ފަސޭހައިން އޮސްޓްރޭލިޔާ ބަލިކޮށް، ފީފާ ވަރލްޑްކަޕްގެ ގަދަ 16 ޓީމްގެ ތެރެއިން ޖާގައެއް ޔަގީންކޮށް ސްޕެއިން އަނެއް ބުރަށް ދަތުރުކޮށްފިއެވެ. ގަދަ 32 ޓީމް ވާދަކުރާ ބުރުގެ މެޗު އޮސްޓްރޭލިޔާއާ ވާދަކޮށް ސްޕެއިން ކާމިޔާބުކުރީ 3-0 ނެވެ.
ލޮސް އެންޖަލިސް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ލަނޑާއި ފަހު ލަނޑު ދެހާފްގައި ކާމިޔާބުކޮށްދިނީ އޮޔާޒަބާލް އެވެ. އަދި ސްޕެއިންގެ ދެވަނަ ލަނޑު ޖެހީ ދެވަނަ ހާފްގައި ޕެޑްރޯ ޕޮރޯ އެވެ. އޮޔާޒަބާލް ސްޕެއިންއަށް ކުރި ހޯދައިދިނީ 36 ވަނަ މިނިޓްގައެވެ. އަދި ސްޕެއިންގެ ތިންވަނަ ލަނޑު އޭނާ ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައިވަނިކޮށެވެ. ދެ ލަނޑު ޖަހަންވެސް ފުރުޞަތު ތަނަވަސްކޮށްދިނީ ކުރިއަށް އޮތް ސީޒަންގައި ރެއާލް މެޑްރިޑަށް ކުޅެން ސޮއިކޮށްގެން ހުރި ޑިފެންޑަރ ކުކުރެލާ އެވެ. މެޗުގައި ކުކުރެލާ ލަނޑެއްވެސް ޖެހިއެވެ. އެކަމަކު ބަލައި ނުގަތެވެ. ސްޕެއިންގެ ދެވަނަ ލަނޑު ޕެޑްރޯ ޕޮރޯ ބޮލުން ޖެހީ އަލެކްސް ބައެނާ ތަނަވަސްކޮށްދިން ފުރުޞަތެއްގައި 66 ވަނަ މިނިޓްގައެވެ. މެޗުގައި އޮޔާޒަބާލް ޖެހި ދެ ލަނޑާއެކު މިމުބާރާތުގައި އޭނާ ޖެހި ލަނޑުގެ އަދަދަކީ 4 އެވެ. ސްޕެއިން އިން މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީވެސް އޭނާއެވެ.
ގަދަ 16 ޓީމްގެ ބުރުގައި ސްޕެއިން ވާދަކުރާނީ ޕޯޗްގަލް ނުވަތަ ކްރޮއޭޝިޔާއާއެވެ. އެދެޓީމް ގަދަ 32 ޓީމް ބުރުގައި ރާއްޖެ ގަޑިން ފަތިހު 4 ޖަހާއިރު ވާދަކުރާނެއެވެ.
ފަސޭހައިން އޮސްޓްރޭލިޔާ ބަލިކޮށް، ސްޕެއިން ގަދަ 16 ޔަގީންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ