ބ. ތުޅާދޫގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައި އޮތުމުން އެމްޑީޕީގެ ޗެއާޕާސަން، އަބްދުލްޣަފޫރު މޫސާ އާއި ކެންދޫ ދާއިރާގެ މެންބަރު، މައުރޫފް ޒާކިރު އެކަމަށް ފާޑު ވިދާޅުވެއްޖެ އެވެ.
ތުޅާދޫއަށް ވަޑައިގެން އެ ރަށުގެ މަޝްރޫއުތައް ފަށާފައި ހުރި ސަރަހައްދަށް ގޮސް އާންމު ކޮށްފައިވާ ވީޑިއޯތަކުގައި އެ ރަށުގައި ރައީސުލްޖުމްހޫރިއްޔާ ބިންގާ އަޅުއްވައިދެއްވި، ޕޮލިސް ސްޓޭޝަނާއި މަގު ހެދުމުގެ މަޝްރޫއުގެ އިތުރުން އެ ރަށުގައި ގާއިމުކުރާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއު ވެސް ނުހިނގާތީ އެކަމަށް އެ ބޭފުޅުން ފާޑު ވިދާޅުވި އެވެ.
އެގޮތުން، ފެނަކައާ ހަވާލުކޮށްގެން އެ ރަށުގައި އަޅާ ޕޮލިސް ސްޓޭޝަންގެ ބިންގާ މިދިޔަ އަހަރުގެ އޯގަސްޓު މަހު އެޅުމަށްފަހު އެ ތަނުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާކަން މައުރޫފް ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ އެ މަޝްރޫއުއަށް ހާއްސަކޮށް 10 މުވައްޒަފުން ވެސް ނެގި ކަމަށެވެ. އެހެންމަވެސް، އެއަށްފަހު އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ އެކަމަށް މައުރޫފް އާއި ޣަފޫރު ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
"މި އޮތީ އެޅި ބިންގާ، ދަނީ އަޑިއަށް، މިއީ ގްރޮސް ރިޒާވުގައި 1.3 ބިލިއަން ޑޮލަރު ބަހައްޓައިގެން މީނާ މި ކުރާ ސަކަރާތަކީ، މި ޖަހާ ސަކަރާތަކީ،" މައުރޫފް ވިދާޅުވި އެވެ.
އެކަމަށް ފާޑުވިދާޅުވަމުން ޣަފޫރު ވިދާޅުވީ ޕޮލިސް ސްޓޭޝަނުގެ ބިންގާ އަޅާފައި އޮތީ އަޑިއަށް ދެ ބުރިއަށް އިމާރާތް ފައިސާ ގޮތަށް ކަމަށްވުން ގާތް ކަމަށެވެ.
ތުޅާދޫގެ މަގުތައް ހެދުމުގެ މަޝްރޫއު ނުހިނގާ ލަސްވަމުން ދާތީ އެކަމަށް ފާޑުވިދާޅުވަމުން ޣަފޫރު ވިދާޅުވީ އެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަނާ ހަވާލުކޮށް ވަޒީފާއަށް 30 މުވައްޒަފުން ނެގިތާ ވެސް ދެ މަސްދުވަސްވެއްޖެ ކަމަށެވެ.
"މިކަން ރޯޑް ކޯޕަރޭޝަންއާ ހަވާލުކޮށްފައި އޮތީ، 30 މުވައްޒަފުން ނަގާފައި ތިބޭތާ މިހާރު ދެ މަސްދުވަސް ވެގެން ހިނގައްޖެ. ކުރި އެއްވެސް ކަމެއް، މިކަމާ ބެހޭ އެއްވެސް ކަމެއް އަދި މިހައިތަނަށް ހިނގާފަކާ ނެތް،" ޣަފޫރު ވިދާޅުވި އެވެ.
މައުރޫފް ވިދާޅުވީ ތުޅާދޫގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ނުދިޔަ ނަމަވެސް، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް އެ މަޝްރޫއުއަށް ވެސް އިތުރަށް މުވައްޒަފުން ނަގާނެ ކަމަށެވެ.
ތުޅާދޫގައި ތަރައްގީ ކުރުމަށް ނިންމާފައިވާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ވެސް ކުރިއަށް ދަނީ "ބަރަވެލި ދުވެލީގައި" ކަމަށް މައުރޫފް ވިދާޅުވި އެވެ. މީގެ ހަ މަސްދުވަސް ކުރިން ފެށި އެ މަޝްރޫއުގެ އަދި ނިމުނީ 10 ވަރަކަށް ޕަސެންޓު މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަދި، މި ހިއްކުނީ ގާތްގަނޑަކަށް 10 ވަރަކަށް ޕަސެންޓު، ޖުމުލަ 56 ހެކްޓަރު ހިއްކަން ޖެހޭ އެއާޕޯޓެއް،" މައުރޫފް ވިދާޅުވި އެވެ.
"ތުޅާދޫއަކު ނެތް، މި އެއާޕޯޓު މި އަހަރު އަދި، ކުރިއަށް މި އޮތް ފަސް އަހަރު ވެސް ނިމޭނެ ކަމަށް ގަބޫލުކުރާ ހަމަ އެންމެ ރައްޔިތަކު ވެސް، މިއީ އެމްޑީޕީއަށް ތުޅާދޫ ރައްޔިތުން ވޯޓުދީ މުއިއްޒުއަށް ނޫނެކޭ ބުންނަންޖެހޭ އަނެއް ސަބަބު."
ތުޅާދޫ ބިން ހިއްކުމުގެ މަޝްރޫއު އެ ދުވެލީގައި ކުރިއަށްދާ ނަމަ، އެ މަޝްރޫއު އެއްކޮށް ނިންމައިލަން ފަސް ވަރަކަށް އަހަރު ނަގާނެ ކަމަށް ޣަފޫރު ވިދާޅުވި އެވެ. އެ މަޝްރޫއު ކުރިއަށް ގެންދަނީ ބަންޑް ވޯލް ވެސް ނުޖަހައި ކަމަށް ޣަފޫރު ވިދާޅުވި އެވެ.
ބ. ތުޅާދޫގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައި އޮތުމުން ޣަފޫރު އާއި މައުރޫފްގެ ފާޑުކިޔުން ބ. ތުޅާދޫގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައި އޮތުމުން ޣަފޫރު އާއި މައުރޫފްގެ ފާޑުކިޔުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ