ކޮރަޕްޝަނުން ހޯދާ މުދަލާ ފައިސާ ދައުލަތަށް ނެގޭނެ ގޮތެއް ނެތް

އޭސީސީ އިން ބުނާ ގޮތުގައި ދައުލަތަށް އެތަކެތި ނެގޭނެ ގޮތެއް ގާނޫނީ އޮނިގަނޑުގެ ތެރެއިން ކަނޑައެޅިގެން ދިއުމަކީ ކުށް ކުރުން ހުއްޓުވުމަށް އެޅިގެންދާނެ އިތުރު ފިޔަވަޅެކެވެ.
ކޮރަޕްޝަނަކީ ރާއްޖޭގައި ވަރަށް އާންމު ކުށަކަށް ވެފައިވާއިރު، އެ ކުށުން ހޯދާ މުދަލާ ފައިސާ ދައުލަތަށް ނެގޭނެ ގޮތެއް ނެތެވެ. އެއީ ގާނޫނީ ހުސްކަމެއް އޮތުމުންނެވެ. ގާނޫނުގައި އެކަން ސާފުކޮށް ބަޔާން ކޮށްފައި ނެތުމުންނެވެ.
ކުށްކޮށްގެން ހޯދާ މުދަލާ ފައިސާ ދައުލަތަށް ނެގުމުގެ ނިޒާމު ރާއްޖޭގައި އޮންނަ ގޮތް ދެނެގަތުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ދާދި ފަހުން ދިރާސާއެއް ކޮށްފަ އެވެ. އެ ދިރާސާއިން ދައްކާ ގޮތުގައި، ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު އޮތް ގޮތުން، ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގެން އޮތީ މީހެއްގެ މައްޗަށް މަނީ ލޯންޑައިންގެ ކުށް ސާބިތު ވެގެނެވެ. ކޮރަޕްޝަންގެ ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ، މަނީ ލޯންޑަރިންގެ ކުށަކާއި ގުޅުންހުރި ހާލަތެއްގައި މެނުވީ ދައުލަތަށް ނެގޭނެ ގޮތެއް ނެތެވެ.އެއީ، މަނީލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން މަނީލޯންޑަރިންގެ ކުށާ ގުޅިފައިވާ ކުށްތަކުން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ ކަމަށް ކަނޑައަޅައި، މަނީލޯންޑަރިންގެ ކުށާ ގުޅިފައިވާ ކުށްތަކުގެ ތެރޭގައި ކޮރަޕްޝަން ހިމަނާފައި ވާތީ އެވެ. ކޮރަޕްޝަންގެ ކުށުން ހޯދާ ފައިސާ ދައުލަތަށް ނެގޭނެ ހާލަތެއް ގާނޫނުގައި ނެތް ކަމަށް އޭސީސީގެ ދިރާސާގައި ބަޔާން ކޮށްފައިވެ އެވެ. މިހެން އޮތްއިރު، ކޮރަޕްޝަންގެ ކުށުގައި ދައުވާ ކޮށްގެން ކުށް ސާބިތުވަނީ މަދު މައްސަލަތަކެއްގަ އެވެ. ކޮރަޕްޝަނަކީ ޖިނާއީ ކުށަކަށް ވާއިރު، އެއްވެސް ޝައްކެތް ނެތް މިންވަރަށް އެފަދަ މައްސަލަތައް ކޯޓަށް ސާބިތުކޮށްދޭން ޖެހެ އެވެ.އޭސީސީގެ ދިރާސާ ރިޕޯޓުގައި ކުށް ކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމުގައި ހުރި އިތުރު ގޮންޖެހުންތަކެއް ވެސް ބަޔާން ކޮށްފައިވެ އެވެ. އެހޮތުން، އެސެޓް ރިކަވާ ކުރަން ވަށައި ޖެހޭ ގާނޫނެއް ނެތުމާއި، ހަރުދަނާ އެސެޓް އެންޑް ވެލްތް ޑެކްލެރޭޝަން ނިޒާމެއް ނެތުން ހިމެނެ އެވެ. ހާއްސަކޮށް، ކުށްކޮށްގެން ހޯދާ ފައިސާ ދައުލަތަށް ނެގުމުގައި ކަމާ ގުޅުން ހުރި އިދާރާތަކުން ގުޅިގެން މަސައްކަތް ކުރާނެ ނިޒާމެއް ނެތުން ވެސް ފާހަގަ ކޮށްފައިވެ އެވެ.އޭސީސީ އިން ބުނާ ގޮތުގައި ދައުލަތަށް އެތަކެތި ނެގޭނެ ގޮތެއް ގާނޫނީ އޮނިގަނޑުގެ ތެރެއިން ކަނޑައެޅިގެން ދިއުމަކީ ކުށް ކުރުން ހުއްޓުވުމަށް އެޅިގެންދާނެ އިތުރު ފިޔަވަޅެކެވެ. އަދި ރާއްޖޭގައި އެ މުދަލާ ފައިސާ ހޯދުމާއި، ތަސައްރަފުކުރުން ހުއްޓުވުމަށް މަސައްކަތް ކުރާ އިދާރާތަކަށް ލިބިގެންދާނެ އިތުރު ކުރިއެރުމެއް ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ. 
"މިނިޒާމު ހަރުދަނާ ވެގެން ދިއުމަކީ ރާއްޖޭގައި ކޮރަޕްޝަނާއި ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށް ލިބިގެންދާ އިތުރު ކާމިޔާބީއެއް، މުޖުތަމައުގައި ކުށްކުރުމަށް އޮންނަ ޝައުގު ކުޑަކުރުމަށް ލިބިގެންދާނެ ބާރެއް،" އޭސީސީ އިން ބަޔާންކޮށްފައިވެ އެވެ.ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމަށް މަގު ކޮށައިދިނުމަށް އޭސީސީ އިން ވަނީ ހައްލުތަކެއް ވެސް ކިޔައިދީފަ އެވެ. އެއީ؛
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ދައުލަތަށް ނަގަން ކޯޓުން އަމުރުކުރާ މުދަލާއި ފައިސާގެ ތެރެއިން ދައުލަތަށް ނެގެނީ ވަރަށް މަދު މިންވަރެކެވެ. ޖިނާއީ މިފަދަ މައްސަލަތަކުގައި ފައިސާ ނުދެއްކުމުން ދައުލަތުން އެފައިސާ ހޯދަން ދެން ދަނީ ސިވިލް ކޯޓަށެވެ. އެފަދަ ފައިސާ ދައުލަތަށް ނެގުމަށާއި އަދި ހޯދުމަށް ބޮޑެތި ގޮންޖެހުންތައް ހުރިކަމަށް ޖިނާއީ އަދުލުގެ ނިޒާމާ ގުޅޭ އެހެނިހެން އިދާރާތަކުން ވެސް ކުރިން ބަޔާންކުރަމުން ދެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ