އައިއެސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ފުލުހުން ތުހުމަތު ކުރާ މުހައްމަދު އަމީންގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ހައި ކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި އެވެ.
މައްސަލައިގެ ފެށުން - އަމީންގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާތަކުގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި ހިނގަމުން ދަނިކޮށް ހައި ކޯޓުން ވަނީ އެ ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައިފަ އެވެ. ހައި ކޯޓުން އެގޮތަށް ނިންމީ ދައުވާކުރަން ޖެހޭ މުއްދަތު ފަހަނައަޅައި ދިޔަ ފަހުން ދައުލަތުން މައްސަލައިގައި ދައުވާ ކުރި ކަމަށް ކަނޑައެޅުމަށްފަހު އެވެ.
އަމީނަށް ކުރި ދައުވާތައް ބާތިލްކުރި ސަބަބުތައް:
އަމީން ހައްޔަރުކުރި ގާނޫނާއި އޭނާ ބަންދު ދެމެއްޓީ ތަފާތު ދެ ގާނޫނެއްގެ ދަށުން ކަމުގައިވާތީ
އަމީން ހައްޔަރުކުރީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުން ނަމަވެސް އަމީންގެ ބަންދާމެދު ގޮތް ކަނޑައެޅީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން
ހައި ކޯޓުން ބުނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އަމީންގެ ބަންދާ މެދު ގޮތެއް ކަނޑައަޅާފައިވާނަމަ، އޭނާގެ މައްޗަށް ދައުވާކުރަން ޖެހޭނީ ވެސް އެ ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ކަމަށް
އެ ގާނޫނުގެ ދަށުން، 30 ދުވަހުގެ ތެރޭގައި ދައުވާކުރަން ޖެހޭ، ނަމަވެސް އަމީނަށް ދައުވާކުރީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ބަލައިގެން 45 ދުވަސް ހަމަވުމުގެ ކުރިން
ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. ސުޕްރީމް ކޯޓުގައި އަމީންގެ ފަރާތުން އެދުނީ ހައި ކޯޓުގެ ނިންމުން ދަމަހައްޓައިދިނުމަށެވެ. ދައުލަތުން އެދުނީ ހައިކޯޓުގެ ނިންމުން ބާތިލުކުރުމަށެވެ.
ވީ ކިހިނެއް؟ - އެ މައްސަލައިގައި ފަނޑިޔާރު ހުސްނުސުއޫދުގެ ރައުޔުގައި، ގާނޫނެއް ނުވަތަ ގަވާއިދެއްގައި ހިމެނޭ ހުރިހާ އަކުރެއް ޝާމިލު ގޮތެއްގައި މާނަކުރުމާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ނިންމުމެއްގައި އުސޫލެއް ކަނޑައަޅުއްވާފައިވާ ކަމަށް ވިދާޅުވެ އެ ނިންމުމާ ހަވާލާދެއްވި އެވެ.
ބުނީ ކީކޭ؟ - އެ ނިންމުމުގައި ބުނެފައި ވަނީ:
ގާނޫނެއް މާނަކުރުމުގެ މަސައްކަތް ފެށެނީ ގާނޫނުނުގެ އިބާރާތާއި އޮނިގަނޑުންކަން
އެހެންކަމުން ކޯޓުން ގާނޫނު ކިޔަންވާނީ އެއް ރޮއްޖަކުން ވިޔެފައިވާ އެކަތިގަނޑެއްގެ ގޮތުގައިކަން
ގާނޫނުގެ ވަކިވަކި ބައިތައް ކިޔައި މާނަކުރަންވާނީ މުޅި ގާނޫނުގެ ވަށައިގެންވާ ސިޔާސަތާއި މަގުސަދު ފުޅާ އިމުގެ ތެރޭގައިކަން
ފަނޑިޔާރު ސުއޫދުގެ ރައުޔުގައި ދެން ވިދާޅުވީ ހާއްސަ ގާނޫނަކާއި އާންމު ގާނޫނެއް އެއް ތަންވެ އޮންނަ ހާލަތުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ހުރި އުސޫލުތައް ދައުވާ ލިބޭ މީހާއަށް ލުއިވެފައި ހާއްސަ ގާނޫނުގައި އޭނާއަށް އުނދަގޫ އިޖުރާއަތެއް އޮތް ނަމަވެސް އަމަލުކުރަންޖެހޭނީ ހާއްސަ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކަށް ކަމަށެވެ.
އެހެންކަމުން، ހައިކޯޓުން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ފ) މާނަކޮށްފައި ވަނީ، ގާނޫނު މާނަކުރުމާ ގުޅޭ ގޮތުން މީގެ ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކުގައި ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ކަމަށް ފަނޑިޔާރު ސުއޫދުގެ ރައުޔުގައިވެ އެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ފ):
މި މާއްދާގައި ބަޔާންކުރާ ކަންކަމުގެ އިތުރުން، ކުށުގެ ތުހުމަތުގައިވާ ފަރާތްތަކުގެ ބަންދާ ގުޅޭގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ އާންމު އިޖުރާއަތުތަކުގެ ތެރެއިން އިޖުރާއަތެއް މި ގާނޫނުގެ ދަށުން ބަންދުކުރެވޭ މީހެއްގެ މައްޗަށް ތަންފީޒުކުރުމަކަށް މި ގާނޫނު ހުރަހެއްނާޅަ އެވެ. އެހެންނަމަވެސް، އެ ހާލަތުގައި ހިނގާނީ އެ ގާނޫނުގައި ބަޔާންކުރާ އުސޫލުތަކެވެ.
ސުޕްރީމް ކޯޓުން އެގޮތަށް ކަނޑައެޅީ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ ހުރިހާ އަކުރުތައް ހައި ކޯޓުން މާނަކުރީ "އެއް ރޮއްޖަކުން ވިޔެފައިވާ އެކައްޗެއްގެ ގޮތުގައި ކަމަށް ނުވާތީ" އެވެ.
"26 ވަނަ މާއްދާގައިވާ އަކުރުތަކުގެ ސްކީމްގެ ބޭރަށް އެ މާއްދާގެ (ފ) ނެރެ، އެ އަކުރަކީ މުޅިން މިނިވަން މާއްދާއެއްގެ ގޮތުގައި ހައިކޯޓުން މާނަކޮށްފައި ވަނީ ގާނޫނު މާނަކުރުމުގެ ސައްހަ މަގުން ކަމަށް ނުދެކެމެވެ." ފަނޑިޔާރު ސުއޫދުގެ ރައުޔުގައިވެ އެވެ.
ފަނޑިޔާރު ސުއޫދުގެ ރައުޔަށް، އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނު އަދި ފަނޑިޔާރު އާއިޝާ ޝުޖޫން ވަނީ ތާއީދުކުރައްވައިފަ އެވެ.
އެ ރައުޔުގައި ފަނޑިޔާރު ސުއޫދު ވިދާޅުވީ:
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ފ)ގެ މަގުސަދަކީ އޭގެ ކުރިއަށް ހުރި އަކުރުތަކުގައިވާ އިޖުރާއަތުގެ ދަށުން ޓެރަރިޒަމްގެ ތުހުމަތުކުރެވޭ މީހަކު ބަންދުކުރެވޭނެ އެންމެ ދިގު މުއްދަތަކީ 14 ދުވަސް ކަމަށް ވާތީ އެއަށް ވުރެ ދިގު މުއްދަތަކަށް އެ މީހަކު ބަންދުކުރަން ޖެހިއްޖެ ނަމަ ޖިނާއި އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ދަށުން ބަންދުގައި ބެހެއްޓުން ހުއްދަކުރުންކަން
އެ ނޫން މާނައެއް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ފ) އިން ނުނެގޭކަން
އެހެންކަމުން ހައި ކޯޓުން އެ މާއްދާ މާނަކުރި ގޮތަށް އެ މާއްދާ މާނަކުރެވޭނެ ގާނޫނީ އެއްވެސް ހަމައެއް ނެތްކަން
"... މުޅި އެ ގާނޫނާއި އެ ގާނޫނުގައިވާ އެހެން މާއްދާތަކުގެ މަގުސަދު ގެއްލޭ ގޮތަށް އެ އަކުރަކީ މުޅިން މިނިވަން މާއްދާއެއް ކަމަށް މާނައެއް ނުކުރެވޭނެ އެވެ،" ސުޕްރީމް ކޯޓުގެ ހުކުމްގައިވެ އެވެ.
އޭގެ އިތުރުން، ޓެރަރިޒަމްގެ ތުހުމަތުކުރެވޭ މީހެއްގެ މައްޗަށް ޕީޖީ ދައުވާކުރަން ޖެހޭ މުއްދަތު ގުނާނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ކަމަށް ވެސް ސުޕްރީމް ކޯޓުން ވަނީ ބުނެފަ އެވެ.
އެހެންކަމުން، އަމީންގެ ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ހައި ކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން މިއަދު ވަނީ ބާތިލްކޮށްފަ އެވެ. އަދި އަމީންގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި ހުށަހެޅި ދެ ނުކުތާ ބަލައިނުގަންނަން ކްރިމިނަލް ކޯޓުން ނިންމީ ރަނގަޅަށް ކަމަށް ވެސް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރި އެވެ.
މުހިންމުވަނީ ކީއްވެ؟ - އެ ހުކުމާއެކު، ކްރިމިނަލް ކޯޓުގައި މުހައްމަދު އަމީންގެ މައްޗަށް އުފުލާ ބަލަމުން ދިޔަ ދައުވާތައް، ހައި ކޯޓުން ދައުވާތައް ބާތިލުކުރުމުގެ ކުރިން ބަލަމުން ގޮސްފައިވާ ހިސާބުން، އެ މައްސަލަ ބައްލަވާ ފަނޑިޔާރު، ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ވެސް ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ވަނީ ނިންމައިފަ އެވެ.
އެގޮތުން މައްސަލަ ބަލާއިރު، އިދާރީގޮތުން ހުރި ކަންކަން ފުރިިހަމަކުރުމަށް، މައްސަލަތަކަށް އާ ގަޒިއްޔާ ނަންބަރެއް ދީގެން ކުރިއަށް ދިއުމަކުން ހުރަހެއް ނެތް ކަމަށް ވެސް ނިންމި އެވެ.
އިތުރަށް ކިޔާލަން -
މުއްދަތު ހަމަވި ފަހުން ދައުވާކުރުމުން އަމީން ސަލާމަތް ވެއްޖެ
އަމީން ދޫކޮށްލުން: ސުޕްރީމް ކޯޓުގައި ގާނޫނު މާނަކުރުމުގެ ބަހުސެއް
އަމީނަށް ކުރި ދައުވާތައް ބޭރުކޮށްލި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި
އަމީނަށް ކުރި ދައުވާތައް ކުރިއަށް ގެންދަން ސުޕްރީމް ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ