އިއުލާންނުކޮށް ރަށް ދޫކުރުމަކީ އާކަމެއް ނޫން، މައުމޫން ވެރިކަމުގައިވެސް އެކަންކުރި: ބަންޑާރަ ނައިބު

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ސަރުކާރުގައިވެސް ބިޑުނުކޮށް ޓޫރިސްޓް ރިސޯޓު ތަރައްގީކުރަން ރަށްރަށް ދީފައިވާ ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ. އިއުލާން ކުރުމެއްނެތި ޓޫރިސްޓު ރިސޯޓު ތަރައްގީ ކުރުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށްދެވޭގޮތް ހެދުމަށް ޓޫރިޒަމް ގާނޫނަށް ގެނެސްފައިވާ އިސްލާހާ ގުޅެގޮތުން ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު ވިދާޅުވީ މިހާރު އަމަލު ކުރަމުންދާ ޓޫރިޒަމް ގާނޫނުގެ ފަސް ވަނަ މާއްދާގައި އާންމުކޮށް އިއުލާންކޮށްގެން ރަށްތައް ޓޫރިޒަމްގެ ބޭނުމަށް ދޭންޖެހޭނެ ކަމަށް ބުނެފައިވީނަމަވެސް އެގާނޫނުގައި ސަރުކާރު ބައިވެރިވާގޮތަށް ބިޑްނުކޮށް ރަށްރަށް ދެވިދާނެ ކަމަށް ވެސް ބުނެފައިވާ ކަމަށެވެ. އަނިލް ވިދާޅުވީ ޓޫރިޒަމްގެ ގާނޫނުގައި ބުނާ އެ އެ އުސޫލު މީގެކުރިން ބޭނުންކޮށްފައި ވަނީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ. "ޖޭވީ މޮޑެލްއެއް ހަދައިގެން އެކިއެކި ފަހަރުމަތިން 2005 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް އެބަހުރި {އިއުލާންނުކޮށް} ރަށްތައް ދޫކުރެވިފައި، އެއީ މިމާއްދާގެ ފަސްވަނަ މާއްދާގެ ރޫހު އޮތްގޮތެއް ނޫން،" އަނިލް ވިދާޅުވިއެވެ. އެގޮތަށް ދޫކުރި ރަށްތަކުގެ ތެރޭގައި އެމްޓީޑީސީ އުފައްދައި އެ ކުންފުންޏަށް ދޫކުރި ރައްތަކާއި، އަދި 2008 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައި ޓޫރިޒަމް ދާއިރާ ތަރައްގީކުރުމަށް ދޫކުރި ރަށްތައް ހިމެނޭ ކަމަށް އަނިލް ވިދާޅުވިއެވެ. އަނިލް ވިދާޅުވީ އެ ގާނޫނަށް މިފަހަރު އިސްލާހު ގެނައީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައާއި އެހެން މުއައްސަސާތަކުން ފާހަގަކޮށްފައިވާ މައްސަލަތަކަށް ރިއާޔަތްކުރުމަށްފަހު ކަމަށެވެ. އަލަށް ގެނައި ބަދަލާއެކު ރަށްތައް ކުއްޔަށް ދެވޭނީ ރައީސް އޮފީހުގެ ހުއްދަޔާއެކު ކަމަށާއި އަދި ރަށްތައް ކުއްޔަށް ދީގެން ލިބޭ ފައިސާ ޖަމާވާނީ މީރާއަށްކަމަށްވާތީ އެއީ ކޮރަޕްޝަން މަގުފަހިވާނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ބިޑަށް ހުޅުވާލައިގެން މީގެ ކުރިން ދޫކުރި ރަށްތަކުގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ރަށްތައް ހުރީ ނުހެދި ކަމަށް އަނިލް ވިދާޅުވި އެވެ. ޓޫރިޒަމް ގާނޫނަށް މިހާރު ގެނެސްފައިވާ އިސްލާހުތަކަކީ، ކުރިން އެ ގާނޫނުގައި ހުރި ލޫޕްހޯލްތައް ބޭނުންކޮށްގެން އޭގެ ނާޒާއިޒު ފައިދާ ނަގާފައިވާތީ، އެގޮތަށް އެކަންކަން ނުކުރެވޭނޭ ގޮތަށް ފަރުމާކޮށްފައިވާ އިސްލާހުތަކެއް ކަމަށްވެސް ބަންޑާރަ ނައިބު ވިދާޅުވިއެވެ. އެގޮތަށް ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކެވެ. އެބިލަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ދެކޮޅު ހައްދަވައެވެ. ނިހާނު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ އާންމުކޮށް އިއުލާނުކޮށްގެން، އަދި ނުކޮށް ވެސް ރަށެއް ނުވަތަ ފަޅެއް ނުވަތަ ބިމެއް ކުއްޔަށް ދޫކުރެވިދާނެ ކަމަށެވެ. އާންމުކޮށް އިއުލާނު ނުކޮށް ކުއްޔަށް ދޫކުރެވޭނީ ރަށުގައި، ނުވަތަ ބިމުގައި ނުވަތަ ފަޅުގައި ހިންގުމަށް ބޭނުންވާ މަޝްރޫއުގެ ތަފްސީލާ އެކު ޓޫރިޒަމް މިނިސްޓްރީ އަށް ހުށަހެޅުމުންނެވެ. އިއުލާން ކުރުމަކާ ނުލައި ކުއްޔަށް ދޫކުރެވޭނީ އެ މަޝްރޫއެއް ހިންގުމަށް ތިމާވެށީގެ ގޮތުން އެކަށީގެންވާ ތަނެއްގެ އިތުރުން، ޓޫރިޒަމް މިނިސްޓްރީ އިން ކަނޑައަޅާ އާންމު ކުރާ އެކުއިޒިޝަން ފީ އެއްފަހަރާ ދެއްކުމާއި، އެ މަޝްރޫއަށް ފަންނީ ގޮތުންނާއި މާލީ ގޮތުން ގާބިލު ފަރާތަކަށްވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ