ޝައްމާން މައްސަލައިގައި ހިމެނޭ އިބްރާހީމަށް 11 މަހުގެ ހުކުމެއް

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝައްމާން ވަހީދާ އެކު ހައްޔަރުކޮށް، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީ ބައެއްގެ އަތުން ނާޖާއިޒު މަންފާ ނެގި ކަމަށް ބުނާ މައްސަލައިގައި ދައުލަތުން ދައުވާކުރި އިމިގްރޭޝަންގެ އޮފިސަރު އިބްރާހީމް އަހުމަދު ކުށަށް އިއުތިރާފްވުމުން 11 މަހަށް ޖަލަށްލާން ހުކުމްކޮށްފިއެވެ. ބިދޭސީއެއްގެ އަތުން ފައިސާ ނެގުމަށް ފަހު، ބަންދުން ދޫކޮށްލި ކަމަށް ތުހުމަތުކުރާ މައްސަލައިގައި އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި ޝަމްއާން ވަހީދާ އެކު އެ ތަނުގެ އިތުރު ހަތަރު މުވައްޒަފެއްގެ މައްޗަށް ދައުވާކުރިއެވެ. އެއީ، މިދިޔަ އަހަރުގެ ރޯދަ މަހެވެ. މި މައްސަލައިގައި އެންމެ ފަހުން ހުކުމް އިއްވި، އިބްރާހީމްގެ މައްޗަށް ތިން ދައުވާއެއް އުފުލިއިރު ތިން ދައުވާއަށް ވެސް އޭނާ ވަނީ ޝަރިއަތުގައި އިއުތިރާފުވެފައެވެ. އެއީ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއާއި، ފޭރުމުގެ ދައުވާ އަދި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާއެވެ. މި ތިން ދައުވާގެ ތެރެއިން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާގެ އަދަބަކަށް އޮތީ އެއް އަހަރާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު, އިއުތިރާފު އެއްބަސްވުމާ އެކު ޖަލު އަދަބުގެ ގޮތުގައި ދެ މަސް އަދި ބާކީ ބައި 62،400 ރުފިޔާގެ ޖޫރިމަނާއަށްވަނީ ބަދަލުކޮށްފައެވެ. ފޭރުމުގެ ދައުވާއާ ގުޅިގެން ދެ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވައި، އެއިން ހަތް މަސް ޖަލު އަދަބުގެ ގޮތުގައި ކަނޑައަޅައި ބާކީ 130،800 ރުފިޔާގެ ޖޫރިނަމާއަށް ބަދަލުކުރާ ގޮތަށް އަދި ބިދޭސީ މީހާއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 50،000 ރުފިޔާ ދޭން ކޯޓުން ނިންމިއެވެ. މީގެ އިތުރުން، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާއަށް، އެއް އަހަރާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާއި އެއިން ދެ މަސް ޖަލު އަދަބުގެ ގޮތުގައި ކަނޑައަޅައި ބާކީ 62،400 ރުފިޔާގެ ޖޫރިމަނާއަށް ބަދަލުކުރާ ގޮތަށް އަދި ބިދޭސީ މީހާއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 3،500 ޑޮލަރު ދޭން ކޯޓުން މިދިޔަ ހަފުތާގައި ހުކުމް ކުރިއެވެ. މި މައްސަލައިގައި ކުރި ދައުވާތަކަށް ޝައްމާންވަނީ އިންކާރުކޮށްފައެވެ. އެ މައްސަލަތައް ވެސް އޮތީ ޝަރީއަތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ