ފެނާއި ނަރުދަމާގެ ހުރިހާ މަޝްރޫޢެއް މިއަހަރު ނިމޭނެ: މަތީން

މަޑުޖެހިފައިހުރި ފެނާއި ނަރުދަމާގެ ހުރިހާ މަޝްރޫޢުއެއް މިއަހަރުގެ ތެރޭގައި ނިންމޭނެކަމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮންޕެނީ ލިމިޑެޓް، އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލްމަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ. ނިމިދިޔަ ސަރުކާރުގައި ފެނާއި ނަރުދަމާގެ ގިނަ މަޝްރޫޢުތަކެއް އެމްޑަބްލިއުއެސްސީއާ ހަވާލުކުރިއެވެ. ވިއްސަކަށް މަޝްރޫޢު އެކުންފުންޏާ ހަވާލުކުރީ މަޝްރޫޢު ނިމުމުން ފައިސާ ދޭގޮތަށެވެ.
ނަމަވެސް ސަރުކާރު ނިމުނިއިރުވެސް ގިނަ ރަށްރަކުގައި ހުރީ މަޝްރޫޢު ނުފެށިއެވެ. ބައެއް ރަށްރަށުގައި މަގުތައް ކޮނެ މަސައްކަތް ހުއްޓިފައި އޮތެވެ. މިކަމުގެ ސަބަބުން އެތައް ތަކުލީފެއް ރައްޔިތުން އުފުލަން ޖެހުނެވެ. ސަރުކާރު ބަދަލުވިއިރުވެސް ގިނަ ރަށްތަކުގައި މަސައްކަތް ފެށިފައެއް ނުވެއެވެ.
ނަމަވެސް ސަރުކާރު ބަދަލުވެ މިވީ ކުރު މުއްދަތުގެ ތެރޭގައި އެ ހުރިހާ ރަށެއްގައިވެސް އެމްޑަބްލިއުއެސްސީން ވަނީ މަސައްކތް ފަށާފައެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މައެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުލްމަތީން މުޙައްމަދު ވިދާޅުވީ، ސަރުކާރުގެ އެންމެ ފުރަތަމަ އަމާޒަކަށްވީ އެމްޑަބްލިއުއެސްސީން ހަވާލުވިއިރު، ހުއްޓިފައި ހުރި މަޝަރޫޢުތައް އަވަހަށް ފަށައިގަތުންކަމަށެވެ.
މަތީން ވިދާޅުވީ، ކުރީ ސަރުކާރުން، ކޮންޓްރެކްޓަރުންނާއި ސަޕްލަޔަރުންނަށް ފައިސާ ނުދައްކާ ހުރުމުން، ކުރިމަތިވި މާލީ ދަތިކަމުގެ ސަބަބުން މަސައްކަތް ނުނިމި ދިގުލައިގެން ގޮސް މަޝްރޫޢުތަކުގެ އަގު މައްޗައް އަރާފައިވާ ކަމަށެވެ.
މަތީން ވިދާޅުވީ، 20 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް މިހާރު ހިނގަމުންދާކަމަށެވެ. އެހުރިހާ ރަށެއްގެ މަސައްކަތްވެސް މިއަހަރު ނިމޭނެކަމަށާއި، އަހަރުގެ މެދުތެރޭގައި ގިނަ ރަށްތަކުގެ މަސައްކަތް ނިންމާލެވޭނެކަމަށް މަތީން ވިދާޅުވިއެވެ. އަދި އެންމެ ފަހުގެ ރަށުގެ މަސައްކަތްވެސް ސެޕްޓެމްބަރ މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށްވެސް މަތީން ލަފާކުރެއްވިއެވެ.
"އެހެންވީމަ މިހާރު އެމްޑަބްލިއުއެސްސީން ކުރިއަށް ގެންދާ ފެނާއި ނަރުދަމާގެ ހުރިހާ މަޝްރޫތަކެއް މިއަހަރުތެރޭގައި ނިންމާ ރައްޔިތުންނަށް ޚިދުމަތްދޭން ފެށޭނެ." އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލްމަތީން މުޙައްމަދު ވިދާޅުވިއެވެ.
މަޑުޖެހިފައިހުރި މަޝަރޫޢުތައް ފަށައިގަނެ، ދުވެލި ބާރުކުރުކުރުމުގެ އިތުރުން އެމްޑަބްލިއުއެސްސީން އެންމެ އިސްކަމެއް ދިން ކަމަކީ ނުދެއްކި ހުރި ފައިސާ ކޮންޓްރެކްޓަރުންނަށް ދައްކާ ނިންމުންކަމަށް ވެސް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލްމަތީން މުޙައްމަދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ