ރައީސުލްޖުމްހޫރިއްޔާއަށް ލިބެން ޖެހޭ މައުލޫމާތުތައް ފޯރުކޮށް ދިނުމުގެ ޒިންމާތައް ހަވާލު ކުރެވިފައިވާ ބަންޑާރަ ނައިބު ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ނުހިމެނޭ ގޮތަށް ހުށަހަޅާފައިވާ އިސްލާހަކީ ބާރުވެރިކަން ދޫކުރުންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ސިފަކުރައްވައިފި އެވެ.
ބާ ކައުންސިލްގެ އެގްޒެކެޓިވް އެކުލެވިގެން ވަނީ ހަމައެކަނި ވަކީލުން އިންތިހާބު ކުރާ ރައީސަކާއި ނައިބު ރައީސެއްގެ މައްޗަށްކަމަށް ކަނޑައެޅުމަށް މަޖިލީހަށް ހުށަހެޅީ ސަރުކާރުގެ ފަރާތުންނެވެ.
ބިލުގައި ވަނީ އިސްލާހު ގެނައުމުގެ ބޭނުމަކީ ގާނޫނީ ވަކީލުންގެ ފަންނުގެ ކަންކަން ތަންޡީމުކޮށް ހިންގަނީ އެ ވަކީލުންގެ ފަރާތުން ހޮވާ މަންދޫބުންކަމުގައި ހަމަޖައްސައި ބާ ކައުންސިލަށް ފުރިހަމަ މިނިވަންކަމާއި އެކު ކަންކަން ހިންގުމުގެ ފުރުސަތު ހޯދައިދިނުމެވެ.
މި އިސްލާހަށް ދެކޮޅު ހަައްދަވައި ގާސިމް ވިދާޅުވީ، ގާނޫނުއަސާސީގައި ބަންޑާރަ ނައިބުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކަކީ ކޮބައިކަން ބަޔާންކޮށް ގާނޫނީ ގޮތުން ކުރަން ޖެހޭކަންކަން އިސްލާހުކޮށް ބެލެހެއްޓުމުގެ ވާހަކަ ވެސް ގާނޫނުގައި ބަޔާން ކުރާކަމަށެވެ.
އިސްލާހުގައި ބުނާ، ނުފޫޒު ފޯރުވުން ނުވަތަ ގޯހުން ކަންކަން ހިނގާނީ ބަންޑާރަ ނައިބު ކޮމިޓީގައި ހުންނެވުމުންކަމަށް ބަލައިގަތުމަށް އޭނާއަށް އުނދަގޫކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ގާނޫނުއަސާސީ ތަފްސީލު ކުރާ އެއްކަމަކީ ގާސިމް ވިދާޅުވި ގޮތުގައި ދައުލަތް ހިނގާ ނުހިނގާ ގޮތުގެ ފުރިހަމަ މައުލޫމާތު ދުވަހުން ދުވަހަށް ރައީސުލްޖުމްހޫރިއްޔާއަށް އެ މަސްއޫލިއްޔަތު އޮތް ބޭފުޅަކު ފޯރުކޮށްދިނުމެވެ.
ދައުލަތް ހިންގުމަށްޓަކައި ވަޒީރުންނާއި މުވައްސަސާތަކުގެ ވެރިން ހަމަޖައްސާފައިވާ ސަބަބަކީ އެއީކަމަށް ގާސިމް ވިދާޅުވި އެވެ. އެހެންކަމުން ހަމައެކަނި ގެންނަ އިސްލާހަކުން ނުވަތަ ގެންނަ ބަދަލަކުން އެއީ އަދުލު އިންސާފު ގާއިމު ކުރެވިގެން ދިޔައީކަމަށް ދެކިގެން ނުވާނެކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެގްޒެކެޓިވް ކޮމިޓީގައި ބަންޑާރަ ނައިބު ހިމެނޭހެން ހަތް މެމްބަރުން ތިއްބެވި އިރު އެންމެ ބޭފުޅެއްގެ ސަބަބުން ނުފޫޒު ނުފޯރާނެކަމަށެވެ. އަދި ބަންޑާރަ ނައިބު އެ ކޮމިޓީގައި ހުންނެވުމުން މަސައްކަތްތައް ދާނީ، ގޯހުން ގޯހަށްކަމަށް ގަބޫލު ނުކުރެވޭކަމަށް ވިދާޅުވި އެވެ.
އެހެންކަމުން އެންމެ ވޯޓެއް ގޯސްވެދާނެކަމަށް، ނުވަތަ އެއް ވޯޓުން ނުފޫޒު ފޯރުވިދާނެކަމަށް ނުނިންމޭނެކަމަށް ގާސިމް ވިދާޅުވި އެވެ. ކަންކަން ހިނގާ ގޮތުގެ ފުރިހަމަ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭނީ ބާ ކައުންސިލް އެގްޒެކެޓިވް ކޮމިޓީގައި ބަންޑާރަ ނައިބު ހުންނަވައިގެންކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ގާނޫނީ ގޮތުން ކިތަންމެ ބަދަލުތަކެއް ގެނެސް، އުސޫލުތައް އިސްލާހު ކުރި ނަމަވެސް ނުފޫޒު ފޯރުވުމަށް ބޭނުންވާ ވެރިއެއް އެ މީހަކު ބޭނުންވާ ނަތީޖާ ނެރޭނެ ގޮތެއް ހޯދާނެކަމަށެވެ. ގާސިމް ވިދާޅުވީ ހުރިހާ ބާރުވެރިކަމެއް ދޫކުރުމަކީ، އިސްލާހުގެ މަގަށް އޮތް ގޮތެއް ނޫންކަމަށެވެ.
ބާ ކައުންސިލްގެ މަގުސަދަކީ ރާއްޖޭގައި މަސައްކަތްކުރާ ގާނޫނީ ވަކީލުންގެ ހައްގުތަކާއި އިމްތިޔާޒްތައް ހިމާޔަތްކުރުމާއި ގާނޫނީ ވަކީލުކަން ކުރުުމުގެ ހުއްދަ ދީ، ވަކީލުންގެ މަސައްކަތްތަކާ ގުޅޭ ފަންނީ ކަންކަން ރެގިއުލޭޓްކޮށް ފިޔަވަޅު އަޅައި ބެލެހެއްޓުމާއި ޤާނޫނީ ވަކީލުންގެ ހިދުމަތުގެ އުސޫލުތައް ކަނޑައެޅުމާއި ވަކީލުންގެ މަސައްކަތް ތެދުވެރިކަމާއި އިންސާފުވެރިކަމާއެކު ކުރިޔަށްދާކަން ކަށަވަރުކުރުމެވެ.
ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީއަށް އިންތިޚާބުކުރެވޭ މެމްބަރުންގެ ދައުރަކީ ތިން އަހަރެވެ. އެ ކޮމެޓީގެ ރައީސްކަމަށް އިންތިޚާބުކުރާ މީހަކަށް 1 ދައުރަށްވުރެ ގިނަ ދައުރަށް އެ މަގާމެއް ނުފުރޭނެއެވެ.
އިންސާނަކު ކޮންމެ ނުބައިކަމެއް ކުރަނީ ވެރިއަކު އަންގައިގެނެއް ނޫން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ