ނެދަލެންޑްސް އަށް ޖަޕާންގެ ހިތްވަރު އެލުވައެއްނުލެވުނު

ޑަލަސް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 15) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ޖަޕާނުން ފަހު ވަގުތު ލަނޑު ޖަހައި, 2-2 އިން ނެދަލެންޑްސްއާ އެއްވަރުކޮށްފި އެވެ. 
މި ނަތީޖާއާ އެކު، އެންމެ ފަހުން ޔޫރަޕްގެ ގައުމުތަކާ ދެކޮޅަށް ޖަޕާނުން ކުޅުނު 10 މެޗުން ވެސް ބަލިވެފައިނުވެ އެވެ. އަނެއްކޮޅުން، ނެދަލެންޑްސް އިން މި ވަނީ، 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފަހުން މެޗެއްގެ 90 މިނިޓް ތެރޭ ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑަށް މެޗެއް އިތުރުކޮށްފަ އެވެ. 
މެޗުގެ ފުރަަތަމަ ހާފުގައި ނެދަލެންޑްސް އިން ވަރުގަދަކޮށް ފަށައި ލަނޑު ޖެހުމާ ގާތަށް ޖެހިލި އެވެ. އެ ގޮތުން، ޖަޕާނުގެ އޭރިއާތެރެއިން، ނެދަލެންޑްސްގެ ފޯވާޑް، ޑޮންޔެލް މާލެން ޖެހި ޝޮޓެއް ޖަޕާނުގެ ކީޕަރު ޒިއޯން ސުޒޫކީ ވަނީ މަތަކޮށްފަ އެވެ. އަދި، މާލެން ބޮލުން ޖެހި ބޯޅައެއް ވެސް ސުޒުކީ ވަނީ ހުއްޓުވައިފަ އެވެ. ނެދަލެންޑްސްގެ ކޯޑީ ގަކްޕޯ އަށް އޭރިއާތެރެއިން ލިބުނު ފުރުސަތުގައި ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. 
ފުރަތަމަ ހާފުގެ ފަހުކޮޅުގައި ޖަޕާނުން ދެ އެޓޭކެއް ކުރި ނަމަވެސް ފޮނުވާލި ހަަމަލާތައް ގޯލާ އަމާޒުވާ ގޮތެއްނުވި އެވެ. 
މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ނުފެނުނު ނަމަވެސް ދެ ވަނަ ހާފު ފަށައިގެން ހަ މިނިޓް ތެރޭގައި ފުރަތަމަ ލަނޑު ޖެހި އެވެ. މިއީ، ރަޔާން ގްރަވެންބާކް ނެގި ހުރަހަކުން ނެދަލެންޑްސްގެ ކެޕްޓަން، ވާޖިލް ވެން ޑައިކް ޖެހި ގޯލެކެވެ. ގައުމީ ޓީމަށް ކުޅުނު 93 މެޗުން އެ ޓީމަށް ޖަހައިދިން 13 ވަނަ ގޯލު، ވެން ޑައިކް ކާމިޔާބުކުރީ ބޮލުންނެވެ. 
ނެދަލެންޑްސް އަށް ލީޑުގައި އޮވެވުނީ ހަ މިނިޓެވެ. މެޗުގެ 57 ވަނަ މިނިޓްގައި ޖަޕާނުގެ ކެއިޓޯ ނަަކަމޫރާ، އޭރިއާބޭރުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަަނަށެވެ. 
ޖަޕާނުން އެއްވަރުކުރުމާ އެކު، ނެދަލެންޑްސް އިން އާ ފެށުމަކުން ކުރިއަށް ޖެހިގެން ކުޅެން ފަށައި، ލަސްތަކެއް ނުވެ އަލުން ލީޑުނެގި އެވެ. މެޗުގެ 64 ވަނަ މިނިޓްގައި ނެދަލެންޑްސް އަށް އަލުން ލީޑުނަގައިދިނީ ދާދި ފަހުން ގައުމީ ޓީމަށް ކުޅެން ފެށި ކްރައިސެންސިއޯ ސަމާވިލް އެވެ. ގްރަވެންބާކް ދިން ބޯޅައެއް އޭރިއާގެ އަރިމަތިން ކޮންޓްރޯލް ކުރުމަށް ފަހު، ސަމަވިލް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ. 
ނެދަލެންޑްސް އިން ދެ ވަނަ ފަހަރަށް ލީޑުނެގިތާ އިރުކޮޅެއްގެ ތެރޭގައި، ޖަޕާނުގެ ޓަކެފޫސާ ކޫބޯ ފޮނުވާލި ޝޮޓެއް ދިޔައީ ހުރަސްދަނޑިމަތިން ބޭރުންނެވެ. އޭގެ ފަހުން، ބަދަލަކަށް ކުޅެން އެރި، ޔުކިނާކީ ސުގަވާރާ އަށް އޭރިއާތެރެއިން ހުސްކޮށް ލިބުނު ޖާގަ އަށް އަރައި ފޮނުވާލި ޝޮޓް އަމާޒުވީ ނެދަލެންޑްސްގެ ކީޕަރު، ބާޓް ވަބްރޫގަން އަތަށެވެ. ޖަޕާނުން އެއްވަރުކުރި ލަނޑު ޖެހީ މެޗުގެ 88 ވަނަ މިނިޓްގައި ކޯނަރަކުންނެވެ. އޮގާވާ ބޮލުން ޖެހި ބޯޅަ ގޯލަށް ވަނީ ޑައީޗީ ކަމާޑާ ގައިގައި ޖެހިފަ އެވެ. 
މި ގްރޫޕްގެ ދެން އޮތް މެޗުގައި، ސްވިޑެން އިން ކުޅޭނީ ޓިއުނީޝިއާއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ