ގޫގުލް ފޮޓޯސްއަށް ބެޓެރި ސަލާމަތްކުރެވޭ އައު ފީޗާއެއް ތައާރަފުކުރަނީ
ގޫގުލް ފޮޓޯސް ބޭނުންކުރާ ފަރާތްތަކަށް ބެޓެރި ސަލާމަތްކުރެވޭ އައު ފީޗާއެއް ތައާރަފުކުރަން ތައްޔާރު ވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. ގޫގުލް ފޮޓޯސް މެދުވެރިކޮށް ފޮޓޯތައް ބެކަޕް ކުރާއިރު ފޯނުގެ ބެޓެރި ހުސްވާ މިންވަރު މަދުކުރުމަށްޓަކައި، ގޫގުލް އިން އައު ފީޗާއެއް ތައާރަފުކުރުމުގެ މަސައްކަތް ފަށައިފައިވާއިރު، މިއީ ވަރަށް ގިނަބައެއްގެ ޝަކުވާއެކެވެ. މިހާރު ގޫގުލް ފޮޓޯސް ބޭނުންކުރާ ފަރާތްތަކަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ، ބެކަޕް ކުރާނެ ވަގުތެއް ކަނޑައެޅުމުގެ އިޚްތިޔާރު ނޯންނާތީ، ބެކްގްރައުންޑްގައި ބެކަޕް ކުރިއަށްދާއިރު ފޯނުގެ ބެޓެރި ވަރަށް އަވަހަށް ހުސްވުމެވެ. ނަމަވެސް، އެޕްގެ އެންމެ ފަހުގެ އަޕްޑޭޓްތަކުން ފެންނަ ގޮތުގައި ގޫގުލް އިން ދަނީ މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. https://sun.mv/206662 "އެންޑްރޮއިޑް އޮތޯރިޓީ" އިން ގޫގުލް ފޮޓޯސްގެ ވާޝަން 7.59ގެ އޭޕީކޭ ދިރާސާކުރުމަށްފަހު ހާމަކޮށްފައިވާ ގޮތުގައި، މި އެޕްގެ ސެޓިންގްސްއަށް "އޮޕްޓިމައިޒް ބެކަޕް ފޯ ބެޓެރީ ލައިފް" ގެ ނަމުގައި އައު އޮޕްޝަނެއް އިތުރުކުރުމަށް ދަނީ ތައްޔާރުވަމުންނެވެ. މި ފީޗާ އޮންކުރުމުން، ފޯނުގެ ބެކްގްރައުންޑްގައި ފޮޓޯތައް ބެކަޕްވާ މިންވަރު މަދުކޮށްލާނެއެވެ. މި ފީޗާގެ ސަބަބުން ފޮޓޯތައް ބެކަޕް ވާނީ ގިނައިން އެޕް ހުޅުވައިގެން ބޭނުންކުރާ ވަގުތުތަކުގައެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ނަގާ އައު ފޮޓޯތަކާއި ވީޑިއޯތައް ވަގުތުން އެހެން ޑިވައިސްތަކުން ނުވަތަ ވެބްއިން ނުފެނިދާނެއެވެ. ނަމަވެސް، މިއީ ހާއްސަކޮށް ދަތުރުފަތުރުކުރާ މީހުންނާއި ބޭރުތެރޭގައި ގިނަވަގުތު އުޅޭ މީހުންނަށް ފޯނުގެ ބެޓެރި ސަލާމަތްކުރުމަށް ލިބޭނެ ވަރަށް ބޮޑު ލުޔެކެވެ. ގޫގުލް ފޮޓޯސްއަށް ދާދި ފަހުން ވެސް ވަނީ ގިނަ އައު ފީޗާތަކެއް އިތުރުކޮށްފައެވެ. އޭގެ ތެރޭގައި ވީޑިއޯ އެޑިޓްކުރުމަށް ބޭނުންކުރާ އައު ޓޫލްތަކާއި، އޭއައި ބޭނުންކޮށްގެން ފޮޓޯ އެޑިޓްކުރެވޭ "ހެލްޕް މީ އެޑިޓް" ފަދަ ވަސީލަތްތައް ހިމެނެއެވެ. މި އައު ބެޓެރި ސޭވިން ފީޗާ އާންމުކޮށް ހުރިހާ ފަރާތްތަކަށް ދޫކޮށްލާނެ ތާރީޚެއް ގޫގުލް އިން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ