އިގްތިސާދު ކުރިއަރަން ޖެހޭނީ ހަމަޖެހުމާއި، އިންސާފުވެރި، އަދި އެންމެން ޝާމިލުވާނެ ގޮތަށެވެ. މުއްސަނދިންނާއި ފަގީރުންގެ ދެމެދު އޮންނަ ފަރަގު ކުޑަކުރަން ޖެހެ އެވެ. އެ އަމާޒަށް ވާސިލްވުމަށް ދައުލަތުން ސިޔާސަތުތަކެއް ގެންގުޅެން ޖެހޭކަން އަހަރުމެން އެންމެން އެއްބަހެވެ. އެކަމަކު ދެބަސްވުމަކަށް މި އަންނަނީ ދައުލަތުގެ ދައުރު އޮންނަންވީ ވަރާ ހަމައިންނެވެ.
މިހާރު ވެސް ގައުމީ އުފެއްދުންތެރިކަމުގެ %8 ހިއްސާކުރަނީ ދައުލަތުގެ ކުންފުނިތަކެވެ. މި ނިސްބަތަށް ވެސް މި ކަން ހިފެހެއްޓިފައި ވަނީ އިގުތިސާދުގެ އެންމެ ބޮޑު ސިނާއަތް، ޓުއަރިޒަމް ސިނާއަތަކީ އަމިއްލަ މީހުން ކުރާ ވިޔަފާރިއަކަށް ވާތީ އެވެ.
ނަމަވެސް ހައްޖުގެ އަޅުކަމުގެ ހިދުމަތް ފޯރުކޮށްދިނުމަށް އުފައްދާފައިވާ ކޯޕަރޭޝަނުން މިހާރު އެ ވަނީ މީހުން ދިރިއުޅޭ ރަށްރަށުގައި 'ހަލާލް' ޓުއަރިޒަމް ފެށުމަށް ގެސްޓްހައުސް އަޅަން ތައްޔާރުވެފަ އެވެ. ސަރުކާރުގެ ކުންފުނިތަކުން ރިސޯޓް ހިންގަން އިންވެސްޓްކުރަން ގާނޫނުން އެ ވަނީ ޖާގަ ހޯދައިދީފަ އެވެ.
ސަރުކާރުން މި ވިޔަފާރިތަކުގެ ތެރެއަށް މި ވަންނަނީ ޕްރައިވެޓް ސެކްޓަރަށް އެކަން ނުކުރެވޭތީ ހެއްޔެވެ؟ ނުވަތަ މަޑުމަޑުން ވިޔަފާރީގެ ވާދަވެރިކަން އެއްފަރާތްކޮށް، ސަރުކާރުން މާކެޓްގެ ކޮންޓްރޯލް ނަގަން ހެއްޔެވެ؟ ސަރުކާރުގެ ގިނަ ކުންފުނިތައް ގެއްލުމުގައި ހިންގަމުންދާއިރު ވެސް މި ނޫން ގޮތެއް ވެސް ނެތީ ހެއްޔެވެ؟
މިއީ ވަކި ހިޔާލާތަކާ ގުޅޭ ސުވާލުތަކެއް ނޫނެވެ. އަހަރުމެން ކޮންމެ މީހަކު ހަމަޖެހޭ ދިރިއުޅުމެއްގައި އުޅެން، ކޮންމެހެން ވެސް ޒަރޫރަކަށް ވެފައިވާ ދެމެހެއްޓެނިވި އިގުތިސޯދަކާ ގުޅޭ ކަންކަމެވެ.
މި ހުކުރު ދުވަހުގެ 'އެއްބަސްވެ ދެބަސްވަމާ' ވޮޑްކާސްޓްގެ މައުލޫއަކީ ވެސް ސަރުކާރުގެ ކުންފުނިތަކުގެ ސްކޭލް ބޮޑުކުރަމުން ދިއުމާއި މި ކުންފުނިތައް މިހާރު ވެސް ހަމަމަގުން ކައްސާލާފައިވާ މިންވަރެވެ. އެ ކަން ދިމާވި ގޮތާއި، ދެން ކުރެވޭނެ ކަންކަމާ ގުޅޭ ގޮތުން ބައިގަޑިއިރަށްވުރެ ގިނައިރު ވޮޑްކާސްޓްގެ ބައިވެރިން ވާހަކަ ދެއްކި އެވެ.
'ދައުރު' ގެ މެނޭޖިން އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) އާއި ސީނިއާ އެސޯސިއޭޓް އެޑިޓަރު އަހްމަދު ނާއިފް ހޯސްޓްކުރި މި އެޕިސޮޑްގެ މެހެމާނަކީ ދައުލަތުގެ މާލީ ކަންކަން ދިރާސާކުރައްވާ އިސްމާއީލް ޒަރިޔަންދެވެ. ޒަރިޔަންދަކީ ފިނޭންސް މިނިސްޓްރީގެ އޮޑިޓް ސެކްޝަންގެ އެންމެ އިސް މަގާމުތައް ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.
ވޮޑްކާސްޓް ފަށަމުން ވެސް ފާހަގަކުރަން ފެށުނު ކަމަކީ ސަރުކާރުގެ ކުންފުނިތަކުން ވިޔަފާރިކުރަމުންދާ ސްކޭލެވެ. ސަރުކާރު ކުންފުނިތަކުން ނުކުރާކަށް ކަމެއް މިހާރަކު ނެތެވެ.
ރާއްޖޭގެ މި ވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ނޫސްވެރިޔާ ޒާހިރު ވިދާޅުވީ އޭނާ ގަބޫލުކުރައްވާ ސަރުކާރުން ކުރަން ޖެހޭނީ ރައްޔިތުންނަށް ވަރަށް ޒަރޫރީ ބޭނުންތަކުގެ ވިޔަފާރި އެވެ. ކަރަންޓު، ފެން، ނަރުދަމާ ފަދަ އެންމެ އަސާސީ މަދު ކަންކަމެވެ.
"ދެން ހުރި ހުރިހާ ވިޔަފާރިތަކެއް ހުންނަން ވާނީ ޕްރައިވެޓް ސެކްޓާއަށް ހުޅުވާލާފައި. ސަރުކާރުގެ ދައުރަކަށް ވާން ޖެހޭނީ އިގުތިސޯދު ހިންގަން މެދުވެރިއަކަށް ވުން،" ޒާހިރު ވިދާޅުވި އެވެ.
ދެން އޭނާ ފާހަގަކުރެއްވި ކަމަކީ، ސަރުކާރު ކުންފުނިތައް އުފެއްދި މެންޑޭޓުން ބޭރުން ވެސް ވިޔަފާރިކުރުމެވެ. މިސާލެއްގެ ގޮތުގައި ފާހަގަކުރެއްވީ އެއާޕޯޓް ކުންފުނި، އެމްއޭސީއެލް އެވެ. އެ ކުންފުނިން މިހާރު ގެންދަނީ ރަށްރަށުގައި ޕާކް، ފުޓްސަލް ދަނޑު، ގިމް ފަދަ ތަންތަން އަޅަމުންނެވެ. ކޮންނަ ބޯޓެއް ގެނެސްގެން ބިން ހިއްކުމުގެ މަސައްކަތް ވެސް އެބަ ކުރެ އެވެ.
މި ވަގުތު އެމްއޭސީއެލް އަކީ ފައިދާގައި ހިންގާ ކުންފުންޏެއް ނަމަވެސް އެ ކުންފުނިން ވެސް އަދާކުރަން ޖެހޭ ދަރަނި އެބަ އޮތެވެ. އެ ކުންފުންޏަށް ވެސް ނުތަކާ ވަރަށް މަޝްރޫއުތައް ހިންގަންދީ، ވަޒީފާ އުފައްދަމުން ގޮސްދާނެތީ ޒާހިރު ކަންބޮޑުވި އެވެ.
މިހެން ކަންބޮޑުވާން ޖެހެނީ ސަރުކާރު ކުންފުނިތައް ވަރަށް ބޮޑަށް ސިޔާސީ ބާރު ދެމެހެއްޓުމަށް ބޭނުންކުރާ ބަޔަކަށް ވެގެން ދާތީ އެވެ. ޒަރިޔަންދު އެ ގޮތުން ފާހަގަކުރެއްވީ ސަރުކާރުން ބޭނުންވަނީ ވެސް ސަރުކާރުގެ ވަޒީފާގައި މީހުން ބައިތިއްބައިގެން ބާރުތައް ދެމެހެއްޓުމަށެވެ.
"ބަކަރި ކޮއްޓަކަށް ބަކަރިތަކަކަށް ފަތް އަޅާފައި ކާންދޭ އުސޫލުން، ގިނަ އަދަދެއްގެ ބަޔަކު ވަޒީފާ ދީފައި މައިތިރިކުރުވައިގެން ގެންގުޅުން،" ޒަރިޔަންދު ވިދާޅުވި އެވެ.
ކުންފުނި އުފެއްދި މެންޑޭޓުން ބޭރުން މަޝްރޫއުތަކާއި މަސައްކަތްތައް ހަވާލުކުރަނީ ވެސް އެހެންވެގެން ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ. ކުންފުނިތަކުގެ ތެރެއިން އެ މަކަރު ހަދާ ގޮތް ވެސް ކޮންމެ ވެސް ވަރަކަށް ޒަރިޔަންދުގެ ތަޖުރިބާއިން ފެނުނު ކަންކަން ތަފްސީލްކޮށްދެއްވި އެވެ.
"މަގުގެ މަސައްކަތްކުރަން ބަޔަކަށް ވަޒީފާ ވެސް ދޭނެ. އެކަމަކު އެ މަގު ހެދޭ ތަނެއް ނާދޭ. ކުދި އާބާދީތަކުގެ ރަށްރަށުގެ މަގުތަކުގެ ވާހަކަ. ދެން މަޝްރޫއަށް ދިން ފައިސާ ހުސްވުމުން، ނޫނީ މުސާރަ ދެއްކޭނެ ގޮތް ނުވުމުން މި ކުރާ ކަމަކީ ކޮންޓްރެކްޓެއް ދީ، އެޑްވާންސް ފައިސާ ދިނުމުން މުސާރަތައް ދައްކާލަނީ،" ޒަރިޔަންދު ކިޔައިދެއްވި އެވެ.
އާރުޑީސީ ފަދަ ކުންފުނިތަކަށް މިސްކިތް އެޅުމުގެ މަޝްރޫއު ދޭން ޖެހެނީ މިހެންވެގެން ކަން ޒަރިޔަންދު ފާހަގަކުރެއްވި އެވެ. ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ވެރިކަމުގައި އުމްރާނީ މަސައްކަތްތައް ކުރުމަށް އުފެއްދި އެމްޓީސީސީ ވުޖޫދުގައި އޮތް ނަމަވެސް އެމްއޭސީއެލް، ފެނަކަ ނުވަތަ ސްޓެލްކޯ ފަދަ ކުންފުނިތަކަށް އުމްރާނީ މަސައްކަތްތައް ހަވާލުކުރަނީ އެހެންވެގެނެވެ.
ޒަރިޔަންދަށް މީގެ ނުރައްކާ ކަމަކީ އުފެއްދުންތެރިކަން މުޅިން ގެއްލުމެވެ. ދައުލަތަށް ޓެކްސްގެ އާމްދަނީ ގިނަވަނީ ވެސް އުފެއްދުންތެރި މަސައްކަތެއް ކުރަން ބަޔަކު ތިބެގެނެވެ. ކުންފުނިތަކުގެ ވަޒީފާއަށް މި ދަނީ، އިގުތިސޯދީ ހަރަކާތެއް ހިންގަން ތިބޭ މީހުންނެވެ. މަސައްކަތުގެ އާބާދީގެ އުފެއްދުންތެރިކަން ނެތިއްޔާ އިގުތިސޯދު ނުހިނގާނެ އެވެ.
"ދައުލަތަށް ޓެކްސް ދައްކަން އޮތް ޓެކްސް ބޭސް މި ގެއްލެނީ ފުރަތަމަ ކަމަކަށް. އަނެއް ކަމަކަށް ދައުލަތަށް މި ބޮޑު މާލީ ބުރައަކަށް ބަދަލުވެގެން މި އަންނަނީ،" ޒަރިޔަންދު ވިދާޅުވި އެވެ.
ސަރުކާރު ކުންފުނިތައް ހަމަމަގުން ކައްސާލައި، ދީފައިވާ މެންޑޭޓުގެ ބޭރުން މަސައްކަތްތައް ހަވާލުކުރާ ވާހަކައިގެ ތެރެއިން ޒަރިޔަންދު ދެން ފާހަގަކުރެއްވީ ދައުލަތުގެ ބައެއް އިދާރާތަކުން އުފައްދާފައިވާ ކޯޕަރޭޓިވް ސޮސައިޓީގެ ވާހަކަ އެވެ. ސިފައިން އުފައްދާފައިވާ ސިފްކޯ، އަދި ފުލުހުންގެ ކުންފުނި ޕޮލްކޯ އެވެ.
އެ ކުންފުނިތައް ވެސް ހިންގަނީ ހަމަމަގުން ބޭރުންކަމަށް ޒަރިޔަންދު ގަބޫލުކުރައްވަނީ ކޯޕަރޭޓިވް ސޮސައިޓީތައް ގާނޫނުގައި ވެސް މާނަކޮށްދީފައިވާ އޮތް އޮތުމަށް ރިއާޔަތްކޮށްގެނެވެ. އެއީ ވިޔަފާރި ކުންފުންޏެއް އަދި ޖަމިއްޔާއެއް ވެސް ނޫނެވެ. އެއީ ވަކި ބައެއްގެ ތެރޭގައި ހިންގާ ވިޔަފާރިއަކުން ފައިދާ ހޯދައިގެން އެ ބައެއްގެ ކުރިއެރުމަށް އެ ފައިދާއިން ހޭދަކުރުމެވެ.
"ސިފައިންގެ މީހުން ގޮސް އެ ތަނުގައި ހުރި ތަކެތި ގަނެގެން ލިބޭ ފައިސާ ސިފައިންނަށް ފައިދާއަށް ވާނެ ކަންކަމަށް ހޭދަކުރުން. ވަކި ސާކަލްއެއްގެ ތެރޭގައި،" ޒަރިޔަންދު ވިދާޅުވި އެވެ.
ނަމަވެސް މާލޭގެ ދުވާ ޓްރެކްގެ މަސައްކަތް ހަވާލު މި ކުރަނީ ޕޮލްކޯއަށެވެ. އެއީ ޕްރައިވެޓް ސެކްޓާގެ ބާރުވެރިކަން ގެއްލޭ އެއް ހިސާބު ކަމުގައި ޒަރިޔަންދު ގަބޫލުކުރައްވަ އެވެ.
"މި ދުވާ ޓެރެކްޓްގެ މަސައްކަތް ހަވާލުކުރެވިދާނެ އެސްޖޭއަށް ވެސް. އަމިންއަށް ވެސް. އަދިވެސް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޮންސްޓްރަކްޝަން ވިޔަފާރިކުރާ ކުންފުނިތަކުގެ ތެރެއިން ކޮންމެ ވެސް ކުންފުންޏަކަށް ވެސް،" ޒަރިޔަންދު ވިދާޅުވި އެވެ.
ޒަރިޔަންދުގެ އާ ވާހަކައަށް ނާއިފް ވެސް އެއްބަސްވި އެވެ. ނާއިފް އިތުރަށް ފާހަގަކުރެއްވީ ބައެއް އުމްރާނީ މަސައްކަތްތަކުގެ އިތުރުން ވެސް އާންމު ވިޔަފާރިތަކަށް މި ކޯޕަރޭޓިވް ސޮސައިޓީތަކުން ވަނުމެވެ. ޕޮލްކޯއިން އާންމުންނަށް ވެސް ތަކެތި ވިއްކަ އެވެ. ސިފްކޯއިން ބަލަހައްޓާ ޕާކްތައް އިވެންޓްތައް ބާއްވަން ކުއްޔަށް ދެ އެވެ.
"އިވެންޓް މެނޭޖުމަންޓަކީ ވެސް ހަމަ ޕްރައިވެޓް ސެކްޓާއިން. އާންމު ވަރަށް ގިނަ ވަކިވަކި ފަރުދުން ކުރާ ވިޔަފާރިއެއް. ކުޑަކުދިންގެ ޕާކް އެބަ ދޫކުރޭ ކުއްޔަށް، ކައިވެނި ހަފްލާތަކާއި އެކި ކަހަލަ އިވެންޓްތައް ބާއްވަން،" ނާއިފް ވިދާޅުވި އެވެ.
ސަރުކާރު ކުންފުނިތަކުގެ ސްކޭލް ބޮޑުކުރަމުން ދަނީ، ޝައްކެއް ވެސް ނެތް ގޮތުގައި، ކޮރަޕްޝަނަށެވެ. ސިޔާސީ ބާރު ދެމެހެއްޓުމަށް ވަޒީފާ ބެހުމާއި ޕާޓީގެ އިސް މީހުންގެ ކުންފުނިތަކަށް ނަހަމަ އަގުތަކުގައި މަސައްކަތް ހަވާލުކުރުމަށެވެ. މި ހަރަކާތްތަކުން ހޯދާ ފައިސާއަކީ، ކެމްޕެއިން ފަންޑެވެ.
ނާއިފް މި ކުންފުނިތައް ސިފަކުރެއްވީ ވެސް 'ފައިސާ އުފައްދަން' ގެންގުޅޭ ތަންތަނުގެ ގޮތުގަ އެވެ.
"ސިޔާސީ ގޮތުން ވަޒީފާ ބެހުމާއި، ދަންނަ މީހުންނަށް ޕްރޮޖެކްޓްތައް ބެހުމާއި، ޕްރޮކިއުމަންޓަށް މަސައްކަތާއި ފައިސާ ދޭން. ބާޒާރުގައި 1،000 ރުފިޔާއަށް ހުންނަ އެއްޗެއް މިއިން ކުންފުންޏަކުން މި ގަންނަނީ 5،000 ރުފިޔާއަށް،" ވިޔަފާރީގެ ކަންކަން ދިރާސާކުރައްވާ ނޫސްވެރިޔާ ނާއިފް ވިދާޅުވި އެވެ.
ކޮރަޕްޝަންގެ ވާހަކައިގެ ތެރެއިން ޒަރިޔަންދު މި ކަން ފެށިގެން އައި ގޮތުގެ މާޒީއަށް ޖެހިވަޑައިގެންނެވި އެވެ. ޒަރިޔަންދަށް ފާހަގަކުރެވުނު ގޮތުގައި މި ކަން މި ފެށެނީ އެމްއެމްޕީއާރުސީ އުފެއްދުމާ ހަމައިންނެވެ.
އެމްއެމްޕީއާރުސީއަކީ މި ފަހުގެ ތާރީހެއްގައި ހިނގި އެންމެ ބޮޑު ކޮރަޕްޝަން ހިންގި ކުންފުންޏެވެ. ރަށްރަށް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ސިޔާސީ އެކި ބޭނުންތަކަށް ވަނީ ދައުރުކޮށްފަ އެވެ. އެ ކަން ހިނގީ، އަހްމަދު އަދީބު ނައިބު ރައީސަކަށް ހުންނަވައިގެން ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގަ އެވެ.
ޒަރިޔަންދު ވިދާޅުވި ގޮތުގައި ޔާމީނުގެ ވެރިކަމުގެ ވެސް ކުރިން، ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި އެމްއެމްޕީއާރުސީ ފުރަތަމަ ވުޖޫދުކުރަނީ މާލިއްޔަތު ގާނޫނާއި ގަވާއިދުގައި ހުރި ބައެއް ދަތިތަކުގެ ސަބަބުން އެ ވަގުތަށް ލުޔެއް ހޯދަން ވެގެނެވެ.
"ޓުއަރިޒަމް އެކަންޏެއް ނޫން. މަސްވެރިކަން، ދަނޑުވެރިކަން، ދިވެހި އުފެއްދުންތައް މާކެޓްކުރަން ވެގެން ބޭރުގެ ފެއާތަކަށް ދާން ހަރަދުކުރަން ބަލާއިރު މާލިއްޔަތު ގާނޫނާއި ގަވާއިދުގެ އިޖުރާއަތްތައް ފުރިހަމަކުރަން އުޅެގެން، ފެއާއަށް ދާ ދުވަސް ޖެހޭ އިރު ވެސް އެއްވެސް ކަމެއް ނުވެފައި އޮންނަނީ،" ޒަރިޔަންދު ވިދާޅުވި އެވެ.
ގާނޫނުގެ ތެރެއިން އެ ކަން ފަސޭހައިން ކުރެވޭނެ ގޮތެއް ބެލިއިރު މި އޮންނަނީ ކުންފުންޏެއް ހެދުމެވެ. އެއީ މާލިއްޔަތު ގާނޫނުގައި ވެސް ސާފުކޮށް ބަޔާންކޮށްފައި މި އޮންނަނީ ކުންފުނިތަކަށް އެ ގާނޫނު ނުހިނގާނެ ކަމެވެ.
"ދެން އައި ކޮންމެ ސަރުކާރަކަށް ސާފުވެއްޖެ. އާނ، މި އޮތީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި ގަވާއިދުން ރެކެވޭ ގޮތަށް އޮތް ކަމެކޭ. އެހެންވެ ކޮންމެ ބަޔަކު ވެސް ސަރުކާރު ކުންފުނިތައް ގިނަކޮށް، އެ ކުންފުނިތައް މެދުވެރިކޮށްގެން ފައިސާ މި ދައުރުކުރުވަނީ،" ޒަރިޔަންދު ވިދާޅުވި އެވެ.
ނާއިފް ވެސް ފާހަގަކުރެއްވީ ކުންފުނިތަކުން ގިނަ މަސައްކަތްތައް ކުރަނީ ވެސް ދައުލަތުގެ ބަޖެޓްގައި ޖަހައިގެނެއް ނޫނެވެ. އަދި ބަޖެޓުން ކުންފުނިތަކުގެ ހަރަދުތައް ފޫބައްދަން ކަނޑައެޅި އަދަދަށްވުރެ އިތުރަށް މި އަހަރު ދޫކުރިކަން ވެސް ފާހަގަކުރެއްވި އެވެ.
މި މައްސަލައިގެ ހައްލުގެ ވާހަކަ ދައްކާއިރު، އެންމެ މުހިންމު ކަމަކީ ސަރުކާރުން ގިނަ ވިޔަފާރިތަކުގެ ތެރެއަށް ނުވަނުމެވެ. ދެން ސަރުކާރު ކުންފުނިތަކުގެ ކޯޕަރޭޓް ގަވަނަންސް ނުވަތަ ހިންގުތެރިކަން ވެސް ހަރުދަނާ ކުރަން ޖެހެ އެވެ.
މީގެ ހައްލެއްގެ ގޮތުގައި ނާއިފް ގަބޫލުކުރައްވަނީ މިހާރު ހުރި ސަރުކާރުގެ ކުންފުނިތަކުގެ ހިއްސާ ކޮންމެ ވެސް ވަރަކަށް ދޫކޮށްލުމެވެ. ޕްރައިވެޓް ސެކްޓާއަށް ހިއްސާ ދޫކޮށްލުމަކީ ނާއިފް ދެކެވަޑައިގަންނަވާ ގޮތުގައި ރަނގަޅު ކަމެކެވެ. މިސާލެއްގެ ގޮތުން ފާހަގަކުރެއްވީ، ނަޝީދުގެ ވެރިކަމުގައި ދިރާގުގެ މެޖޯރިޓީ ހިއްސާ ބޭރުގެ ކުންފުންޏަކަށް ދިނުމެވެ.
"ދިރާގު، ދެން އެމްޑަބްލިއުއެސްސީ ވެސް. މިއީ ރަނގަޅަށް ކުރި ކަމެކޭ. މި ކުންފުނިތަކަށް ނުފޫޒު ފޯރުވާން ދަތިވޭ. މި ކުންފުނިތަކުގެ ހިންގުންތެރިކަން ވެސް އެހެން ކުންފުނިތަކާ އަޅާ ބަލާއިރު މާ ރަނގަޅު،" ނާއިފް ވިދާޅުވި އެވެ.
ބޭރު އަދި ލޯކަލް ކުންފުނިތަކަށް ހިއްސާ ވިއްކުމުގެ އިތުރުން އާންމުންނަށް ހިއްސާ ވިއްކުމުގެ ހިޔާލަށް ޒަރިޔަންދު ވެސް ތާއީދުކުރައްވަ އެވެ. އޭނާ ވިދާޅުވީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންގެ ގާނޫނުގައި މުޅި މަފްހޫމާއި ހިޔާލަތަކީ ވެސް އެއީ ކަމަށެވެ.
"އެއް މަގުސަދަކީ ދައުލަތަށް ފައިދާކުރުން [މި ކުންފުނިތައް ހިންގައިގެން]. އަނެއް މަގުސަދަކީ ގިނަ ބަޔަކު ޝާމިލްކުރެވޭ ގޮތަށް [މި ކުންފުނިތަކުގެ ހިންގުން] ބައްޓަންކުރުން،" ޒަރިޔަންދު ވިދާޅުވި އެވެ.
ޒަރިޔަންދު ގަބޫލުކުރައްވާ ގޮތުގައި ސަރުކާރުގެ ކުންފުނިތަކުން ދައުލަތަށް ފައިދާކުރާނީ ވެސް އާންމުންނަށް ހިއްސާ ވިއްކައިގެނެވެ.
"ގިނަ ބަޔަކަށް ހިއްސާ ވިއްކުމާއި، ގިނަ ރައްޔިތުންގެ ޝާމިލުވުމާއެކު ހިންގުން. ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު [ސަރުކާރު ކުންފުނިތަކުގައި] ބައިވެރިވީމައޭ މިއިން ދައުލަތަށް އިތުރު ޓެކްސް ވެސް ލިބޭނީ،' ޒަރިޔަންދު ވިދާޅުވި އެވެ.
އެމްއޭސީއެލް އަކީ ބޮޑު ފައިދާއެއް ހޯދޭ ކުންފުންޏަކަށް ވުމުން ޒަރިޔަންދު ގަބޫލުކުރައްވަނީ އެފަދަ ކުންފުނިތަކުގެ ހިއްސާ އާންމުންނަށް ވިއްކަން ވާނެ އެވެ. އަދި އައިލެންޑް އޭވިއޭޝަން ފަދަ ގެއްލުމުގައި ހިންގާ ކުންފުނިތަކުން ވެސް ފައިދާ ހޯދޭނެ އިންވެސްޓްމަންޓެއް ކުރެވޭނީ ވެސް ހިއްސާ ވިއްކައިގެން އާމްދަނީ ހޯދައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"ހިއްސާ ވިއްކައިގެން، ކޭޝް ފްލޯ މެނޭޖުކޮށް، ދެން އަގުހުރި އެސެޓެއް ހޯދައިގެން އޮޕަރޭޓްކުރީމަ ވިޔަފާރި ރަނގަޅަށް ދެމެހެއްޓެނިވި ގޮތެއްގައި ހިންގާނީ،" ޒަރިޔަންދު ވިދާޅުވި އެވެ.
ނާއިފް އިތުރަށް ފާޅުކުރެއްވި ހިޔާލަކީ ސިންގަޕޫރު، ތައިލެންޑް ފަދަ ގައުމުތަކުގެ ސްޓޮކް މާކެޓްގައި ވެސް ދިވެހި ސަރުކާރު ކުންފުނިތަކުގެ ހިއްސާ ވިއްކުމެވެ.
މާލިއްޔަތު ގާނޫނުން ރެކިގެން ހިންގި ނަމަވެސް ސަރުކާރުގެ ކުންފުނިތައް މި ހިންގަނީ ދައުލަތުގެ ހަރަދުގަ އެވެ. ގެއްލުމުގައި ކުންފުނި ހިންގުމުން ހަރަދު ފޫބައްދަނީ ވެސް ދައުލަތުގެ ބަޖެޓުންނެވެ. ބައެއް ފަހަރު މުސާރަ ދޭން ވެސް ދައުލަތުން އެ ކަމަށް ވަކިން ފައިސާ ދޫކުރަން އެބަ ޖެހެ އެވެ.
ޒާހިރު ވިދާޅުވީ އާންމުންނަށް ހިއްސާ ވިއްކުމަކީ ޖަވާބުދާރީކުރުމުގެ ނަޒަރަކުން ބެލި ނަމަވެސް މުހިންމު ކަމެކެވެ. އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން ކުންފުނި ހިންގަން ތިބި މީހުން ޖަވާބުދާރީކުރުވާނެ އެވެ. އެސްޓީއޯ، ބީއެމްއެލް، އެމްޑަބްލިއުއެސްސީ ފަދަ ކުންފުނިތަކުގައި ކޯޕަރޭޓް ކަލްޗާއެއް އެބަ އޮތް ކަމަށް ވިދާޅުވި އެވެ.
"މިހެން ކޯޕަރޭޓް ކަލްޗާއެއް ކުންފުނިތަކަށް ގެނެވިގެން ދެން މި ކަންކަން ރަނގަޅުކުރެވޭނީ ވެސް،" ޒާހިރު ވިދާޅުވި އެވެ.
އެއްބަސްވެ ދެބަސްވަމާ: ސަރުކާރު ކުންފުނިތައް މަގު އޮޅުވައިފި؛ ވޭން ދައުލަތަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ