ވީޑިއޯ ފުޓޭޖްތަކަކަށް ބާރުދީ ކުށް ސާބިތުވާކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

ތޫނު އެއްޗަކުން ހަމަލާދިން މައްސަލައެއްގައި ބައިވެރިވި ކުޑަކުއްޖެއްގެ މައްސަލާގައި ލިބުނު ވީޑިއޯ ފުޓޭޖްތަކަކަށް ބާރު ދީ އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.
ޖެނުއަރީ 2018 ގައި މާލޭގައި މީހަކަށް ތޫނު އެއްޗެހިން ހަމަލާދިން މައްސަލާގައި ދައުލަތުން ކުޑަކުއްޖެއްގެ މައްޗަށް ޖުވެނައިލް ކޯޓުގައި ދައުވާކުރީ ހަމަލާދިން މީހާ ގޮވައިގެން އެ ސަރަހައްދުން ސައިކަލެއްގައި ގޮސްފައިވާތީއެވެ. އެ ކުއްޖާއާ ދެކޮޅަށް ހެކިބަސް ދިނީ އެންމެ ހެކިވެރިއެއް ނަމަވެސް، ވީޑިއޯ ފުޓޭޖްތަކެއް ކުއްޖާއާ ދެކޮޅަށް ދައުލަތުން ހުށަހެޅިއެވެ. އެކަމަކު ޖުވެނައިލް ކޯޓާއި ހައި ކޯޓުން ވެސް ނިންމީ ވީޑިއޯތަކާއި އޭގެ އެނަލިސިސް ރިޕޯޓަކީ ގަރީނާއެއްކަމަށް ވާތީ އޭގެ މައްޗަށް ބިނާކޮށް ކުއްޖާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ހަމަލާދިން މީހާ ގޮވައިގެން ސައިކަލުގައި ދިޔައީ އެ ކުއްޖާ ކަމަށް ސިއްރު ހެކިވެރިޔާ ބުނާއިރު، ވީޑިއޯ ފުޓޭޖްތަކުން ފެންނަ މީހާއާ އެ ކުއްޖާގެ ސިފަތައް ދިމާވާ ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓްގައި ބުނާ ކަމަށެވެ. ވީޑިއޯތަކަކީ ގަރީނާއެއް ކަމަށް ވާތީ އޭގެ މައްޗަށް އެކަނި ބިނާކޮށް ކުށް ސާބިތު ނުވާނެ ކަމަށް ހައި ކޯޓުން ބުނެފައިވީ ނަމަވެސް އޭގެ އެއްވެސް އަސާސެއް ނެތް ކަމަށް ހުކުމުގައިވެއެވެ.
ހުކުމުގައިވާ ގޮތުން ސިއްރު ހެކިވެރިޔާގެ ބަހުން، އެކަމުގައި އެ ކުއްޖާ ބައިވެރިވިކަން ކަށަވަރު ނުވާ ކަމަށް ޖުވެނައިލް ކޯޓާއި ހައި ކޯޓުން ވެސް ނިންމާފައިވަނީ ރަނގަޅަކަށް ނޫނެވެ. އެ ހެކިވެރިޔާ ކޯޓުގައި ދިން ހެކިބަހަށް ބަލާއިރު، އެ ކުއްޖާއާ ދެކޮޅަށް އެކަށީގެންވާ ހެކި ލިބިފައިވާ ކަމަށް ވެސް ހުކުމުގައިވެއެވެ. އެގޮތުން ވީޑިއޯ ފުޓޭޖްތަކާއި އޭގެ އެނަލިސިސް ރިޕޯޓަށް ބެލުމުން ސިއްރު ހެކިވެރިޔާގެ ބަހަކީ ތެދެއް ކަމަށް ގަބޫލު ކުރެވޭ ކަމަށާއި އެ ހުރިހާ ހެކިތައް ހުރީ ދައުވާ ލިބޭ ކުއްޖާއާ ދެކޮޅަށް ކަމަށް ވެސް ހުކުމުގައިވެއެވެ.
ހުކުމުގައި ވަނީ އެންމެ ހެކިވެރިއަކު ހުންނަ ހާލަތުގައި އޭނާގެ ބަހުގައި އެތެރެފުށާއި ބޭރުފުށް އެއްގޮތްވާ ނަމަ ކުށް ސާބިތުވާނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ އެ އުސޫލަކީ ހަމައެކަނި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި އެކަނި ބޭނުން ކުރެވޭނެ އުސޫލެއް ނޫނެވެ. ގުޅުވާލެވޭ ގަރީނާ ހުންނަ އެ ނޫން މައްސަލަތަކުގައި ވެސް އެ އުސޫލު ބޭނުން ކުރެވޭނެ ކަމަށާއި އެގޮތުން މި މައްސަލާގައި ސިއްރު ހެކިވެރިޔާގެ ބަހުގެ ތެދުކަން ދެން ހުރި ގަރީނާތަކުން ކަށަވަރުވާ ކަމަށް ހުކުމުގައިވެއެވެ.
އެކަންކަން ފާހަގަކޮށް، ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ހައި ކޯޓުގެ ހުކުމް ބާތިލްކޮށް އަދި އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާ ކަމަށެވެ. އަދި އެ ކުއްޖާގެ މައްޗަށް ކަނޑައަޅާނެ އަދަބާ މެދު ގޮތެއް ނިންމުމަށް ޖުވެނައިލް ކޯޓަށް އެ މައްސަލަ ތަހުވީލްކުރީ ކަަމަށް ހުކުމުގައިވެއެވެ.
ސުޕްރީމް ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު މަހާޒެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ