ބިންވެރިޔާ ގޯތިތަކަށް އަރާފައިވާ މަގުތަކުގެ ތާރު ކެނޑުމުގެ މަސައްކަތް ފަށައިފި

ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން މަގުތަކަށް އަރާގޮތަށް ދޫކޮށްފައިވާ ގޯތިތަކުގެ އިމުގެ ތެރެއަށް އަރާފައިވާ ތާރު ކެނޑުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ފަށައިފިއެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ކަނޑައަޅާފައިވާ ގޯތިތަކުގެ އިން ވަކިކުރުމަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް ގޯތި ހަވާލުކުރުން އަވަސް ކުރުމަށް އެޗްޑީސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މީގެ އިތުރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތީގެ ޕްލޮޓުތަކުގެ ތެރެއިން ފެނާއި ނަރުދަމާ ވިއުގައަށް އަރާގޮތަށް ދީފައިހުރި ގޯތިތަކުގެ އަޑީގައިހުރި ފެނާއި ނަރުދަމާގެ ވިއުގަތައް އެހެން ސަރަޙައްދަކަށް ބަދަލުކުރުމުގެ މަސައްކަތް އެމް.ޑަބްލިޔު.އެސް.ސީއާ ގުޅިގެން ދަނީ ކުރަމުންނެއެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ނިމިދިޔަ ސަރުކާރުން ގޯތިތައް ދޫކޮށްފައިވާ ސަރަޙައްދު ސާފުކޮށް އިންވަކި ކުރުމުގެ މަސައްކަތް އެޗްޑީސީން އަންނަނީ ކުރަމުންނެވެ.
މިމަސައްކަތުގެ ދަށުން ބިން ސާފުކޮށް އެއްވަރުކޮށް އިންފާރު ވަކިކޮށް ޕޯޓަލް މެދުވެރިކޮށް ދޭ ހުއްދައާއެކު އިންފާރު ރާނަން ފެށޭނެކަމަށް އެކޯޕަރޭޝަނުން ބުނެއެވެ. ހަމައެއާއެކު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިލަފުނި ޖަހާފައި ހުރިތަންތަނުން ވެސް މިދިޔަ ސަރުކާރުން ބިން ދީފައި ހުރިކަމަށާއި އެ ތަންތަން ރީލޯކޭޓުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް އެޗް.ޑީ.ސީން ބުނެއެވެ.
ބިންވެރިޔާ ސްކީމްގައި ގޯތި ދޫކުރަނީ، ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅުންނެވެ. އެގޮތުން ހުޅުމާލެއިން 1351 ގޯތި، ގުޅީފަޅުން 2218 ބިން އަދި ގިރާވަރު ފަޅުން 5432 ގޯތި ދޫކުރުމަށް އޮތީ ނިންމާފައެވެ.
ގޯތި ދޫކުރުމަށްޓަކައި އެތަންތަން ހިއްކުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނައިރު އެތަންތަން ހިއްކަމުން ދަނީ ކުރިން ކަނޑައަޅާފައި އޮތް މިންވަރަށްވުރެ ބޮޑުކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ