އަންނަ އެޕްރީލް 4، ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީން ކޮންޓްރޯލްކުރާ މޭޔަރުންގެ ގޮނޑިތައް ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ކާމިޔާބުކުރެވޭނެ ޔަގީންކަން ރައީސް މުހައްމަދު މުއިއްޒުއަށް މިއަދު ނުދެއްވުނެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކައުންސިލް އިންތިހާބުގައި އަދި ވަކިން ހާއްސަކޮށް މޭޔަރުންގެ އިންތިހާބުގައި ސަރުކާރުގެ އަންދާޒާއާ ގުޅޭގޮތުން ނޫސްވެރިޔަކު ސުވާލަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ ވަކި ރަށަކުން ނުވަތަ ސިޓީއަކުން ވޯޓު ދޭނެ ގޮތެއް ނޭނގޭ ކަމަށެވެ.
"ސީދާ ޕަސެންޓެއް ނޫން. އެހެންނަމަވެސް އިރާދަކުރެއްވިއްޔާ ވަރަށް ޔަގީންކަމެއް އެބައޮތް ރާއްޖޭގެ ގިނަ ރަށްތަކެއްގައި މިފަހަރުގެ އިންތިހާބުގައި ރައްޔިތުންގެ ތާއީދު ދެއްވާނެ ކަމަށް. ދެން މިވެނި ރަށެއް މިވެނި ގޮތަކަށް، މިވެނި ސިޓީއެއް މިވެނި ގޮތަކަށް ނޫނިއްޔާ ރައްޔިތުން ވޯޓު ދެއްވާނެ ކަމަށް ޕްރިޑިކްޓް ކުރާކަށް އަޅުގަނޑު މިތާ ދަންނަވާކަށް ނެތިން،" މުއިއްޒު ވިދާޅުވި އެވެ.
ނަމަވެސް މުއިއްޒު ވިދާޅުވީ ކައުންސިލް އިންތިހާބުގައި ޕީއެންސީން ކުރިމަތިލާފައި ތިބި ކެންޑިޑޭޓުން ރަނގަޅު ނަތީޖާއެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑު ގަބޫލުކުރަނީ ހަމަ ވަރަށް ރަނގަޅަށް ވާހަކައަކީ އަޅުގަނޑުމެންގެ ފަރާތުން ކުރިމަތިލަައްވާފައި ތިބި ކެންޑިޑޭޓުން ހޮވުމުގައި ވަރަށް ރަނގަޅު ނަތީޖާއެއް އިރާދަކުރެއްވިއްޔާ ލިބިގެންދާނެ ކަމަށް އުންމީދުކުރަން،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ޕީއެންސީން ކުރިމަތިލާފައި ތިބި ކެންޑިޑޭޓުން ވެގެންދާނީ އެމަނިކުފާނުވެފައި ހުރި ވައުދުތައް ފުއްދުމުގައި އަދި ރަށްތަކަށް ބޭނުންވާ ކަންކަން ކުރުމުގައި އެއްބާރުލުން ދޭނެ ބަޔަކަށް ކަމަށެވެ.
"ކައުންސިލަށް އަންނަ އަޅުގަނޑުމެންގެ ކެންޑިޑޭޓުން ކައުންސިލަރުންނަށްވީމަ ނޫނިއްޔާ ސިޓީތަކުގައި ނޫނީ ރަށްރަށުގައިވެސް ކައުންސިލް ރައީސުންނަށް މޭޔަރުންނަށްވީމަ އެ މީހުންނަކީ އަޅުގަނޑު މިދަންނަވާ ވާހަކައަކީ އަޅުގަނޑުމެންގެ ފަރާތުން ކުރިމަތިލައްވާފައި ތިބި ބޭފުޅުންނަކީ ރައްޔިތުންނަށް އަޅުގަނޑުވެފައި ހުރި ހުރިހާ ވައުދެއް ފުއްދުމުގައި އަދި އެ ރަށަކަށް އެ ސިޓީއަކަށް ބޭނުންވާ ކަންކަން ކުރުމުގައި 100 ޕަސަންޓް އެއްބާރުލުން ދޭނެ ބައެކޭ،" މުއިއްޒު ވިދާޅުވި އެވެ.
ލޯކަލް ކައުންސިލްތައް އުފެދުނު ފަހުން ރާއްޖޭގެ ހަތަރު ސިޓީއެއްގެ މޭޔަރުންގެ ގޮނޑި ކޮންޓްރޯލް ކުރަމުން އަންނަނީ އެމްޑީޕީންނެވެ. އެއީ އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އާއި ކުޅުދުއްފުށި ސިޓީ އަދި ތިނަދޫ ސިޓީގެ މޭޔަރުންގެ ގޮނޑި އެވެ.
ނަމަވެސް މިހާރު ހިނގަމުންދާ ކައުންސިލްގެ ދައުރުގައި މާލޭ މޭޔަރުގެ ގޮނޑި ފުރަތަމަ ފަހަރަށް އެމްޑީޕީ ނޫން އެހެން ޕާޓީއަކަށް ލިބުނެވެ. ޕީޕީއެމް އިން މޭޔަރުގެ ގޮނޑި ކާމިޔާބުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އެވެ.
މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މާލޭ މޭޔަރުގެ ގޮނޑި ހުސްވި އެވެ. އެގޮތުން ބޭއްވި ބައި-އިލެކްޝަނުގައި އެމްޑީޕީން ވަނީ އަނެއްކާވެސް މޭޔަރުގެ ގޮނޑި ކާމިޔާބުކޮށްފަ އެވެ.
އެމްޑީޕީގެ ޓިކެޓުގައި މޭޔަރުކަމަށް ފަސް ސިޓީން ވެސް ނިކުންނަނީ އެ ސިޓީތަކުގައި މިހާރުވެސް ތިއްބެވި މޭޔަރުންނެވެ. އޭގެތެރޭގައި ހިމެނެނީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް، އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު، ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު، ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް އަދި ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ އެވެ.
މޭޔަރުންގެ ގޮނޑިތައް ޕީއެންސީއަށް ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން މުއިއްޒުއަށް ނުދެވުނު މޭޔަރުންގެ ގޮނޑިތައް ޕީއެންސީއަށް ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން މުއިއްޒުއަށް ނުދެވުނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ