މިއަދު އާދަޔާ ޚިލާފަށް ހޫނު ދުވަހެއް، މާލެއަށް އިހުސާސްކުރެވޭ ހޫނުމިން އުޅެނީ 43 ގައި

ލޯކަލް ކައުންސިލުގެ އިންތިޚާބާއި މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ނަގާ ފެންނަ ނުފެންނަ ވޯޓު ކުރިއަށް ދާއިރު، މިއަދަކީ ރާއްޖެއަށް އާދަޔާ ޚިލާފަށް ހޫނު ދުވަހެކެވެ. މޫސުން އާންމުކޮށް ބެލުމަށް ބޭނުންކުރާ އެއް އެޕްލިކޭޝަން ކަމަށްވާ "އެކިއު ވެދާ"އިން ދައްކާގޮތުގައި، މާލޭގައި ހޫނުމިން އުޅެނީ 34 ޑިގްރީސް ސެލްސިއަސްގައެވެ. މާލެއަށް އިހުސާސްކުރެވޭ ހޫނުމިން އުޅެނީ 43 ޑިގްރީސް ސެލްސިއަސްގައެވެ. އެންމެ ދެކުނުން އައްޑޫގެ ހޫނުމިން 32 ޑިގްރީސް ޑިގްރީސް ސެލްސިއަސްގައި ހުރިއިރު، އިހުސާސްކުރެވޭ ހޫނުމިން ހުރީ 41 ޑިގްރީސް ސެލްސިއަސްގައެވެ. އަދި ހދ. ހަނިމާދުއާއި ކުޅުދުއްފުށި ސިޓީގައި ހޫނުމިން 31 ޑިގްރީސް ސެލްސިއަސްގައި ހުރިއިރު، އިހުސާސްކުރެވޭ ހޫނުމިން އުޅެނީ 39 ޑިގްރީސް ސެލްސިއަސްގައެވެ. އެކިއު ވެދާއިން ދައްކާ ގޮތުގައި، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެއެވެ. މިއަދު ހެނދުނު 8:00 އިން ހަވީރު ހަތަރެއް ޖެހުމާ ހަމައަށް ވޯޓުލުން ކުރިއަށްދާނެއެވެ. އެއީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް (ޑަބްލިޔުޑީސީ)ގެ އިންތިޚާބާއީ މައި ދެ އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ޚިޔާލު ހޯދަން ނަގާ ވޯޓެވެ. އެ ވޯޓުތަކާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ، މި ދުވަސްވަރަކީ ވަރަށް ހޫނުގަދަ ދުވަސްވަރެއް ކަމަށާއި ރެކޯޑުތަކުން ދައްކާ ގޮތުން މިއަދުވެސް ހޫނުގަދަވާނެ ކަމަށެވެ. "އެހެންނަމަވެސް، އަޅުގަނޑުމެން މި ބަލަނީ ރާއްޖޭގެ ހުރިހާ ތަނެއްގައި ވެސް ވޯޓުލާ މަރުކަޒަށް ވަދެވުނީމަ، އެއިން ކޮންމެ ތަނަކީ ވެސް އެއާ ކޮންޑިޝަން ކުރެވިފައި ނޫނީވިއްޔާ އެކަށީގެންވާ ފިނިހޫނުމިން ބެހެއްޓޭ ގޮތަށް އަޅުގަނޑުމެން އިންތިޒާމުތަކެއް ރާވާފައި ހުންނާނީ،" އޭނާ ވިދާޅުވިއެވެ. އެ އިންތިޒާމު ރޭވުމުގެ ގޮތުން މިދިޔަ ދެ ދުވަހު ތެރޭގައި ވެސް ބައެއް ރަށްރަށުގައި ވޯޓުލާ މަަރުކަޒުތަކަށް ބަދަލު ގެނެސްފައިވާ ކަމަށް ޒާހިދު ވިދާޅުވިއެވެ. "އެހެންނަމަވެސް ގުުދުރަތީ ގޮތުން ދިމާވެފައި މި ހުންނަ ކަންކަމަށް އަޅުގަނޑުމެން އެންމެން ވެސް ކިޔުގައި ތިބޭއިރު ސަމާލުކަމަށް ގެންނަން [އިލްތިމާސްކުރަން]،" އޭނާ ވިދާޅުވިއެވެ. ފާހަގަކުރެވޭ ގޮތުގައި، ކޮންމެ އަހަރަކު ވެސް އާންމުކޮށް، އިހުސާސް ކުރެވޭ ހޫނުމިން އެންމެ މައްޗަށް ދަނީ، މާރިޗު މަހާއި އޭޕްރީލް މަހުގެ ތެރޭގައެވެ. އެގޮތުން، މި އަހަރު އެންމެ ހޫނުވާނީ މި އޭޕްރިލް މަހު ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ