ޤުރުއާނާއި މިސާލު: މާނައެއްނުވާ ގޮވުމާއި ހަޅޭއް

ސޫރަތުލް ބަޤަރާގެ 171 ވަނަ އާޔަތުގައި ﷲ މިސާލެއް ދައްކަވަ އެވެ. މި މިސާލު އަމާޒުކުރައްވަނީ ﷲއަށް އީމާންނުވެ ކާފިރުކަމުގައި ތިބި މީހުންނަށެވެ. ރަސޫލުﷲ ދީނަށް ގޮވައިލެއްވީ ފުރިހަމަ ހެއްކާއި ހުއްޖަތާ އެކު އެވެ. އެކަލޭގެފާނު ގެންދެވީ މުއުޖިޒާތްތައް ދައްކަވަމުންނެވެ. އޭގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު ހުއްޖަތަކީ ކީރިތި ޤުރްއާނެވެ. އެ ފޮތުގައިވާ ބަސްމަގުގެ ފުރިހަމަކަމާއި މޮޅުކަމުން އެއީ އިންސާނެއްގެ ބަސް ނޫންކަން މުޝްރިކުންނަށް ކަށަވަރުވި އެވެ. އެކަމަކު ވެސް އެމީހުން ކިބުރުވެރިކަމާއި ގޮތްދޫކޮށް ﷲ އަށް އީމާންވުމަށް ދެކޮޅުހެދި އެވެ. މި މިސާލުން ﷲ ދައްކަވަނީ ހަގީގަތް ފެނި ތަޖުރިބާކުރެވުމުން ވެސް އެކަން ގަބޫލުނުކުރި މީހުންގެ ނުބައިކަމުގެ ހާލަތެވެ.
ބަޤަރާ ސޫރަތުގެ 171 ވަނަ އާޔަތުގެ މާނައިގައި ވެއެވެ: "ކާފިރުވި މީހުންގެ މިސާލަކީ ގޮވުމެއް ނުވަތަ ހަޅޭއްލެވުމުގެ އަޑު ނޫނީ ނީވޭ ޖަނަވާރަށް ގޮވާ މީހާގެ މިސާލެވެ. އެ ކާފިރުންނީ ބީރު، މަންމަން، ކަނު ބަޔެކެވެ. ފަހެ، އެމީހުންނަކަށް ނުވިސްނެ އެވެ."
މި މިސާލުން ތަފާތު ދެ މަންޒަރު ދައްކަ އެވެ. އެއް މަންޒަރުން ފެންނަނީ ގެރިބަކަރީގެ ބައިގަނޑެއް ފަދަ މީހުންތަކެކެވެ. މަންމަން ނުވަތަ ގާފިލުކަމުގައި ތިބޭ ގެރިބަކަރި ފަދަ ޖަނަވާރު ބައިގަނޑުތައް އެސޮރުމެން ހުއިހައްޕާ މީހާގެ ގޮވުންތަކަށް ނުވަތަ އެމީހާ ލާ ހަޅޭއްކަށް ފުރިހަމައަށް ތަބާވެ ހަރަކާތްކުރެ އެވެ. ޖަނަވާރު ބައިގަނޑުތައް އެސޮރުމެން ގެންގުޅޭ މީހާއަށް ތަބާވެ އޭނާ ދައްކާ މަގުން ކުރިއަށް ދަނީ އެމީހާ ބުނާ އެއްޗެއް އެނގިގެނެއް ނޫނެވެ. އެސޮރުމެންނަށް މިދެވެނީ ކޮން ތަނަކަށް ކަން ވެސް އެސޮރުމެންނަކަށް ނޭނގެ އެވެ. އެސޮރުމެންނަށް އެމީހާގެ އަޑަކީ ނުވަތަ އެމީހާގެ ގޮވުންތަކަކީ ހުސް ހަޅޭއްކެވެ. ނުވަތަ އެއީ މާނައެއްނުވާ ގޮވުމެވެ. އެސޮރުމެންނަށް އެއިން އެއްވެސް އެއްޗެއް ފަހުމެއްނުވެ އެވެ.
ކާފިރުވި މީހުން ކަންތައްކުރީ ވެސް ގެރިބަކަރީގެ ބައިގަނޑެއް ކަންކުރި ފަދައިންނެވެ. އެމީހުންގެ ވެރިން ދެއްކި ވާހަކައަށް ހެއްލި އެމީހުންނަށް ކާފިރުވި މީހުން ތަބާވީ އެއްވެސް އެއްޗެއް އެނގިގެނެއް ނޫނެވެ. އެމީހުން ތަބާވީ ބުހުތާނު ދޮގު ވާހަކަތަކަށެވެ. އެއީ އެއްވެސް އަސްލެއް ބިންގަލެއް ނެތް ދޮގު ވާހަކަ އެވެ. ބުއްދީގެ އަހުލުވެރިޔަކު އެފަދަ އަސާސެއް ނެތް ވާހަކައެއް ގަބޫލެއްނުކުރާނެ އެވެ. އެކަމަކު ގެރިބަކަރި ބައިގަނޑެކޭ އެއްގޮތަށް އެމީހުން އެމީހުންގެ ވެރިންނަށް ނުވަތަ ބޮޑުންނަށް ތަބާވެ ކިޔަމަންވި އެވެ. މިކަމުގެ ނަތީޖާއަކަށް ވީ އެމީހުން ކާފިރުކަމުގައި ތިބެން ޖެހުމެވެ.
މި މިސާލުން ދައްކާ ދެވަނަ މަންޒަރަކީ ރިވެތި އަޚުލާގާއި ބުއްދީގެ ހަމަތަކުން ހެޔޮ ނަސޭހަތް ލިބެމުން ދިޔަ ބައެކެވެ. އެމީހުންނަށް ނަސޭހަތްތެރިވެ މަގުދެއްކީ އާދައިގެ މީހެއް ނޫނެވެ. އެކަމަކު އެއީ އާލަމްތަކަށް ރަހުމަތެއްކަމުގައި ފޮނުއްވި ކައުސާހިބާ ރަސޫލުﷲ އެވެ. އެކަލޭގެފާނު ދީނަށް ގޮވައިލެއްވުމުން ކާފިރުވި މީހުން އެކަމަށް ދިނީ ބީރު ކަންފަތެކެވެ. ރަސޫލުﷲ އާއި ކީރިތި ޤުރްއާން ފެނުމުން ވެސް އެމީހުން އެއަށް ދެއްކީ ކަނު ލޮލެކެވެ. ﷲ އަށް އީމާންވެ ޝަހާދަތުގެ ދެކަލިމަ ކިޔަން ޖެހޭ ހިނދު، އެމީހުން ވީ މަންމަން ބަޔަކަށެވެ. އެހެންކަމުން ކާފިރުވި މީހުން އެއްފަދަވީ ޖަނަވާރު ބައިގަނޑަކާއެވެ. ހައްގު ގޮތް ދެއްކުމުން އެކަމަށް ފުރަގަސްދޭނީ އާފިލުކަމުގައި ޖަނަވާރާ އެއްފަދަވުމުންނެވެ.
ކާފިރުވި މީހުންގެ ވެރިން އެމީހުން މަގުފުރެއްދި ގޮތަށް މިހާރުވެސް ދުނިޔޭގައި ސިޔާސީ ވެރިން ދީން ހަތިޔާރަކަށް ބޭނުންކުރެ އެވެ. ސިޔާސީ މަގުސަދުތައް ހާސިލުކުރުމަށްޓަކައި ސިޔާސީ ވެރިން ދީން ބޭނުންކުރުމަކީ އާންމު ކަމެކެވެ. އަވަށްޓެރި އުތުރުކުރައިން މިހާރު ފެންނަނީ އެފަދަ މަސްރަހެކެވެ. ހުޅަނގުގެ ގައުމުތަކުގައި ވެސް ކަނާތުފިޔައިގެ ހައްދުފަހަނައަޅާފައިވާ ސިޔާސީ ވެރިން ދީން ބޭނުންކޮށްގެން ތާއީދު ހޯދަ އެވެ. މިގޮތަށް ތާއީދު ހޯދުމަށްޓަކައި ވެރިން ކުޅެނީ މީހުންގެ ޖަޒުބާތާ އެވެ. މިއީ މުޝްރިކުންގެ ބޮޑުން ހުރިހާ ޒަމާނެއްގައި ވެސް ކަންކުރި ގޮތެވެ.  
މިއަދު ވެސް ކާފިރުކަމުގައި އުޅޭ މީހުން އެގޮތުގައި ތިބީ އެމީހުންގެ މައިންބަފައިން އެމީހުން އެގޮތަށް ތަރުބިއްޔަތުކޮށްގެންނެވެ. ކާފިރުކަމުގައި ތިބުމަށް އެމީހުން ދައްކާ ހުއްޖަތަކީ އިބުރާހީމްގެފާނުގެ ބަފައިކަލުން ދެއްކި ހުއްޖަތެވެ. އެއީ ކާބަފައިން އުޅުނު ގޮތަށް އުޅުމެވެ. ކާބަފައިންގެ ގޮތްތައް ދޫނުކުރުމެވެ. ބައެއް ގައުމުތަކުގައި އެގައުމުތަކުގެ ސިޔާސީ ވެރިން ވެސް ނުކުމެ މީހުން ކާފިރުކަމުގައި ބައިތިއްބަ އެވެ. މިއީ ގަދީމީ ޒަމާނުގައި ވެސް ސިޔާސީ ވެރިން ކަންކުރި ގޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ