ސަރުކާރުން މިހާރު އިއުލާންކޮށްފައިވާ 'ބޯހިޔާވަހިކަން އެންމެންނަށް' ސްކީމުގެ ޝަރުތުތައް ކަނޑައެޅުމާއި އެކަމާ ގުޅޭ އެހެނިހެން ކަންކަމުގައި މާލެ ސިޓީ ކައުންސިލްގެ މަޝްވަރާ ހޯދުމަށް ސަރުކާރުގައި އެދުމަށް އެ ކައުންސިލުން މިއަދު ފާސްކޮށްފި އެވެ.
ވީކިހިނެއް؟ - މާލެ ސިޓީ ކައުންސިލަށް މި މައްސަލަ ހުށަހެޅުއްވީ، ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު އަދި ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރު މަރިޔަމް ނާޒިމާ މުހައްމަދު ފާއިޒް އެވެ.
މިދިޔަ ހަފްތާގައި ހުށަހެޅި އެ މައްސަލަ އެޖެންޑާކޮށް މިދިޔަ ހަފްތާގައި ބޭއްވި ކައުންސިލްގެ ޖަލްސާއަށް ކޯރަމް ހަމަވެފައެއް ނުވެ އެވެ. އަނެއްކާވެސް މިއަދުގެ ޖަލްސާއަށް އެ އައިޓަމް އެޖެންޑާކުރިއިރު މިއަދު ޖަލްސާއަށް ހާޒިރުވީ ކޯރަމްގެ އެންމެ ދަށް އަދަދު ކަމަށްވާ 11 އެވެ.
ތަފްްސީލް - ސަރުކާރުގެ ހައުސިން ސްކީމާ ގުޅޭ ގޮތުން މާލެ ސިޓީ ކައުންސިލާއި އެ ކައުންސިލްގައި އޮންނަ ދެ ކޮމިޓީއަކާ މަޝްވަރާކުރުމަށް ސަރުކާރުގައި އެދުމަށް ފާސްކުރީ 6 ވޯޓުންނެވެ. އެ ގޮތުން:
އެ ހުށަހެޅުމަށް 5 ކައުންސިލަރުން ތާއީދުކުރެއްވި އިރު، 5 ކައުންސިލަރުން ތާއީދެއް ނުކުރައްވާ
ވޯޓުގެ ނަތީޖާ ހަމަހަމަވުމުން މޭޔަރު އާދަމް އާޒިމް ވޯޓު ދެއްވި؛ ހުށަހެޅުން ފާސްވަނީ އާޒިމްގެ ވޯޓުން
ސައިފް ހުށަހަޅުއްވަނީ ސިޓީ ކައުންސިލްގެ އިތުރުން ސިޓީ ކައުންސިލްގައި އެކުލަވާފައި އޮންނަ ހައުސިން ކޮމިޓީ އާއި ސަރުކާރަށް ލަފާދޭ ކޮމިޓީއާ ވެސް މަޝްވަރާކުރުމަށް ސަރުކާރުގައި އެދުމަށެވެ.
ބުނީ ކީކޭ؟ - ސައިފްގެ ހުށަހެޅުއްވުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އޭނާ މިއަދު ވިދާޅުވީ މިދިޔަ އެމްޑީޕީގެ ކައުންސިލް އިންތިހާބު ޕްރައިމަރީގެ ކެމްޕެއިނުގައި މަސައްކަތްކުރެއްވި އިރު، ހައުސިން ސްކީމްގެ ޝަރުތުތަކާއި ބައެއް އުސޫލުތަކާ މެދު އާންމުންގެ ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ.
އޭނާ ވިދާޅުވީ ސަރުކާރަށް ވެސް އެންމެ ރަނގަޅު ގޮތަކީ ސިޓީ ކައުންސިލާ މަޝްވަރާކުރުން ކަމަށެވެ. މަޝްވަރާކުރުމެއް ނެތި، ސަރުކާރަށް އަމިއްލައަށް ފެނިގެން ނިންމުންތައް ނިންމުމުގެ ސަބަބުން މީގެ ކުރިން ވެސް އެތައް ފަހަރަކު ނިންމުން ބަދަލުކުރަން ޖެހިފައި އެބަހުރި ކަމަށް ސައިފް ވިދާޅުވި އެވެ.
ސްކީމް އެކުލަވާލާފައިވާ ގޮތުން އަންހެނުންގެ ހައްގުތަކަށް އުނިކަން އަންނަ ކަމަށް ވެސް ސައިފް ވިދާޅުވި އެވެ. ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ވެސް ވަރި ގިނަ ގައުމަކަށް ވާއިރު ސްކީމްތަކާއި ސިޔާސަތުތައް އެކުލަވާލަން ވާނީ އެ ހަގީގަތުގެ މައްޗަށް ކަމަށް ވިދާޅުވި އެވެ.
"ތިން އަނބިން ތިބި ފިރިއެއްގެ ބިމެއް އޮވެއްޖެއްޔާ އަނބިން އެބަ މަހުރޫމުވޭ ގޯއްޗަށް ކުރިމަތިލާން. މާދަމާ ވަރިވެގެންދާ ހާލަތުގައި ބޯހިޔާވަހިކަމެއް ނޯވެދާނެ. އަޅުގަނޑުމެންނަނީ ދުނިޔޭގެ ނިސްބަތުން ވެސް ވަރި ގިނަ ގައުމު، އެ ހަގީގަތުގެ މައްޗަށްތާ ސްކީމްތައް އޮންނަން ވާނީ،" ސައިފް ވިދާޅުވި އެވެ.
ސައިފް ދެން ހަނދާން އާކުރެއްވީ މާލޭގެ މޭޔަރު ކަމުގައި ރައީސް މުހައްމަދު މުއިއްޒު އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވި ކަމަކީ އޭރުގެ ސަރުކާރުން ހައުސިން ސްކީމްތައް އެކުލަވާލުމުގައި ސިޓީ ކައުންސިލުން އެއްވެސް ވަރަކަށް ބައިވެރިނުކުރާތީ ކަމެވެ. ނަމަވެސް މި ސަރުކާރުން ވެސް އަމަލުކުރަމުން ދަނީ އެ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ޕީއެންސީގެ މެޖޯރިޓީ އޮންނަ ކައުންސިލުގެ ޖަލްސާތަކުގައި ސަރުކާރާ ގުޅޭ އެއްވެސް މައްސަލައެއް ހިމަނާ ދުވަހެއްގައި ނަމަ ޖަލްސާތައް ޕީއެންސީގެ ކައުންސިލަރުން ދަނީ ބޮއިކޮޓް ކުރަމުންނެވެ. އެހެންވެ، މިފަހުން ކައުންސިލުގެ ޖަލްސާތައް ތަކުރާރުކޮށް ބޭއްވޭ ގޮތް ވަނީ ނުވެފަ އެވެ.
ހައުސިން ސްކީމްތަކަށް ސިޓީ ކައުންސިލާ މަޝްވަރާކުރަން ސަރުކާރުގައި އެދެން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ