މުއްތޮލިބު 2 އަހަރު ފަހުން ވެސް ވިދާޅުވީ ތަޖުރިބާ ނެތުމުން އެފްކޮންސް އަދިވެސް ދަސްކުރަނީ ކަމަށް

ކުރީ ސަރުކާރުން ތިލަމާލޭ ބްރިޖު މަޝްރޫއު ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޮންސްއަކީ، ކަނޑުގައި ބްރިޖު އެޅުން ފަދަ ތަޖުރިބާއެއް ނެތް ކުންފުންޏަކަށްވުމުން އަދިވެސް އެ ކުންފުނި އުޅެނީ ދަސްކުރުމުގައި ކަމަށާއި އެ މަޝްރޫއު ލަސްވަނީ ވެސް އެހެންވެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އެގޮތަށް ވިދާޅުވީ، ގަލޮޅު އިތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އޭނާ ކުރެއްވި ސުވާލަކީ:
ރައީސް މުހައްމަދު މުއިއްޒު ބްރިޖާ ގުޅޭ ގޮތުން މިފަހުން ވަރަށް "ނާއުންމީދު ވާހަކަަތަކެއް" ދެއްކެވި ކަމަށާއި، އެހެންކަމުން ބުރިޖުގެ މަޝްރޫއު ގޮސްފައިވާ ހިސާބަކީ ކޮބައިތޯ އާއި އެ ބުރިޖު ނިމޭނެތޯ އަދި ކޮން ދުވަހަކަށްތޯ މަޝްރޫއޫ ނިމޭނީ؟
ތަފްސީލު - އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެ މަޝްރޫއަކީ މާލެ ސަރަހައްދުގެ ތަރައްގީއަށާއި މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ވެސް މުހިންމު މަޝްެރޫއެއް ކަމަށެވެ. އެހެންވެ މި ސަރުކާރު ފެށުނީއްސުރެ މަސައްކަތްކޮށްފައި ވަނީ އިންޑިއާ ސަރުކާރާއި ކޮންޓްރެކްޓަރާ ވާހަކަ ދައްކައިގެނ،ް ހުރި މައްސަލަތައް ހައްލު ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. 
"ފެށުނީއްސުރެ މި ސަރުކާރުން މަސައްކަތްކޮށްފައި ވާނީ ކޮންޓްރެކްޓަރާއި އިންޑިއާ ސަރުކާރާ އެކު މަސައްކަތްކޮށްގެން ވީހާ ވެސް އަވަހަކަށް މަޝްރޫއު ނިންމުމަށްޓަކައި [އަދި] ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް، ކުރިއަށް ދިޔުމަށްޓަކައި،" މިނިސްޓަރު ވިދާޅުވި އެވެ.
އެ މަޝްވަރާތަކުން މަޝްރޫއު ނުހުއްޓި ކުރިއަށްދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް، މަޝްރޫއު ލަސްވަނީ އެފްކޮންސް ކުންފުނީގައި އެކަމުގެ ތަޖުރިބާ ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
މި ސަރުކާރުގެ ކުރީކޮޅު، ޑިސެމްބަރު 2023ގައި ވެސް މުއްތޮލިބު ވިދާޅުވީ، އެފްކޮންސް އުޅެނީ ދަސްކުރުމުގައި ކަމަށެވެ. އޭގެ ފަހުން، ދެ އަހަރު ފަހުން، މިއަދު ވެސް މުއްތޮލިބު ވިދާޅުވީ، އަދިވެސް އެ ކުންފުނި އުޅެނީ ދަސްކުރުމުގައި ކަމަށެވެ.
"އަޅުގަނޑު މަގާމާ ހަވާލުވެ ދިން ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ވިދާޅުވި ފަދައިން މިފަދަ ކަނޑު ގަދަ ސަރަހައްދެއްގައި ބްރިޖު އެޅުމަކީ، ކޮންމެ ކޮންމެ ބަޔަކަށް އެހާ ފަސޭހައިން ކުރެވޭނެ ކަމެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.
"އެހެންވެ، އެކަން ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރަކީ، [އެފްކޮންސްއަކީ] އެފަދަ މަސައްކަތެއް މީގެ ކުރިން ކޮށްފައިވާ ފަރާތަކަށް ނުވާތީ އެ ފަރާތަށް ދަސްކުރަން ވަގުތު ނެގީ. އެކަންތައް އަދިވެސް އަޅުގަނޑުމެންނަށް ފެނޭ."
އެ ސުވާލަށް އިތުރަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ:
މިދިޔަ ސަރުކާރުގައި އެ މަޝްރޫއު ނިންމޭނެ ކަމަށް ކަނޑައެޅި މުއްދަތުގެ އިތުރަށް، އިތުރު 30 މަސް ވެސް މި ސަރުކާރުގައި ދިން
އެ 30 މަސް ވެސް މާޗު މަހަށް ނިމުނުއިރު، އަދިވެސް ނުނިމޭ
"މިހާރު ވެސް މަސައްކަތް މި ކުރަނީ އަނެއްކާވެސް ކޮންޓްރެކްޓަރަށް ވަގުތު ދީގެން މަސައްކަތް ނިންމުމަށްޓަކައި. އަޅުގަނޑުމެން ކޮންޓްރެކްޓަރު ޖޫރިމަނާކޮށް ފިޔަވަޅު އަޅައިފި ނަމަ، މަޝްރޫއު ހުއްޓި، އޭގެން ރައްޔިތުންނަށް ފައިދާއެއް ނުކުރާނެ،" އެއީ ބޮޑު ލޯނެއް ނަގައިގެން ހިންގާ މަޝްރޫއެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވި އެވެ.
އެހެންވެ، އަދިވެސް ސަރުކާރުން މަސައްކަތް ކުރަނީ، އިންޑިއާ ސަރުކާރާއި ކޮންޓްރެކްޓަރާ ވާހަކަ ދައްކައިގެން މަޝްރޫއު ނިންމުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ، 2027 ވަނަ އަހަރުގެ ނިޔަލަށް ބްރިޖު ބޭނުން ކުރެވެން ފެށޭނެ،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ