މިފްކޯގެ އުމްރާނީ ވަސީލަތްތައް ތަރައްޤީކުރަން ސީއެމްއީސީއާއެކު އެއްބަސްވުންތަކެއް

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ އުމްރާނީ ވަސީލަތްތައް އިތުރަށް ތަރައްޤީކޮށް ހަރުދަނާ ކުރުމަށްޓަކައި، މިފްކޯއާއި ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަން، ސީއެމްއީސީއާ ދެމެދު 3 އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެމްއޯޔޫތަކުގައި ސޮއިކޮށްފައިވަނީ މިކަމަށްޓަކައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. އެ ވުޒާރާއިން ވިދާޅުވީ، ސޮއިކުރި މިއެމްއޯޔޫތަކުގެ މަޤްޞަދަކީ މިފްކޯގެ ކޯލްޑް ސްޓޯރޭޖް އަދި މަސް ޕްރޮސެސްކޮށް ބޭރު ކުރުމުގެ ޤާބިލްކަން އިތުރުކުރުން ކަމަށެވެ.
މި އެމްއޯޔޫތަކުގެ ދަށުން ތ.ހިރިލަންދޫގައި ކޯލްޑް ސްޓޯރޭޖް އަދި ބްލާސްޓް ފްރީޒް ކުރާނެ މަރުކަޒެއް ތަރައްޤީ ކުރުމާއި، ގދ.ތިނަދޫގައި މިފްކޯއިން ކުރިއަށް ގެންދާ މަސްގަނެ، ފިނިކޮށް ރައްކާ ކުރުމަށްޓަކައި ފަށާފައިވާ މަޝްރޫޢު އިތުރަށް ފުރިހަމަކޮށް ފުޅާކުރުމާއި، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސައަށް މަސްގަނެ، ރައްކާކުރުމުގެ ޤާބިލްކަން ފުޅާކުރުން ހިމެނެއެވެ. މީގެއިތުރުން ފިނިކުރި ކަންނެލި ޕްރޮސެސްކޮށް ބޭރު ކުރުމަށް ބޭނުންވާ ފެކްޓަރީއެއް އައްޑޫ ސިޓީގައި ޤާއިމު ކުރުމުގެ މަސައްކަތްތައްވެސް ހިމެނެއެވެ.
ޗައިނާގެ އެންމެ ބޮޑު އެއްކުންފުނި ކަމުގައިވާ ސީއެމްއީސީއާއި މިފްކޯއާއި ދެމެދު ސޮއިކުރި މި 3 އެމްއޯޔޫއާއި ގުޅިގެން ކުރިޔަށްގެންދާ މަސައްކަތްތަކުގެ ސަބަބުން، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް ފުޅާކުރުމަށާއި، ރާއްޖޭގައި ވެލިއުއެޑްކޮށް މަސް ބޭރު ކުރުމަށް މަގުފަހި ކުރުމަށް ސަރުކާރުން މިފްކޯ މެދުވެރިކޮށް ކުރަމުން ގެންދަވާ މަސައްކަތްތައް އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށްވެސް ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާގައި ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ