ފަތުރުވެރިކަމުގެ ދާއިރާ މާކެޓު ކުރުމުގައި އިސްކޮށް އުޅުނު ހުސައިން ސަނީ އުމަރު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލައާއި ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި، ގ. މާވަނި، ޙުސައިން ސަނީ ޢުމަރު، ގެ ބަންދާއި މެދު ގޮތެއް ނިންމާފައިވަނީ މިދިޔަ މަހުގެ 3 ވަނަ ދުވަހު އޭނާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުކުރުމަށް ކޯޓުން ކުރި އަމުރުގެ މުއްދަތު މިއަދަށް ހަމަވުމާއި ގުޅިގެން ބަންދާއިމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުންނެވެ.
ޕީޖީ އޮފީހުން މީގެ ކުރީން ބުނިގޮތުގައި ސަނީ ހައްޔަރުކޮށް ބަންދުކޮށްފައިވަނީ ޤާނޫނު ނަންބަރު: 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 30 ވަނަ މާއްދާއާއި، 33 ވަނަ މާއްދާގެ ދަށުން އަދި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއަށް ރިޢާޔަތްކޮށެވެ.
ސަނީ އުމަރު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވާތީ، އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަން ފުލުހުން ހާމަކުރީ މިދިޔަ މަހުގެ ކުރީކޮޅެވެ. އެ މައްސަލައިގެ ތަހުގީގު ފުލުހުން ފެށި އިރު ސަނީ އުމަރު ހުރީ ރާއްޖެއިން ބޭރުގައި އެވެ. ނަމަވެސް އޭނާ ރާއްޖެ އައުމާއިއެކު ފުލުހުން ވަނީ އޭނާގެ ބަޔާން ނެގުމަށް އެއާޕޯޓުން ފުލުހުންގެ ހިމާޔަތުގައި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން އުނިޓަށް ހާޒިރުކޮށްފައެވެ. އަދި ގިނަ އިރުތަކެއް ވަންދެން އޭނާގެ ބަޔާން ނެގުމަށްފަހު ސަނީ އުމަރު އޭނާ ދިރިއުޅޭ ގެއަށް ގެންގޮސްދިނީވެސް ފުލުހުންނެވެ.
ނަމަވެސް އެރޭ ސަނީ އުމަރު ރާއްޖެއިން ފިލައިގެން ދިޔުމަށް މަސައްކަތްކުރަނިކޮށް ފުލުހުން އޭނާ ރާއްޖެއިން ބޭރަށް ފުރަންއުޅުނު ފްލައިޓަށް އަރައި އޭނާ ހައްޔަރުކުރިއެވެ. އޭރު ސަނީ އުމަރު ހުރީ ސިފަ އޮޅުވާލަން މަސައްކަތްވެސް ކޮށްފައެވެ.
ސަނީ އުމަރަކީ ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމް "ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް"ގެ އެއް ހިއްސާދާރެވެ. ނަމަވެސް ޖިންގީ ގޯނާގެ މައްސަލަ ފެންމަތިވުމާއިއެކު އޭނާޣެ ހިއްސާ އަތުލަން ނިންމާފައިވާކަން އެކުންފުނީން ނެރުނު ބަޔާނެއްގައި ވަނީ ހާމަކޮށްފައެވެ.
ސަނީ އުމަރު، ޝަރީއަތް ނިމެންދެން ބަންދަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ