ލުއިގޮތަކަށް ކްލައިމެޓް ފައިނޭންސް ލިބުން މުހިއްމު: ރައީސް

ރާއްޖެ ފަދަ ޤައުމުތަކަށް ލުއި ގޮތްތަކެއްގެ މަތިން ކްލައިމެޓް ފައިނޭންސް ލިބުން މުހިއްމު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޖަރުމަނުވިލާތަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ހިމެނިގެން، ބަރލިންގެ ހުމްބޯލްޑްޓް ޔުނިވަރސިޓީއަށް ޒިޔާރަތްކުރައްވައި ދެއްވި ތަގުރީރުގައި ރައީސް ވިދާޅުވީ ރާއްޖެއަކީ ޖައްވަށް ވިހަގޭސް ބޭރުކުރާ މިންވަރު، ދުނިޔޭގެ ނިސްބަތުން މަދު ގައުމަކަށް ވީނަމަވެސް، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލާންޖެހޭ އެއް ޤައުމަކީ ރާއްޖެ ކަމަށެވެ.
މޫސުމީ ބަދަލުތަކަށް ހޭނި، އެކަމަށް އަހުލުވެރިވުމަކީ ރާއްޖެއަށް އިޚުތިޔާރީ ކަމެއް ނޫން ކަމަށާއި، ނަމަވެސް، އެއީ ޤައުމުގެ ދެމިއޮތުމާއި، ސަގާފަތާއި އައިޑެންޓިޓީ ނުވަތަ އަމިއްލަވަންތަކަން ހިމާޔަތްކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކަމަށް ރައީސް ވިދާޅުވި އެވެ.
މޫސުމީ ސައެންސްގެ އިލްމުގެ އަލީގައި، ޤައުމީ ފެންވަރުގައި ރާވާ ރޭވުންތަކާއި ބަޖެޓު އެކުލަވާލުމުގައި މޫސުމީ ނުރައްކާތައް ހިމެނުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ރައީސް ވަނީ މޫސުމީ ނޭދެވޭ ބަދަލުތަކަށް ހޭނި، އަހުލުވެރިކުރުވުމުގެ މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދުން އިތުރުކުރުމަށާއި، ލޯކަލް ގަވަރނަންސްގެ ގާބިލުކަން އިތުރުކޮށްގެން، އެ މަސައްކަތްތަކަކީ މުޖުތަމަޢުގެ ބައިވެރިވުން ހިމެނޭ، އަދި ރައްޔިތުން އިސްވެ ތިބެ ކުރިއަށްގެންދާ މަސައްކަތްތަކަކަށް ހެދުމަށް ގޮވާލައްވާފަ އެވެ.
މީގެ އިތުރުން، މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލާންޖެހޭ ޤައުމުތަކަށް އެޑަޕްޓޭޝަން ފައިނޭންސިންގް ލިބުމަކީ، މޫސުމީ އިންސާފާ ގުޅިފައިވާ ކަމެއްގެ ގޮތުގައި ސިފަކުރައްވައި، ރާއްޖެ ފަދަ ޤައުމުތަކަށް ދުރާލާ ކަށަވަރުކުރެވޭ، އެކަށީގެންވާ، އަދި ލުއި ގޮތްތަކެއްގެ މަތިން ކްލައިމެޓް ފައިނޭންސް ލިބުމުގެ މުހިންމުކަން ފާހަގަކުރައްވައި އެކަމަށް ރައީސް ބާރުއެޅުއްވި އެވެ.
މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކަށް އަހުލުވެރިވުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކުން މިހާތަނަށް ލިބުނު ފިލާވަޅުތަކުގެ މައްޗަށް ބައްލަވާލައްވައި، ރައީސް ވަނީ މި މަސައްކަތް ލަސްކުރުމަކީ، މުސްތަގުބަލުގައި ކުރަންޖެހޭ ހޭދަ އެތައް ގުނައަކަށް އިތުރުވެގެންދާނެކަމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި މުޖުތަމަޢުތަކަކީ ބަދަލުތައް ގެނައުމުގައި އިސްދައުރެއް އަދާކުރާ ބައެއް ކަމަށާއި، ފަރުތަކާއި، ކަނޑޫފާތަކާއި ގުދުރަތީ އެހެނިހެން ވަސީލަތްތަކަކީ މޫސުމީ ނުރައްކާތަކުން ދިފާއުވުމަށް އޮތް އެންމެ އަގުހެޔޮ އަދި އެންމެ ފައިދާހުރި ވަސީލަތްތައް ކަމަށާއި މޫސުމީ ކަންކަމަށް އަހުލުވެރިވުމުގެ މަސައްކަތްތަކާއި ޤައުމީ ތަރައްގީއަކީ އެކުއެކީގައި ކުރިއަށްދާންޖެހޭ ދެ ކަންތައް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ