ރައީސްގެ އަމާޒު: ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިގެ ނިޒާމަށް ބަދަލުކުރުން!

މިސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ބޭނުން ކުރާ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިގެ ނިޒާމަށް ބަދަލު ކުރުން ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ، ދުބާއީގައި މިހާރު ކުރިއަށްދާ މޫސުމާ ބެހޭ ކޮންފަރެންސް، ކޮޕް28 ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ، ރާއްޖޭގައި މިހާރު އިއާދަކުރަނިވި ހަކަތަ ބޭނުން ކުރާ މިންވަރަކީ 4 އިންސައްތަ ކަމަށާއި އެމަނިކުފާނުގެ ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރު ތެރޭ އެ އަދަދު 33 އިންސައްތައަށް ހެދުން ކަމަށެވެ. އަދި އެއަމާޒަށް ވާސިލުވުމަށް، ރާއްޖޭން އެންމެ މަދުވެގެން 600 މިލިއަން ޑޮލަރު ހޯދަން ޖެހޭކަން ފާހަގަ ކުރައްވައި ރައީސް ވަނީ ގައުމުތަކުގެ އެހީ ބޭނުންވާކަން ފާހަގަ ކުރައްވާފައެވެ.
ރައީސް ވިދާޅުވީ، ތިމާވެށި ހިމާޔަތް ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހިފައިވާ ކަމަށާއި އެކަން އެގޮތަށްކޮށް، އެންމެން އެކީ ގުޅިގެން މަސައްކަތްކޮށްފިނަމަ، ބޭނުންވާ ނަތީޖާ ނެރެވޭނެ ކަމަށެވެ.
ރާއްޖޭގެ ކުދި ޖަޒީރާ ރަށްތަކަކީ، ވިލުންތެރި، ސާފު ފެހި މާޙައުލަކަށް ހެދުމަށް އިސްކަން ދެއްވާ ކަމަށް ވިދާޅުވެ، ރައީސް ވަނީ މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢެއް ހިންގަވާނެ ކަމަށް ވެސް މި ސަމިޓުގައި ވިދާޅުވެފައެވެ.
"ބައްޕައެއްގެ ހައިސިއްޔަތުން ދަރިންގެ މުސްތަގުބަލަށްޓަކައި އަޅުގަނޑުގެ ޒިންމާތަކެއް އެބަހުރު. ލީޑަރެއްގެ ހައިސިއްޔަތުން ރައްޔިތުންނަށްޓަކައި އުފުލަން ޖެހޭ ޒިންމާތަކެއް އެބަހުރި. އަދި ދުނިޔޭގެ ފަރުދެއްގެ ހައިސިއްޔަތުން ވެސް އުފުލަން ޖެހޭ ޒިންމާތަކެއް އެބަހުރި. އަޅުގަނޑުމެންގެ އަމަލުތަކުގެ ސަބަބުން ހަރުދަނާ ނަތީޖާއެއް ނުކުންނާނެކަން ޔަގީން ކުރަން ޖެހޭ" ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ