ރައީސް އަޒުލު ކުރުމަކީ ރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖެހުން: ގާސިމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަޒުލު ކުރުމަށް ކުރަމުންދާ މަސައްކަތަކީ ރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖެހުންކަމުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް ސިފަ ކުރައްވައިފި އެވެ.
ގާސިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒު ގާނޫނު އަސާސީއާއި ހިލާފު ނުވާހާ ހިނދަކު އަދި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ޝަރުތުތަކުގެ ތެރެއިން ޝަރުތެއް އުނި ނުވާހާ ހިނދަކު، ސިޔާސީ ގޮތުން ބަދަލު ހިފުމުގެ ނިޔަތުގައި ރައީސް އަޒުލު ކުރުމަކީ ރައްޔިތުންގެ ނިންމުމުގައި ކޮޅުފައި ޖެހުން ކަމަށެވެ.
ދައުރެއް ނިމެމުންދާ މަޖިލީހެއްގެ ތެރެއިން މިފަދަ އަމަލެއް ހިންގުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ގާސިމް ވިދާޅުވި އެވެ.
ރައްޔިތުންގެ ފުރިހަމަ ބޮޑު އަގުލަބިއްޔަތަކުން ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތް ފަހުން އަދި މިވީ އެންމެ ދެ މަސްކަން ގާސިމް ވަނީ ފާހަގަ ކުރައްވާފަ އެވެ.
ރައީސުލް ޖުމްހޫރިއްޔާ ގެ ނޯކޮންފިޑެންސް ނުވަތަ އިތުބާރު ނެތްކަމަށް ނަގަން ޖެހޭނީ އެކަށޭނެ ސަބަބުތަކެއް ހުރެގެން.
މަޖިލީހުގެ މެޖޯރިޓި އޮތުމުން ހަމަ ތިބެފައި ޖެއްސުމަށް ކޮށްލާ ކަމަކަށް މިފަދަ ކަންކަން ކުރުމަކީ ގައުމުގެ ދުސްތޫރީ ހަމަތަކާއި، ޑިމޮކްރަސީގެ އުސޫލުތަކާއިވެސް މުޅިން ހިލާފު އަމަލެއްކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވަނީ ރައީސް އަޒުލު ކުރުމަށް ފަށާފައިވާ މަސައްކަތް އެއްވެސް ޝަރުތެއް ނެތި ހުއްޓާލުމަށް ގޮވާލައްވާފަ އެވެ. އަދި މިހާތަނަށް ރައީސް މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުންނާއި ގައުމަށްޓަކައި، ގައުމަށް ކުރިއެރުން ހާސިލުކޮށް ދިނުމަށްކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ