ސްކޭމްގެ މައްސަލަތައް އިތުރުވެ، އެ މައްސަލައަށް ހައްލެއް ނުލިބިގެން އުޅޭ މައިގަނޑު ސަބަބަކީ ބެންކުގެ ކޮމްޕިއުޓަރ ޕްރޮގްރާމް ނުވަތަ ސޮފްޓްވެއަރ ފަރުމާކުރެވިފައިވާ ގޮތުން ކަމަށް މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މަކަރާއި ހީލަތުގެ މައްސަލަތަކުގައި ފައިސާ ދައުރު ކުރުން ހުއްޓުވުމަށް ބޭންކު އެކައުންޓުތައް ކޯޓު އަމުރަކާއި ނުލައި ހިފެހެއްޓުމުގެ ބާރު ލިބިދޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހަޅާފައިވާ ބިލަަށް ބަހުސް ކުރައްވަމުން ގާސިމް ވިދާޅުވީ ޖުމްލަ ގޮތެއްގައި ހުށަހެޅިފައިވާ އިސްލާހު ރަނގަޅު ކަމަށެވެ. ނަމަވެސް އެ އިސްލާހުން ސްކޭމްގެ މައްސަލައަށް ހައްލެއް ނުލިބޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމްގެ ކުރިން ވާހަކަދެއްކެވި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގްގެ ވާހަކައަށް ތާއީދު ކުރައްވާ ގާސިމް ވެސް ވިދާޅުވީ ބެންކިން ގާނޫނަށް އިސްލާހު ގެންނަން ޖެހޭ ކަމަށެވެ. އަދި އެ ގާނޫނަށް އިސްލާހު ގެނަޔަސް ނުގެނަޔަސް ބެންކުގައި ހުންނަ ރައްޔިތުންގެ ފައިސާ ރައްކާތެރިކޮށް ބެހެއްޓޭނެ ނިޒާމެއް ކަނޑައެޅުމަކީ ބެންކުގެ ޒިންމާއެއް ކަމަށެވެ.
މީގެ ކުރިން ޗެކުން މީހުންނަށް ފައިސާ ދޫކޮށް ނުވަތަ ބެންކަށް އެމީހާ ހާޒިރުވެ ސޮއިކޮށް، ފައިސާ ދޫކުރުމާ އެއް އެކައުންޓުން އަނެއް އެކައުންޓަށް ބަދަލުވެގެން ދިޔައިރު މިފަދަ މައްސަލަތައް ނާންނަ ކަމަށް މެންބަރު ވިދާޅުވިއެވެ.
އެކަމު މިއަދު ރައްޔިތުންނަށް ފަސޭހައަށްޓަކައި މެޝިންތަކުން ފައިސާ ނުވަތަ ބެންކުތަކުގަ ހުންނަ ތަންތަނުން ކްރެޑިޓް ކާޑު ބޭނުންކޮށްގެން މެޝިންތައް ބޭނުންކޮށްގެން ފައިސާ ނަގާ ހިސާބަށް މި ނިޒާމު ގެންދެވުނީމަ މި މައްސަލަ ދިމާވެގެން މިއުޅެނީ. އެއީ އެ ކޮމްޕިއުޓަރ ޕްރޮގްރާމްގަ ހުރި މައްސަލައެއްގެ ގޮތުގަ އަޅުގަނޑު ފާހަގަކުރަން. އެފަދަ ކޮމްޕިއުޓަރ ޕްރޮގްރާމްތައް ހެދިގެންދާއިރު ހެދެން ޖެހޭނީ ގާނޫނެއް އޮތަސް ނެތަސް އެމީހުންގެ ކަސްޓަމަރުންގެ ފައިސާ އެމީހުން ހިމާޔަތްކޮށް ރައްކާތެރިކޮށްދީ ބެލެހެއްޓުމަކީ އެމީހުންގެ ޒިންމާއެއް.
މުހައްމަދު އިބްރާހިމް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ސްކޭމް ކޮށްގެން އެކައުންޓަކުން ފައިސާ ނަގާކަން ފާޙަގަކުރެވޭ ނަމަ އެ އެކައުންޓަކުން ދެވަނަ އެކައުންޓަށް ފައިސާ ޖަމާ ކުރުމުން އެކައުންޓުތައް ވަކި މުއްދަތަކަށް ފްރީޒް ކުރުމަށް އެދެވިދާނެ ކަމަށެވެ.
އެކަމަކު ޖަލްސާގައި ވާހަކަ ދެއްކެވި ސަރުކާރުގެ މެމްބަރުން ބިލަށް ތާއީދު ކުރި ނަމަވެސް ވިދާޅުވީ، ކުޑަވަގުތުކޮޅެއްގެ ފައިސާ ރޯލްކޮށް އަސްލު އޮޅުވާލުމުގެ މައްސަލައަށް ޖުމްލަ ހައްލެއް މި އިސްލާހުން ނުލިބޭކަމަށެވެ. އެއީ ސްކޭމެއް ހިނގާ އެކައުންޓެއް ފްލެގް ކުރެވި، ފުލުހުން ނުވަތަ ކަމާއި ބެހޭ ފަރާތަކުން އެޓެންޑުވުމުގެ ކުރިޔަށް ގިނަ އެކައުންޓުތަކަށް ފައިސާ ޖަމާކޮށް ރޯލް ކުރާތީކަމަށް މެމްބަރުން ވިދާޅުވިއެވެ.
ސްކޭމް ކުރަނީ ކޮމްޕިއުޓަރ ޕްރޮގްރާމް ފަރުމާ ކުރެވިފައިވާ ގޮތުން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ