ރިޔާސީ ކެމްޕޭނަށް އެންމެ ބޮޑު ހަރަދެއް ކުރީ ގާސިމް

މި އަހަރުގެ ރިޔާސީ އިންތިހާބަށް ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން އެންމެ ބޮޑު ހަރަދެއްކުރެއްވީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކެންޑިޑޭޓް ގާސިމް އިބްރާހީމް ކަމަށް މާލީ ބަޔާނުން ދައްކައިފި އެވެ.
"ހާސްކަނޑާލާ، ހަމަޖެހޭނެ" ގެ ނަމުގައި ގާސިމް ރައީސް ކަމަށް ވާދަކުރެއްވި ތިން ވަނަ އިންތިހާބުގައި ކެމްޕޭނަށް ޖުމްލަ 19.9 މިލިއަން ރުފިޔާ ހޭދަކުރެއްވި އެވެ. ނަމަވެސް ގާސިމަކީ 8 ކެންޑިޑޭޓުން ވާދަކުރެއްވި އިންތިހާބުގައި ޕާޓީތަކުގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން އެންމެ މަދުން ވޯޓް ލިބިވަޑައިގަތް އެއް ކެންޑިޑޭޓެވެ.
ޖޭޕީ އަކީ 22،000 ވަރަކަށް މެންބަރުން ތިބި ޕާޓީއެއް ނަމަވެސް އިންތިހާބުގައިި ގާސިމަށް ލިބިވަޑައިގަތީ 5،400 އެއްހާ ވޯޓެވެ.
އިންތިހާބުގައި ދެން އެންމެ ބޮޑު ހަރަދެއްކުރެއްވީ އެންމެ 1،900 އެއްހާ ވޯޓް ލިބިވަޑައިގަތް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ކެންޑިޑޭޓް ކާނަލް މުހައްމަދު ނާޒިމެވެ. ކެމްޕޭނަށް އޭނަ 13.1 މިލިއަން ރުފިޔާ ހޭދަކުރެއްވި އެވެ.
އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށަހެޅި ކެންޑިޑޭޓުންގެ މާލީ ބަޔާންތަކުން ދައްކާ ގޮތުގައި ދެ ބުރަށް ބޭއްވި އިންތިހާބުގެ ކެމްޕޭނަށް ޖުމްލަ 45.9 މިލިއަން ރުފިޔާ ހޭދަކުރި އެވެ. ދެވަނަ ބުރަށް ވާދަަކުރެއްވީ ޕީއެންސީގެ ޓިކެޓްގައި ވާދަކުރެއްވި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ކެންޑުޑޭޓް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.
ކެންޑިޑޭޓުން ކެމްޕޭނަށް ކުރި ހަރަދު:
* ޖޭޕީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް: 19.9 މިލިއަން ރުފިޔާ
* އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމް: 13.1 މިލިއަން ރުފިޔާ
* އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ސޯލިހު: 6.8 މިލިއަން ރުފިޔާ
* ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބު: 2.5 މިލިއަން ރުފިޔާ
* ޕީއެންސީގެ ކެންޑިޑޭޓް، މިހާރުގެ ރައީސް މުއިއްޒު: 2 މިލިއަން ރުފިޔާ
* އަމިއްލަ ގޮތުން ވާދަކުރެއްވި ފާރިސް މައުމޫން: 1.2 މިލިއަން ރުފިޔާ
* އަމިއްލަ ގޮތުން ވާދަކުރެއްވި ހަސަން ޒަމީލް: 16،259.68ރ.
* އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރު: 285،950ރ.
ސެޕްޓެމްބަރު މަހުގެ 30 ގައި ބޭއްވި އިންތިހާބުގެ ދެވަނަ ބުރު ރައީސް މުއިއްޒު ކާމިޔާބުކުރެއްވީ 129،159 ވޯޓާ އެކީ ވޯޓްލީ މީހުންގެ 54.04 ޕަސެންޓާ އެކީގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ