއި 50 ކިލޯ ވޯލްޓްގެ ޖެނަރޭޓަރެއް ގެނައުމަށް މަސައްކަތް ކުރާ ކަމަށެވެ. އަދި މީގެ ސަބަބުން ރަށުގައި 24 ގަޑިއިރުގެ ފެނުގެ ހިދުމަތް ލިބޭނެ ކަމަށާއި އަދި ހޮސްޕިޓަލަށް 24 ގަޑިއިރަށް ކަރަންޓު ލިބޭނެ ކަމަށެވެ.
"މީގެ އިތުރުން ވެސް އެމްޑަބްލިއުއެސްސީގައި އިން ބޮޑު ޖަނެރޭޓަރެއް އިނީ މިރަށަށް ބޭނުންކުރެވޭ ހާލަތެއްގައިތޯ އެބަ ބަލަން. އެވެސް ގެނައުމަށް މަސައްކަތް މިމަސައްކަތް ކުރަނީ. އެއާއެކު ރަށުގެ 75 ޕަސަންޓު ކަރަންޓުގެ މައްސަލަ ވަގުތީ ގޮތުން ހައްލުވެގެންދާނެ. އަޅުގަނޑުމެން މިމަސައްކަތް ކުރަނީ ދެ ދުވަހެއްގެ ތެރޭގައި ތިނަދޫގެ މިމައްސަލައަށް ވަގުތީ ހައްލެއް ހޯދުމަށް،" އަބްދުﷲ ވިދާޅުވި އެވެ.
ރޭ ތިނަދޫގައި ހިނގި މި ހާދިސާއާއި ގުޅިގެން ފެނަކަ ކޯޕަރޭޝަން އިން ބުނެފައި ވަނީ އަލިފާންރޯވި ގުދަނަކީ އަލިފާން ރޯވާ ޒާތުގެ ތަކެތި ހުރިތަނަކަށް ނުވާތީ، އެތަނުގައި އަލިފާން ހިފަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި އަބްދުﷲ ވިދާޅުވީ ގޮތުގައި ރޭ ދިމާވި އަލިފާނުގެ ހާދިސާއަކީ މިހާރު ތަހުގީގުގެ މަރުހަލާގައި އޮތް މައްސަލަ އެއް ކަމަށާއި އެހެން ކަމުން އެކަމަކީ ވަކި ބަޔަކު ކުރި ކަމެއްކަން ބުނަން ދަތި ކަމަށެވެ.
ރޭ ހިނގައި ދިޔަ މިހާދިސާގައި ތިނަދޫ އިންޖީނުގޭގައި ހުރި 600 ކީލޯ ވޯޓުގެ ޖަނަރޭޓަރަކާއި 720 ކިލޯވޯލްޓް އަދި 1000 ކިލޯވޯޓުގެ ތިން ޖަނަރޭޓަރު ހުރި ކަމަށް ފެނަކައިން ވަނީ ބުނެފަ އެވެ. ނަމަވެސް މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ