ރައީސް ނަޝީދުގެ މައްސަލަ ކުރިޔަށް ގެންދެވޭނީ ކޯޓުން ގޮތެއް ނިންމުމުން: ޑިމޮކްރެޓްސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުން ވަކިކުރުމަށް އެމްޑީޕީން ހުށަހަޅާފައިވާ މައްސަލަ ދެން އިތުރަށް ކުރިޔަށް ގެންދެވޭނީ ސުޕްރިމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލާގައި އެކޯޓުން ގޮތެއް ނިންމުމުން ކަމުގައި ޑިމޮކްރެޓިކް ޕާޓީން ބުނެފިއެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތެއް ހޯދަން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ ފުރަތަމަ އަޑުއެހުން އަންނަ ހޯމަ ދުވަހަށް ވަނީ ތާވަލްކޮށްފައެވެ.
ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަލީ އާޒިމް ރައްޔިތުންގެ މަޖިލިހުގެ އަމީންއާންމަށް އެޑްރެސްކޮށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ އެމްޑީޕީން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުގައި ވަނިކޮށް، ހަމަ އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުން ބަހުސްކޮށް ގޮތެއް ނިންމުމަކީ ސުޕްރީމް ކޯޓުގައި އޮތް މައްސަލައިގައި ކޯޓަށް ނުފޫޒު ފޯރާނޭ މަސައްކަތެއް ކަމުގައި ދެކޭތީ އެ މައްސަލައާ މެދު ގޮތެއް ނިންމަންދެން މި މައްސަލަ މަޖިލީހުގެ ތަޅުމަށް އެޖެންޑާ ކުރެވިދާނެ ކަމަށް ނުދެދޭކަން ހާމަކޮށްފައެވެ.
އާޒިމް މިފަދައިން ވިދާޅުވެފައިވާއިރު ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހަށްވެސް މިހާރުވަނީ އެޖެންޑާ ކޮށްފައެވެ.
އެމްޑީޕީގެ ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މަގާމުން ދުރުކުރުމަށް 49 މެންބަރުންގެ ސޮޔާއެކު އެމްޑީޕީން ހުށަހެޅި އިތުބާރު ނެތް މައްސަލަ މަޖިލީހުގެ ޖަލްސާއަށް ތާވަލުކުރިނަމަވެސް ނައިބުރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ ޖަލްސާތައް ކުރިޔަށް ނުގެންދެވޭނެ ކަމަށް މަޖިލީހުން ވަނީ ނިންމާފައެވެ.
އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މަގާމުން ވަކި ކުރުމަށް ހުށަހަޅާފައިވާ މައްސަލައިގެ ގޮތެއް ނިންމުމުގެ ޖަލްސާގައި ރިޔާސަތު ބެލެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްއަށް ހާޒިރުވެވަޑައިނުގެންނެވޭ ހިނދެއްގައި މަޖިލީހުގެ ގަވާއިދުގެ 44ވަނަ މާއްދާއަށް އަމަލުކުރުން މަޖިލީހުގެ އިދާރާއަށް ލާޒިމްވާނެ ކަމަށް ކަނޑައަޅައިދެއްވުމަށެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށެޅިފައިވާނަމަ އެ ވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސް ކުރެވޭނީ ނޫނީ ގޮތެއް ނިންމަންވާނީ މަޖިލީހުގެ ރައީސް ވަކިކުރުމުގެ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުގައި ކަމަށް ކަނޑައަޅައި، މިހާރު ހުށަހަޅާފައިވާ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުގައި ނޫނީ މަޖިލީހުގެ އެހެން އެއްވެސް ޖަލްސާއެއް ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅައިދެއްވުމަށް އެދިއެވެ.
މި މައްސަލަ ކޯޓުން ބަލައިގެންފައިވާއިރު މިއީ އެ ކޯޓުން އަވަސް ނިޔާ ކަނޑައަޅަންޖެހޭނެ މައްސަލައެކެވެ.
މި މައްސަލައަށް ޑިމޮކްރެޓްސްއާއި ޕީޕީއެމްގެ ފަރާތުން ވަނީ ތަދައްޚުލްވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ