އަމިއްލަ ދަނޑުގައި އިއްތިހާދު ބަލިކޮށް އަލް ހިލާލުން ސެމީގެ ފުރުސަތު ބޮޑުކޮށްފި

އޭއެފްސީ ޗެންޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަަމަ ލެގުގައި އަންގާރަދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއަކުން އަލް އިއްތިހާދު ބަލިކޮށް އަލް ހިލާލުން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ.
މިދެޓީމު އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް އަލް ހިލާލް މޮޅުވެފައި ވާއިރު، މިމެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ މެޗު ޑޮމިނޭޓުކުރީ އަލް ހިލާލުން ނެވެ. އަދި މިހާފުގައި އަލް ހިލާލުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން އެޓީމުގެ ފުރަތަަމަ ލަނޑު މެޗު 40 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ ސާބިއާގެ ފޯވާޑް އެލެގްޒެންޑަރ މިޓްރޮވިޗް އެވެ.
އޭގެ ދެ މިނެޓު ފަހުން އެޓީމުގެ ލީޑު ފުޅާކޮށްދިނީ އެޓީމުގެ ކެޕްޓަން ސަލީމް އަލް ދައުސަރީ އެވެ. މިއީ އެޓީމުގެ ބްރެޒިލް ފޯވާޑް މަލްކޮމް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އަލް ހިލާލް ކުރީގައި އޮވެގެންނެވެ.
Advertisement
މެޗުގެ ދެވަަނަ ހާފުގައި އަލް އިއްތިހާދަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ ފަހުހާފުގެ 66 ވަނަ މިނެޓުގައި އެޓީމުގެ މިޑްފިލްޑަރު އެންގޯލޯ ކަންޓޭ ކުރި ފައުލަކާއި ގުޅިގެން ރެފްރީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުތެރިއަކު މަދުކޮށެވެ. 
އެއް ކުޅުންތެރިއެއް މަދުކޮށް ކުޅުނު ނަމަވެސް މެޗުގެ ފަހު 10 މިނެޓު ތެރޭގައި އަލް އިއްތިހާދުން ވަނީ ލަނޑުޖަހާނެ ރަގަޅު ހުސް ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖާއަކުން އަލް ހިލާލް ކުރީގައި އޮވެގެންނެވެ.
މިދެޓީމުގެ މެދުގައި ކުޅެވޭ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 13 ވަނަ ދުވަހުގެ ރޭ އަލް އިއްތިހާދުގެ ދަނޑުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ