'ހީލް އިން ޕެރެޑައިސް'އިން ފަތުރުވެރިންނާއި ކިޔުންތެރިންގެ އިހުސާސްތަކާ ކުޅެލައިފި

ކިޔައިދެނީ، ރާއްޖޭގެ ގޮނޑުދޮށްތަކާއި ގުދުރަތީ ރީތިކަމެވެ. ކާބަފައިންގެ އަގުހުރި ޤުރުބާނީތަކުގެ ވާހަކައެވެ. ދިވެހި އަންހެނުންގެ ވާހަކައެވެ. ދޮންވެލީގެ ހިތްފަސޭހަކަމުން ކުރުވާ ފުން އިހުސާސްތަކާއި ބޮލު ތެރޭގައި ގެންގުޅޭ ފިކުރުތަކުގެ ވާހަކައެވެ. ދިވެހި މަންމައިންގެ ހިތްވަރުގަދަކަމުގެ ވާހަކައާއި، ދިވެހީންގެ ކެރުމާއި ހިތްވަރުގެ ވާހަކައެވެ. އެ އުދާސްތަކުން ނުކުމެ، ނަފުސަށް ހަމަޖެހުން ގެނުވާ ގޮތަށެވެ. މި ވާހަކަތައް ހުރީ، ހަނދާންތައް އާވާ ޅެންވެރިކަމުގެ ފަށުވި، ބަސްތަކަށް ފައްތަރުކޮށްފައެވެ. ޅެންތައް ގެނެސްދީފައިވަނީ ފަށުވި އިނގިރޭސި ބަހުން، އިހުސާސްތަކަށް ފިނި ކަމެއް ގެނުވާނެހެންނެވެ. މިއީ ހަވްލާ ރިޒާ ލިޔުނު ދިވެހިރާއްޖޭގެ ފުރަތަމަ ޕޮއެޓްރީ ސުވެނިއާ ފޮތެވެ. ފޮތުގެ ނަމަށް ބަލާލިޔަސް، ކުރިން ކިޔާދިން ވާހަކަތައް ސާބިތުކޮށްދެއެވެ. ހަވްލާގެ ހީލްއިން ޕެރެޑައިސް: ގިނަ ބަޔެއްގެ މެދުގައި މި ފޮތް އަންނަނީ، މަގުބޫލު ވަމުން --- ތިރީސް ހަ އަހަރުގެ ހަވްލާގެ ހީލް އިން ޕެރެޑައިސްގެ ދަތުރު ފެށީ، މީގެ ފަސް އަހަރު ކުރިން، 2021 ގައެވެ. ބައްޕަ ނިޔާވުމުގެ ހިތާމަތަކުން ދުރުވާން ޅެން ލިޔަންފެށިއެވެ. ބައްޕަގެ ވަކިވުމުން، ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ. އެ ޅެންތައް އޭރު، ހަވްލާ ދިޔައީ އިންސްޓަގްރާމްގައި ޕޯސްޓު ކުރަމުންނެވެ. 'ގްރީޕް' ތީމަށް ލިޔުނު އެޅެންތަކުން ގިނަ ބައެއްގެ ހިތްތަކާ ކުޅެލިއެވެ. އަބަދުވެސް ލިޔަން ޝައުގުވެރިކަން ހުންނަ ހަވްލާގެ ޅެންވެރިކަމުގެ ހަޔާތް ފެށުނީ، އެ ހިސާބުންނެވެ. އޭރު ލިބުނު ތައުރީފުތަކުން އުފާކޮށް، ބޭރުގެ ބައެއް އަދަބީ ޖާނަލަތަކަށް އޭނާގެ ޅެންތަކެއް ޕަބްލިޝްކުރިއެވެ. ހަވްލާ ވިދާޅުވާ ގޮތުން އެ ޖާނަލް ތަކުގެ އެޑިޓަރުންގެ އިރުޝާދާއެކު މަސައްކަތްކުރުމުން، ޅެން ފަށުވިކުރަން އިތުރަށް ދަސްވެ، ލިބުނު ހިތްވަރާއި ޖޯޝުން ފޮތެއް ލިޔުއްވަން ނިންމީއެވެ. އެ އަޒުމުގައި ފޮތް ލިޔުއްވަން ފެއްޓެވީ، 2023ގައެވެ. ހަވްލާ ކިޔައިދެއްވި ގޮތުގައި، ފުރަތަމަ ޅެންތައް ލިޔުއްވަން ފެއްޓެވީ، ރާއްޖޭގެ ގުދުރަތީ މާހައުލުގެ ފަރިކަމާއި ޗާލުކަމާ ގުޅުވާފައެވެ. ރާއްޖޭގެ ރީތި ގޮނޑުދޮށްތަކާއި ހިތްގައިމު ވިލާއި ފަޅުތަކާ ގުޅުވާލާފައެވެ. "ރާއްޖޭގެ ރީތިކަން ވަރަށް ބޮޑަށް ކިޔައިދިނިން. ގެނައިރު، ޕޮއެޓްރީ ސުވެނިއާއެއް ހަދަން އައިޑިއާ ލިބުނީ. އޭރުން ފަތުރުވެރިންނަށް ވެސް މީތި ކިޔޭނެޔޭ ހިތަށް އެރީ" ހަވްލާ ތަފްސީލުކޮށްދެއްވިއެވެ. ހަރުބަސްތައް ވަރަށް ބޮޑަށް ގެނެސްގެން ލިޔުއްވާފައިވާ މި ފޮތް ޚާއްސަވާ އަނެއް ކަމަކީ، ގިނަ ބަޔެއްގެ އިހުސާސްތަކާ ގުޅި، އެ މީހުންނަށް ދިރުމެއް ގެނެސްދޭތީއެވެ. އެއީ، ރާއްޖޭގެ ރީތި މާހައުލު ސިފަކޮށް، މި ފޮތުގައި ޖަޒުބާތީ އެކި އިހުސާސްތައް ކިޔައިދީފައިވާތީއެވެ. ހަވްލާ ވިދާޅުވީ، ފޮތުގައި ތިން މަރުހަލާއެއް ކިޔައިދޭ ކަމަށެވެ. އެއީ، ލޯތްބާއި ވޭނާއި ދަތިތަކާއި އެ ކަމުން މިންޖުވުމެވެ. އަށާރަ އަހަރުން މަތީގެ މީހުންނަށް ޚާއްސަ މި ފޮތުގައި، ޖަޒުބާތުގައި ސިފަކޮށްދިނީ ވަރަށް މާނަ ފުންކޮށެވެ. އެހެން މީހުންނަށް އަސަރުކޮށް، ހިމަ ނާރާ ކުޅެލާހެނެވެ. "އިނގޭ ޅެންތައް ކުޑަކޮށް ހެވީކަން. ބައެއް ފަހަރަށް ހިތަށް އެރި ބައެއް ޅެންތައް ނަގަން ވެސް. އެކަމަކު، އެ ޅެންތައް ވެސް ބެހެއްޓީ. ކަމުދާ މީހަކަށް އެ ޅެންތައް ވެސް ކަމުދާނެޔޭ ހިތަށް އެރީ" މި ދިގު ދަތުރުގައި އޭނާއަށް އެންމެ ބޮޑު އެހީތެރިކަމެއް ދިނީ ލޯބިވާ ފިރިމީހާއެވެ. އެހެން އުޅެމުން ގޮސް، 51 ސަފުހާގެ ފޮތް ޗާޕުކޮށް، ވިއްކަން ފެށީ، މިދިޔަ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ސާޅީސް ނުވަ ޅެން މި ފޮތުގައި ހަވްލާ ވަނީ ހިމަނުއްވާފައެވެ. އެ ހިސާބުން ހަވްލާގެ އުންމީދުތަކުގައި ކުލަ ޖެހެން ފަށައިފިއެވެ. އެތައް ބަޔެއްގެ ތައުރީފުން އޭނާ ހުރީ އުފަލުން ފޮޅިފައެވެ. އޭގެތެރޭގައި، ދިވެހީންނާއި ފަތުރުވެރިން ހިމެނެއެވެ. އޭނާ އެންމެ އުފާވީ، މެލޭޝިއާ ފަތުރުވެރިއަކު ކުރި ތައުރީފަކުންނެވެ. އެ ފަތުރުވެރިޔާ ބުނީ، ހަވްލާގެ ލިޔުންތަކާ އޭނާގެ ހަޔާތާ ވަރަށް ގުޅޭ ކަމަށެވެ. އެ ފޮތުގައި ހިމަނާފައި ހުރި ޅެންތައް ކަމުދާކަން ފާހަގަކޮށް، އެ ފަތުރުވެރިޔާ ވަނީ، އެ ގައުމުގެ ސަގާފަތާ ރާއްޖެއާ އެއްގޮތް ކަންކަން ހުރިކަން ކިޔައިދީފައެވެ. މިހެން ގޮސް އެތައް ބައެއްގެ ތައުރީފު ލިބި، ހީލް އިން ޕެރެޑައިސް އަންނަނީ ދުވަހެއް ދުވަހަކަށް މަގުބޫލު ވަމުންނެވެ. ބައެއް ވެލްނަސް ރިޓްރީތްތަކަށް ވެސް ގިފްޓެއް ގޮތަށް މި ފޮތް އަންނަނީ ނަގަމުންނެވެ. އިހުސާސްތަކާއި ޖަޒުބާތުން ފުރިފައިވާ މި ފޮތް ބައެއް ސުވެނިއާ ފިހާރަތަކާއި އޮތެންޓިކް މޯލްޑިވްސް ގެ ހުރިޔާ އައުޓްލެޓްތަކާއި ނޮވެލްޓީ ފޮތް ފިހާރައިން ލިބެން ހުންނާނެއެވެ. ގޭގައި ހުރެ، ހައުލާ ރިޒާ ވެބްސައިޓުން ވެސް ގަނެވޭނެއެވެ. އެހެންކަމުން، ފޮތުން ހިތްވަރު ލިބެން ވިޔަސް، އަޖުމަ ބަލައިލުން މުހިންމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ