ހުސްވި ހިތަދޫ މަޖިލިސް ގޮނޑީގެ އެމްޑީޕީ ޓިކެޓު ސޯދިގަށް

ސުޕްރީމް ކޯޓުގެ ހުކުމާ އެކު ހުސްވި މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރަން އެމްޑީޕީގެ ޓިކެޓު އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އަށް ލިބިއްޖެ އެވެ.
ވީ ކިހިނެއް؟ - ޕީއެންސީގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގައި ހުންނަވަނިކޮށް ސިނާންގެ ގޮނޑި ގެއްލުނީ، ހިތަދޫ މެޖިސްޓްރޭޓު ކޯޓުން ކުރި ހުކުމަކާ އެއްގޮތަށް ދަރަނި ނުދައްކާ އޮތް މައްސަލައެއްގަ އެވެ.
ގާނޫނުއަސާސީގައިވާ ގޮތުން މެންބަރެއްގެ ގޮނޑި ގެއްލޭތާ 60 ދުވަސް ތެރޭ ބައި-އިލެކްޝަން ބާއްވަން ޖެހެ އެވެ. އަދި ފަސް ދުވަސް ތެރޭ ބައި-އިލެކްޝަނަށް ކުރިމަތިލާން ހުޅުވާލަން ޖެހެ އެވެ.
ތަފްސީލު - މި ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ކުރިމަތިލާ ކެންޑިޑޭޓަކު ކަނޑައަޅަން ބާއްވާ އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ހޯމަ ދުވަހު އެވެ.
އެމްޑީޕީން މިރޭ ބުނީ، ޕްރައިމަރީއަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު ކުރިމަތިލާފަވާނީ ސޯދިގު އެކަނި ކަމަށެވެ. އެހެންވެ، އެ ދާއިރާގެ މަޖިލިސް ކެންޑިޑޭޓެއްގެ ގޮތުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނީ ސޯދިގު ކަމަށް މިއަދު ވަނީ ހަމަޖައްސާފަ އެވެ.
ފާހަގަކޮށްލެވޭ - ސޯދިގު ވަނީ އައްޑޫ މޭޔަރުކަމުގެ މަގާމު 10 އަހަރު ފުރުއްވާފަ އެވެ. އޭގެ ފަހުން ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އޭނާ ހުންނެވީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގަ އެވެ.
ގެއްލުނު މެމްބަރުކަން އަނބުރާ ހޯދަން ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ސިނާން ވެސް ވަނީ އިއުލާންކުރައްވާފަ އެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ