މި އަހަރުގެ ފުރަތަމަ 11 ދުވަހުގެ ތެރޭގައި ބަދަލުގެ ގޮތުގައި ދޫކޮށްފައިވާ ފައިސާއަކީ ކުރީ ސަރުކާރުން އެކުލަވައިލި ސެޓުލްމެންޓު ކޮމިޓީން ބަދަލު ދިނުމަށް ނިންމައި، ބަދަލުގެ ގޮތުގައި ފައިސާ ދޫކުރުމުގެ އެއްބަސްވުންތައް ހަދާފައިވާ ފަރާތްތަކަށް ދޫކުރި ފައިސާކަމަށް ފިނޭންސް މިނިސްޓަރު ޑރ.މުޙައްމަދު ޝަފީޤު ވިދާޅުވެއްޖެއެވެ.
ބަދަލު ދިނުމަށް ކުރީ ސަރުކާރުން އެކުލަވައިލި ސެޓްލްމެންޓު ކޮމިޓީންވަނީ ގިނަ ބަޔަކަށް ބަދަލުގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ދިނުމަށް ނިންމައި އެ ފަރާތްތަކަށް ފައިސާ ދިނުމަށް އެއްބަސްވުންތައް އެކުލަވައިލާފައެވެ.
ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން ޖަނަވަރީ 11 ވަނަ ދުވަހާ ދެމެދުގައި ބަދަލުގެ ގޮތުގައި ދޫކުރި 23 މިލިއަން ރުފިޔާއަކީ ކުރީ ސަރުކާރުގައި ހަދާފައިވާ ބަދަލުދިނުމާ ގުޅޭ އެއްބަސްވުންތަކެއްގެ ދަށުން ދޫކުރި ފައިސާކަމަށާއި، އެ ފައިސާ ދޫކުރީ އެއިރު ހަދާފައި ހުރި އެއްބަސްވުންތައް ބަންޑާރަނައިބުގެ އޮފީހަށް ފޮނުވައި ރިވީއުކުރުމަށްފަހު އެ ފައިސާ ދެއްކުން ލަސްކޮށްފިނަމަ އިތުރު ބުރައެއް ދައުލަތަށް އުފުލަންޖެހިދާނެކަމަށް ޤަބޫލުކުރެވޭތީކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ސަރުކާރާ ހަވާލުވެ ސެޓްލްމެންޓު ކޮމިޓީވަނީ އުވާލާފައި. އެއްވެސް ބަޔަކަށް ބަދަލުދިނުމަށް މި ސަރުކާރުން މިހާތަނަށް ނިންމާފައިނުވާނެ. އަދި މިސަރުކާރުން ނިންމައިގެން ބަޔަކަށް ބަދަލުގެ ގޮތުގައި ފައިސާއެެއް ދޫކޮށްފައިނުވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެފައިސާ ދޫކުރީ ކޮން ފަރާތްތަކަކަށްކަން ހާމަނުކުރެވެނީ އެއްބަސްވުމުގައި ބަދަލުގެ ގޮތުގައި ފައިސާ ދޫކުރި ފަރާތްތަކާއި އެ ފަރާތްތަކަށް ދައުލަތުން ދޫކުރި ފައިސާގެ އަދަދު ހާމަނުކުރުމަށް އެއިރުގެ ސަރުކާރުން އިލްތިޒާމުވެފައި އޮތުމުންކަމަށެވެ.
ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެކުލަވައިލެއްވި ސެޓުލްމެންޓު ކޮމިޓީން އެއްވެސް އުސޫލެއް ނެތި އެކި ކުންފުނިތަކަށް ގިނަ އަދަދެއްގެ ފައިސާ ބަދަލުގެ ގޮތުގައި ދޫކޮށްފައިވެއެވެ. ބަދަލުގެ ގޮތުގައި ދޫކުރި ފައިސާގެ އަދަދު 3 ބިލިއަނަށްވުރެ މައްޗަށް އަރާނެ ކަމުގައި ބެލެވެއެވެ.
ބަދަލުގެ ގޮތުގައި ދޫކުރީ ކުރީ ސަރުކާރުން ހެދި އެއްބަސްވުންތަކުގެ ދަށުން ދޫކުރި ފައިސާ: ޑރ.ޝަފީގު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ