"ރައްޔިތުންނާއެކު" ޕޮޑްކާސްޓް އެޕިސޯޑް 4 ގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަރިހުގައި ދެންނެވުނު ސުވާލުތަކާއި، އެ ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބުތައް

މި ޕޮޑްކާސްޓްގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސުވާލު ދެންނެވީ، ރާއްޖޭގެ ޓީ.ވީ. ޕްރެޒެންޓަރެއް ކަމަށްވާ އަލްފާޟިލް އަޙްމަދު ޝަކީބް.
ޕްރެޒެންޓަރ:
السَّلامُ عَلَيْكُم.
މިއީ، "ރައްޔިތުންނާއެކު" މި ނަމުގައި ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަކަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފަށައިގެން ކުރިއަށްގެންދާ ޕޮޑްކާސްޓް ސިލްސިލާގެ އަޅުގަނޑުމެންގެ 4 ވަނަ ޕޮޑްކާސްޓް. ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ. ވަރަށް އަވަދިނެތި އުޅުއްވަމުންވެސް އަޅުގަނޑުމެންގެ މި ޕޮޑްކާސްޓަށް މަނިކުފާނު ވަރަށް ހަމަ ސަމާލުކަން އެބަ ދެއްވާ. ދެން މިހެން ދަންނަވާއިރުވެސް އެނގޭ، ދެން މިއީ މަނިކުފާނުގެ އިސްނެންގެވުމެއްކަންވެސް. އެހެންވީމާ، ސަމާލުކަން ދެއްވާނެކަންވެސް އެނގޭ.
މި ޕޮޑްކާސްޓް މެދުވެރިކޮށް އަޅުގަނޑުމެން މި ދައްކާ ވާހަކަތައް، ރައްޔިތުންނާ ހަމަޔަށް މި ގެނެސްދޭ ވާހަކަތައް، އަޅުގަނޑު ދެން މިއަދުގެ މި ސިލްސިލާ، މިއަދުގެ ޕްރޮގްރާމް ފަށަމުން ހިތަށްއެރީ، އަޅުގަނޑުގެ ހަނދާން މާބަލި ނޫން ކަމަށްވަންޏާ، އަޅުގަނޑުމެން އެންމެ ފުރަތަމަ ގެނެސްދިން ޕޮޑްކާސްޓްގައި، ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ވާހަކަ ދެއްކިން ދޮގެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ!
ޕްރެޒެންޓަރ:
ދެން އޭގެތެރެއިން ނުކުމެގެން އައި ވާހަކައެއް މިއީ، ޖެނެރޭޝަނަލް ބޭންގެ ވާހަކަ. ވަކި ޢުމުރަކުން ފެށިގެން ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާކުރުން.
މިހާރު މިކަމަށް މިއޮތީ ގޮތެއް ނިންމަވާފައި ދޮގެއްތޯ؟ އަޅުގަނޑު ހިތަށްއަރަނީ މިއީ އަޅުގަނޑުމެންނަށް ދެކެވެން މި ފެށި ވާހަކައިގެ ތެރެއިން ތަންފީޛުވެގެން އައި ވަރަށް މުހިންމު ކަމެކޭ. ފަށްޓަވަމުން މިއާ ދޭތެރޭގައި އެއްޗެއް ވިދާޅުވެލެއްވިއްޔާ ރަނގަޅުކަންނޭނގެ ދޮގެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ޝުކުރިއްޔާ އިނގޭތޯ.
އާދެ، ޖެނެރޭޝަނަލް ބޭން، ނޫނީވިއްޔާ ވަކި ޢުމުރަކަށްވުރެ، ވަކި އަހަރަކަށްވުރެ ފަހުން އުފަންވި އެންމެންނަށް، ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާކުރުން މިއީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރީ އިނގޭތޯ. އެއީ، ސަބަބަކީ ރާއްޖޭގެ އާބާދީއަކީ ވަރަށް ބޮޑަށް ޒުވާން އާބާދީއެއް. 2007 ވަނަ އަހަރުން ފެށިގެން އުފަންވި އާބާދީއަށް ބަލާއިރުގައިވެސް އެއީ، ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 30 އިންސައްތަ. 2007 ޖަނަވަރީ 1 ން ފެށިގެން އުފަންވެފައިވާ މީހުންގެ ޢަދަދަކީ، މުޅި ރާއްޖޭގެ އާބާދީގެ 30 އިންސައްތަ.
ޕްރެޒެންޓަރ:
ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ދޮގެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ! އެހެންވީމާ، ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ އާދައިން އެ އާބާދީ ދުރުކުރެވިއްޖިއްޔާ، އިރާދަކުރެއްވިއްޔާ އެ ސަލާމަތްކޮށްދެވެނީ، ރާއްޖޭގެ މުސްތަޤްބަލްވެސްމެ. އަދި ވަރަށް ބޮޑު ޢަދަދެއްގެ ރައްޔިތުންގެ ޞިއްޙަތު.
ޕްރެޒެންޓަރ:
އޭގެ މާނައަކީ، އިރާދަކުރެއްވިއްޔާ ދެން ކުރިއަށް އޮތް ތާނގައި އެއްކަލަ ޕަރސެންޓޭޖް އަންނާނީ މަޑުމަޑުން ބޮޑުވަމުންނޭ ދޮގެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ! މިހާރު 2007 ވަނަ އަހަރުގެ ޖަނަވަރީ 1 ން ފެށިގެން އުފަންވެފައި އެތިބި، މިހާރު ދުނިޔޭގައި ތިބި ހުރިހާ އެންމެންނާއި، ދެން ހަމަ އުފަންވަމުންދާނެ ހުރިހާ އެންމެން، ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާކަމެއް ކަމަށް މިވަނީ މި ޤާނޫނުގެ ތެރެއިން. ގަތުންވެސް، އިސްތިޢުމާލު ކުރުންވެސް، މި ހުރިހާ ކަމެއްވެސް. އެއީ، ވަރަށް ވަރަށްބޮޑު ކާމިޔާބެއް. ރާއްޖޭގެ ރައްޔިތުންގެ ޞިއްޙަތު މިގޮތުން ސަލާމަތް ކުރެވިއްޖިއްޔާ އެއީ، އަޅުގަނޑުމެންނަށް އެ ރައްޔިތުންގެ ހެލްތަށް، ޞިއްޙަތަށް ކޮށްދެވޭ އިންވެސްޓްމަންޓެއް ޙަޤީޤަތުގައި. ސަބަބަކީ އެންމެ ބޮޑަށް މި ފެތުރޭ ގައިންގަޔަށް ނާރާ ބަލިތަކުގެ ހަމަ އެންމެބޮޑު އެއް ސަބަބަކަށް ވަނީ ދުންފަތުގެ އިސްތިޢުމާލު ކުރުން.
ޕްރެޒެންޓަރ:
އަދި މިކަމަށް ކުރާ ހޭދަވެސް އެއީ، ހާދަ ބޮޑު އެއްޗެކޭ ދޮގެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ހޭދަވެސް ވަރަށްބޮޑު.
ޕްރެޒެންޓަރ:
ބަޔަކު އެކަމަށް ވިސްނާނަމަ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ދެން ހޭދައަށްވުރެ ބޮޑަށް އަޅުގަނޑު ހަމަ އިސްކަން މި ދިން ކަމަކީ، ޞިއްޙަތު ސަލާމަތްކޮށްދިނުން. ސަލާމަތްކޮށްދިނީމަ، އެ ކޮންމެ ރައްޔިތަކު، އެ ރައްޔިތެއްގެ ދިރިއުޅުން ވަރަށްބޮޑު ތަނުން އެބަ އުޖާލާވެގެންދޭ. އަދި ހަމަ އެއާއެކީގައި، އެ ބޭފުޅަކަށް، ނޫނީ ޒުވާނަކަށް ވަޒީފާ އަދާކުރުމާއި އަދި އިޤްތިޞާދީ ގޮތުންނާއި، އެކި ގޮތްގޮތުން ޤައުމަށް ޚިދުމަތްތަކެއް ކުރުމާއި، މި ހުރިހާ ކަމެއްގައި އުޅުމުގެ ފުރުޞަތުވެސް އެބަ އިތުރުވެގެންދޭ.
އެހެން ނޫނީވިއްޔާ، ރާއްޖޭގެ އާބާދީގެ މީހުން މަރުވާ ޢަދަދަށް ބަލާއިރުގައި ނެޗްރަލް، ނޫނީވިއްޔާ މި ޢާންމުކޮށް މަރުވާ މަރުވުމުގެ އިތުރުން، ބަލިބަލިން މަރުވާ މީހުންގެ ޢަދަދުގެވެސް ހަމަ 80 އިންސައްތައަށްވުރެ ގިނަ މީހުންނަކީ، ސިނގިރޭޓުގެ، ނޫނީވިއްޔާ ދުންފަތުގެ އިސްތިޢުމާލުގެ ސަބަބުން އެ އުފެދޭ ބަލިތަކާ ގުޅިފައިވާ މީހުން ކަމަށް ދިރާސާތައް ދައްކާ ކަމަށް ހެލްތް މިނިސްޓްރީން މި ހައްދަވާ ދިރާސާތަކުން މި ފެންނަނީ. އަދި އޭގެތެރެއިންވެސް ޒުވާނުން ވަރަށްގިނަ އިނގޭތޯ. ޒުވާނުން ވަރަށްގިނަ. އަދި 18 އަހަރު ހަމަ ފުރޭ ތަނުން އެކަމުގެ ތެރެއަށް ވަދެގެންދާ ދިޔުންވެސް ގިނަ.
ޕްރެޒެންޓަރ:
އެއަށްވުރެ ކުރިންވެސް ދޮގެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ސްކޫލްތެރޭގައިވެސް ހަމަ އެކަން ކުރޭ އިނގޭތޯ. އެހެންވީމާ، އެކަމުން ދުރުކުރުމަށް އެޅިގެންދާ ވަރަށްބޮޑު ބާރަކަށްވޭ، މިގޮތަށް މަނާކުރުން.
ދެން ޕަބްލިކްގެވެސް، ޢާންމު ރައްޔިތުންގެވެސް މިކަމުގައި ޚިޔާލު ހުރިގޮތް ބަލަން އަޅުގަނޑުމެން ވާނީ މިދޭތެރެއިން އެންގޭޖް ކޮށްފައި. ސޯޝަލް މީޑިއާގައި، އަޅުގަނޑު ޕޯލްއެއް ހެދިން. އަދި އެހެން ފަރާތްތަކުންވެސް، ރައްޔިތުންގެ ޚިޔާލު ހުރިގޮތް ބަލަމުންދިޔަ.
އަޅުގަނޑަށް ގަބޫލުކުރެވެނީ، އިރާދަކުރެއްވިއްޔާ ޒުވާނުން ބަލައިގަންނާނޭ މި ކަންތައް އިނގޭތޯ. މައިންބަފައިންވެސް ބަލައިގަންނާނޭ. މި ޤާނޫނު ތަޞްދީޤު ކުރެވިގެންދާއިރު، މިހާރު މަޖިލީހަށް ބިލެއް ފޮނުވަން މަސައްކަތް ފަށާފައި އެވަނީ. އިރާދަކުރެއްވިއްޔާ، އެ ބިލު ފޮނުވި، މި މަސް ނިމެންވާއިރަށް އަޅުގަނޑު އުންމީދު ކުރަން، މަޖިލިސް ތެރެއިން ފާސްވާނެ ކަމަށް.
ޕްރެޒެންޓަރ:
ކެބިނެޓުން މިހާރު އެ ނިންމެވީ މަޖިލީހަށް ހުށަހަޅަން ދޮގެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ކެބިނެޓުން މި ނިންމެވީ، 2007 ޖަނަވަރީ 1 ން ފެށިގެން އުފަންވި އަދި އުފަންވާނެ އެންމެންގެ މައްޗަށް، މި ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާކުރުމަށް ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށް މަޖިލީހަށް ފޮނުވުމަށާއި އަދި އެކަމާ ގުޅިގެން ސަރުކާރުގެ ތަންފީޛީ އިދާރާތަކުން ކުރަންޖެހޭ ކަންކަމަށް ތައްޔާރުވުމަށް. ދެން އެ ތަންފީޛު ކުރަން ފަށާ ތާރީޚަކީ، މި އަހަރުގެ ނޮވެންބަރު 1.
ޕްރެޒެންޓަރ:
އެހެންވީމާ، އޭގެކުރީގައި މަޖިލީހުން އެ ޤާނޫނު ފާސްވެގެން، މަނިކުފާނު ތަޞްދީޤު ކުރައްވާނެ، އެހެން ނޫންތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ! ދެން އަޅުގަނޑުގެ ވިސްނުމަކީ މަޖިލީހުން މި މަސް ނިމެންވާއިރަށް ފާސްކޮށްދެއްވައިފިއްޔާ، އެބަ ލިބޭ ގާތްގަނޑަކަށް 6 މަސްދުވަސް، މި ޤާނޫނު ތަންފީޛުވާން ފެށުމާ ހަމަޔަށް. އެއީ، މިހާރު 18 އަހަރު ފުރިފައި ތިބި ކުދިންގެ ތެރެއިން ދުންފަތުގެ އިސްތިޢުމާލު ކުރަން ފަށާފައި ތިބި ކުދިންނަށްވެސް އެއިން ނުކުންނަން އެބަ ލިބޭ 6 މަސް ދުވަސް އިނގޭތޯ. އެއީ، ހަމަ އެކަށީގެންވާ މުއްދަތެއް. ދިރާސާތަކުން ދައްކާ، 3 މަސް ދުވަހުގެ ތެރޭގައި ހަމަ ވަރަށް އިފެކްޓިވް ވާނެ ކަމަށް. އަދި ޓޮބޭކޯ ސިސޭޝަން ނަތީޖާ ރަނގަޅު ކަމަށް. އެހެންވީމާ، މި މަހުގެ ނިޔަލަށް ފާސްވެއްޖިއްޔާ، ތަޞްދީޤު ކުރާ ހިސާބުން 6 މަސް ދުވަސް އިރާދަކުރެއްވިއްޔާ ލިބޭނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅު ކަމަކަށް ވާނެ ކަމަށް ބަލަން.
އޭގެއިތުރަށްވެސް، ދެން ޖުމްލަކޮށް ރައްޔިތުން ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ މި ނުބައި އާދައިން ދުރަށްދިޔުމަކީ، އަޅުގަނޑު ހަމަ ވަރަށް އުންމީދުކުރާ ކަމެއް، މި ކުޑަކުޑަ މުޖުތަމަޢުގައި. 5 ލައްކައެއްހާ މީހުންވެސް ހަމަނުވާ މުޖުތަމަޢެއް. އަޅުގަނޑުމެން ހަމަ އެންމެން މަސައްކަތެއް ކޮށްލައިފިއްޔާ، މި އާދައިން މި މުޖުތަމަޢު އިރާދަކުރެއްވިއްޔާ ދުރުކުރެވޭނެ.
ޕްރެޒެންޓަރ:
އާދެ! ދެން މި ވާހަކައިގެ ތެރޭގައި ހަމަ ދެންމެ ރައީސް ވިދާޅުވިހެން، ރައްޔިތުންގެ ޚިޔާލު ހޯދުމަށް، މަނިކުފާނު ޕޯލްއެއް ސޯޝަލް މީޑިއާގައި ދޫކޮށްލެއްވި. ބައެއް ނޫސްތަކުގައި ހުރި އެ ވާހަކަ ވަރަށް ބޮޑަށް ފާހަގަވެސް ކޮށްފައި. ރައީސުލްޖުމްހޫރިއްޔާއަކު އަދި ފުރަތަމަ ފަހަރަށް ކުރެއްވި ކަމެކޭ މިއީ.
ދެން އޭގައި ތިން އަހަރެއް، ނުވަތަ ތިން ޢުމުރުފުރައެއް ހުށަހަޅުއްވާފައި އޮތީ. ކެބިނެޓުން މި ނިންމެވީ، އޭގެތެރެއިން ގިނަ ރައްޔިތުންގެ ޚިޔާލު ހުރި ގޮތަކަށް ނޫން. އޭގައި ދެން ބައެއް މީހުން އެބަ ސުވާލު އުފައްދާ، ކޮބައިބާވައޭ މިވީގޮތަކީ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ! ސުވާލު އުފެދޭނެ ގޮތަކަށް ތި ދިޔައީ އިނގޭތޯ.
2000 ވަނަ އަހަރުން ފެށިގެން އުފަންވެފައި ތިބި އެންމެންނަށް މަނާކުރަން، ގިނަ ރައްޔިތުންގެ ތާއީދުވެސް، ދިރާސާތަކުން ނޫނީ ޕޯލްގައި ދެއްކީ.
ޕްރެޒެންޓަރ:
ޕޯލްގައި ދެއްކީ ދޮގެއްތޯ؟ 51 ޕަރސެންޓް ކަންނޭނގެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ! ދެން އަޅުގަނޑު މި ވިސްނީ، ދެވަނައަށް ދެން އެންމެ ގިނައީ 2007 އިނގޭތޯ. ދެން އަޅުގަނޑު ވިސްނިގޮތުގައި، މިއުޅެނީ ރައްޔިތުންގެ މައްޗަށް ކަމެއް މަޖުބޫރު ކުރަން އިނގޭތޯ. މަޖުބޫރު ކުރަން އުޅޭއިރުގައި، އެ ރައްޔިތުންނަށްވެސް ފަސޭހައިން ބަލައިގަނެވޭނެ ގޮތަކަށް ޕްރެކްޓިކަލީ، ނޫނީވިއްޔާ ޢަމަލީގޮތުން މެދުމިނުގެ ސިޔާސަތެއް އިނގޭތޯ.
މިސާލަކަށް، އަޅުގަނޑުމެން ޚިޔާރުކުރީ 2000 ވަނަ އަހަރު ކަމަށް. އެންމެ ގިނަ މީހުން ވޯޓުދިންގޮތް އެއީ. އެގޮތަށް ނިންމިނަމަ، ވާނެގޮތަކީ، ރައްޔިތުންގެ ތެރެއިން ގިނަ މީހުން ތާއީދުކުރި ގޮތަށް އަޅުގަނޑު އިޙްތިރާމް ނުކުރީކީ ނޫން އިނގޭތޯ. އަޅުގަނޑު ވަރަށް އިޙްތިރާމް ކުރަން. އެތައްހާސް ރައްޔިތުންނެއް މި ޕޯލްގައި ބައިވެރިވީމަވެސް ވަރަށް އުފާވި. އަޅުގަނޑު ދެން މި ވިސްނީ، ހުރިހާ އޭންގަލަކުން ވިސްނަންޖެހޭތީ. ވިސްނިއިރުގައި، ޒުވާނުންނަށް، މިކަމުގެ ތެރޭގައި މިހާރު ތިބި ޒުވާނުންނަށް މީގައި ނުކުންނަންވެސް ފަސޭހަވާނެ ގޮތެއް ހަދަން ބޭނުން. އަދި މައިންބަފައިންނަށްވެސް އެކަމުގައި އެ ޒުވާނުން އެކަމުން ދުރުކުރަން ފުރުޞަތުވެސް ދޭން ބޭނުން. އަޅުގަނޑު ބޭނުމީ، މިކަމުގައި ރަނގަޅު ނަތީޖާއެއް ނުކުންނަން. އަޅުގަނޑުމެން މިކަމުގައި ޤާނޫނު ހަދައިގެން ތަންފީޛު ކުރަން އުޅެގެން، މަޖުބޫރު ކަމެއްގެ ތެރެއިން މިކަން ކުރުވަން އުޅޭއިރުގައި، ނަތީޖާ ރަނގަޅު ނުވެއްޖިއްޔާ، ރަނގަޅެއް ނުވާނެ ނޫންތޯ؟ ކުރަން އުޅޭ ކަމެއް ހާސިލެއްނުވެއޭ. އަޅުގަނޑުގެ މަޤްޞަދަކީ، ރާއްޖޭގެ ރައްޔިތުން ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުކުރުވުން. އެންމެންވެސް. ވަކި ޢުމުރެއް ނޫން. އެންމެންވެސް ދުރުކުރުވުން. އެކަމަކު މި ނަތީޖާއާ ހަމަޔަށް ދާން ބޭނުންވާ ކަމަށްވަންޏާ، އެކަން އެންމެ ބޮޑަށް ހާސިލުވެވޭނެ ގޮތަކަށް އަޅުގަނޑަށް ފެނުނީ، ދެވަނައަށް އެންމެ ގިނަ މީހުން މި ވޯޓުދިން ޢުމުރަށް ދާން. އަދި އަޅުގަނޑުވެސް ޒުވާން ބައެއް ކުދިންނާ، 18 އަހަރު ވެފައި ތިބި، ގާތްގަނޑަކަށް 18 އަހަރު، 19 އަހަރު ކުދިން ގާތުގައިވެސް އަހާލިން. ހަމަ ގިނަ ކުދިން، އަދި 20 އަހަރު، އެހިސާބު ކުދިން ގާތުގައިވެސް އަހާލިން. ދެން ގޮސް ގާތްގަނޑަކަށް ހަމަ 18 އާއި 25 އާ ދޭތެރޭގެ ވަރަށްގިނަ ކުދިންނާ ރެންޑަމްލީ ހަމަ ޑައިރެކްޓްލީވެސް އަޅުގަނޑު ވާހަކަ ދައްކާލިން.
ދެން އަޅުގަނޑަށް ހަމަ ގަބޫލުކުރެވުނީ، ދެވަނައަށް އެންމެ ގިނަ ވޯޓުދިން ގޮތޭ، މިކަމުގައި ރަނގަޅު ނަތީޖާ ނެރެންޏާ އެންމެ ރަނގަޅު ގޮތަކީ.
ޕްރެޒެންޓަރ:
އަޅުގަނޑު ހިތުން ފެށުމަކަށް ވަރަށް ރަނގަޅުކަންނޭނގެ ދޮގެއްތޯ؟
އަޅުގަނޑުމެންގެ މިއަދުގެ ޕޮޑްކާސްޓަށް އަޅުގަނޑުމެން ދައްކާލަން އޮތީ ރާއްޖޭގެ މަސްވެރިކަމުގެ ވާހަކަ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ!
ޕްރެޒެންޓަރ:
ދެން މަސްވެރިކަމުގެ ވާހަކަ ދައްކާއިރުގައި، އަޅުގަނޑު ހިތުން އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރާނެ، އަޅުގަނޑުމެން ދިވެހީން، ދިވެހީންގެ ގޮތުގައި މިހާހިސާބަށް މިއައީ، މަސްވެރިކަމުގެ ސަބަބުން. 1970ގެ އަހަރުތަކުގެ ކުރީކޮޅު، 1972 ގައޭ އަޅުގަނޑު ހަނދާންވަނީ. ރާއްޖޭގައި ފަތުރުވެރިކަން ތަޢާރުފްވީމާ، ދެން ރާއްޖޭގެ އިޤްތިޞާދުގައި ފަތުރުވެރިކަން ކުޅޭ ދައުރު ވަރަށްބޮޑުވެފައި މިއޮތީ. އެހެންނަމަވެސް، މިއަދުވެސް ފަތުރުވެރިކަންވެސް، އޭގެ ޒާތުގައި ދެމެހެއްޓުމަށްޓަކައި މަސްވެރިކަން ވަރަށް މުހިންމު.
އެހެންވީމާ، ރާއްޖޭގެ ތާރީޚުން އެންމެ ގިނަ ދުވަސްވީ، އެންމެ ގިނަ ބަޔަކު ރާއްޖޭގައި ކުރާ މަސައްކަތަކަށް މަސްވެރިކަން ވާހިނދުގައިވެސް، އަޅުގަނޑުމެން ރަނގަޅަށް މިހެން ވިސްނާލާއިރު، އަޅުގަނޑު ހިތަށްއަރަނީ، މަސްކޮޅު ހަމަ ބާނައިގެން، އެ ރޯމަސްކޮޅު ކޮންމެވެސް ގޮތެއް ހަދައިގެން އެ ވިއްކާލުން، ގަނޑުކޮށްގެން، ފިނިކޮށްގެން، އައިސްކޮށްގެން ނަމަވެސް ވިއްކާލުން ފިޔަވައި، މަސްވެރިކަމުގެ ޞިނާޢަތުގެ މާބޮޑު އެހެން އުފެއްދުންތަކަކަށެއް މަގު ހުޅުވިފައެއް އަދި ނެތޭ އެހާ ބޮޑަކަށެއް. މިކަން މިގޮތުގައި ދެން ހަމަ މިހެން އޮންނާނީތޯ؟ ހަމަ އަނެއްކާވެސް އެތައް އަހަރުތަކެއް ވަންދެން ހަމަ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އޮވެގެން ނުވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ އިނގޭތޯ. ރާއްޖޭގެ ލޭނާރު ގޮތުގައި، އިޤްތިޞާދީ ލޭނާރު ގޮތުގައި، އަޅުގަނޑު ގަބޫލުކުރަނީ އަދި ހަމަ ގިނަ ރައްޔިތުންވެސް ގަބޫލުކުރާނީ މަސްވެރިކަން ކަމަށް. މަސްވެރިކަން ދިރުވައި އާލާކޮށް ފުޅާކުރުމަކީ އެއީ، އަޅުގަނޑުގެ ސިޔާސަތު. އަދި އަޅުގަނޑު މެނިފެސްޓޯގައިވެސް ހިމަނާފައި އޮތް ވަރަށް ވަރަށް ވަރަށް ބޮޑު އިސްކަމެއް ދީފައި އޮތް ކަމެއް އެއީ. މަސްވެރިކަމުގެ އިންޑަސްޓްރީ ފުޅާކުރުން.
އަޅުގަނޑުމެންނާ ހަވާލުވިއިރުގައި، މަސްވެރިކަމުގެ ޞިނާޢަތު އޮތީ އެކި ސަބަބުތަކާ ހެދި ވަރަށް ބޮޑަށް ވަޅުޖެހިފައި އިނގޭތޯ. މަސްވެރިން ބާނާ މަހަށް ފައިސާ ނުދެވޭ. އަޅުގަނޑު ހަނދާންވަނީ، 250 މިލިއަނަށްވުރެ ގިނަ ރުފިޔާ، މަސްވެރިން ބާނާ މަހަށް މިފްކޯއިން ނުދެވިހުރި ކަމަށް.
އަޅުގަނޑު ވަޢުދުވިން 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދެވޭގޮތަށް ކަންތައްތައް އިންތިޒާމު ކުރާނަމޭ. އެކަން އިރާދަކުރެއްވީތީ އަޅުގަނޑުމެންނަށް ހާސިލުވި، ޑިސެންބަރު 10، މިދިޔަ މަސްވެރިންގެ ދުވަސް އައިއިރަށް.
ދެން އޭގެކުރިން އެދިޔަ އަހަރެއްހާ ދުވަސް ހަމަ އަޅުގަނޑުމެން އެ އަރައިގަންނަން ޖެހުނު ވަޅުގަނޑު ބޮޑުކަމުން އަރައިގަތުމަށްޓަކައި ހޭދަވި. އެހެންނަމަވެސް، އެ ދުވަހާ ހަމަޔަށް އައިއިރުގައި، ކުރިން މި ދެންނެވި 250 މިލިއަނާއި އަދި އެދިޔަ އަހަރު ދުވަހުގެ ތެރޭގައި ދައްކަންޖެހުނު ބިލިއަނެއްހާ ރުފިޔާވެސް. 1000 މިލިއަނަށްވުރެ ގިނަ ރުފިޔާ. ތެޔޮ ސަބްސިޑީއާ އެކީގައި އަގުޖެހޭވަރު ދިނިން އިނގޭތޯ. އެކަމަކު ލަސްތަކެއްވި ފައިސާ ދިނުމުގައި. ދެން އެކަމަކުވެސް މިހާރު އެ ހެދުނު އެރޭންޖްމަންޓްގެ ތެރެއިން، ބޭންކް އޮފް މޯލްޑިވްސްއާ އެކީގައި، އަދި މިފްކޯއާއި ފިނޭންސް މިނިސްޓްރީއާ އެކީގައި މި ހެދުނު އެގްރީމަންޓާ އެކީގައި، އެ ދުވަހުން ފެށިގެން، ޑިސެންބަރު 10ން ފެށިގެން މިއަދާ ހަމަޔަށް އައިއިރުގައި، އެންމެ ދުވަހެއްވެސް ވައްޓާނުލެވި މި އަންނަނީ ހަމަ އިރާދަކުރެއްވީތީ ފައިސާ ދެވެމުން އިނގޭތޯ. މިއަދާ ހަމަޔަށް އައިއިރުގައި، 470 މިލިއަނެއްހާ ރުފިޔާ ހަމަ ބަރާބަރަށް، ދުވަހުން ދުވަހަށް ފައިސާ ދެމުން ގޮސް މަސްވެރިންނަށް އަޅުގަނޑުމެންނަށް ދެވިއްޖެ އިނގޭތޯ. އެކަމުގެ ވަރަށް ރަނގަޅު ނަތީޖާވެސް އެބަ ފެނޭ. ކުރީގައި މަސްވެރިކަމުން ފައިސާ ނުލިބޭތީ، ދޯނިން ފޭބި އެތައް ބަޔަކު. ޚާއްޞަކޮށް، ޒުވާނުން. އަނބުރާ ހިނގައްޖެ. އެހެން މަސައްކަތްތައް ފަށާފައި، އޮފީސްތަކަށް، ޢާންމުކޮށް މި ހުންނަ ކަހަލަ ވަޒީފާތަކަށް ދާން ފެށި ބައެއް ޒުވާނުން މިހާރު އަނބުރާ އެބަދޭ އިނގޭތޯ. އެއީ، އަޅުގަނޑު ބޭނުންވިގޮތް. ދޯނިތަކުގައި މިހާރު އެބަ ގެންގުޅޭ ވަރަށް ގިނައިން ބޭރު މީހުން. އެ ބޭރު މީހުން ފައިބާފައި، ނޫނީ ބާލާފައި، ދިވެހިން އަނބުރާ ދޯންޏަށް ދާން އަޅުގަނޑު ބޭނުންވަނީ. އެކަން ކޮންވިންސް ވެގެން، ނޫނީވިއްޔާ އަމިއްލައަށް ގަބޫލުކުރެވޭ ގޮތްވީމަތާ ދާނީ. އެހެންވީމާ، މިހާރު އެބަ ގަބޫލުކުރެވޭ، އަޅުގަނޑު ވަޢުދުވީ ގޮތަށް، ސަރުކާރުން މި ތަޢާރުފްކުރި ނިޒާމުގެ ތެރެއިން ބަރާބަރަށް ފައިސާ އެބަ ލިބޭ ކަމަށް. ފައިސާ ލިބެންޏާ އަނބުރާ ދާނެ. އިރާދަކުރެއްވީތީ އެބަދޭ. އެކަން އެގޮތުގައި ކުރިއަށްވެސް ގެންދާނަން، ކުރިއަށް މި އޮތް ދުވަސްތަކުގައިވެސް މެދުނުކެނޑި. މެދުނުކެނޑިއޭ މި ދަންނަވަނީ، ރަމަޟާން މަހުގެ ފަހުދިހައަށް ބަންދުވީއިރުވެސް ބަރާބަރަށް ފައިސާ ދިނިން އިނގޭތޯ. އިރާދަކުރެއްވިއްޔާ، ހަމަ އެގޮތަށް ކުރިއަށްދާނެއޭ.
ދެން އެންމެބޮޑު އަނެއް މައްސަލައަކީ، އައިސް ހޯދުމުގެ މައްސަލަ. އައިސް ހޯދުމާއި، ތެޔޮ ހޯދުން. މިކަންކަމަށްވެސް އިރާދަކުރެއްވީތީ ވަރަށްބޮޑު ޙައްލުތަކެއް ގެންނަމުން މިދަނީ، މަސްވެރިންގެ އަޑުއަހައިގެން އިނގޭތޯ.
އަޅުގަނޑުވެސް ބައްދަލުކުރަން. ރައީސް އޮފީހުގައިވެސް އަޅުގަނޑު ބައްދަލުކުރިން، ކެޔޮޅުންގެ ޓީމަކާ. އެ ބޭފުޅުން ވަޑައިގެން، ބޭނުންވި ހުރިހާ ކަމެއް ޙިއްޞާ ކުރެއްވި. އަދި މިހާރު އަޅުގަނޑު ބަރާބަރަށް ސީދާ ގުޅުންވެސް އެބަ ބާއްވަން އެ ބޭފުޅުންނާ އިނގޭތޯ. އަޅުގަނޑާ އެ ބޭފުޅުންނާ ޑައިރެކްޓްލީ އަޅުގަނޑާ ވާހަކަ ދެއްކޭނެ މިހާރު އިނގޭތޯ. އެ ބޭފުޅުން މެސެޖް ކުރެއްވިޔަސް، ކޮންމެ ދުވަހަކުހެން އަޅުގަނޑު އެބަ ޖަވާބުދެން އިނގޭތޯ. މަސްވެރިންނާ ގާތުން މަސައްކަތް ކުރުން އަޅުގަނޑަށް ވަރަށް މުހިންމު. މަސްވެރިކަމާބެހޭ ވުޒާރާއިންވެސް އެދަނީ ވަރަށް ގާތުން މަސައްކަތް ކުރަމުން.
އެހެންވީމާ، މަސްވެރިންނަށް ބޭނުންވާ ކަންކަން ޙައްލުކޮށްދިނުމުގައި، އެއީ، ޢުމްރާނީ ތަރައްޤީގެ ގޮތުން ކަމުގައިވިޔަސް، އަދި ވަސީލަތް ޤާއިމުކުރުމުގެ ގޮތުންވިޔަސް އިރާދަކުރެއްވީތީ މިގެންދަނީ ވަރަށްގިނަ ކަންކަން ކުރަމުންނޭ. އައިސް ހޯދައިދިނުމުގައި އަދި ތެޔޮ ލިބޭގޮތްވުން ކަމުގައިވިޔަސް. މިސާލަކަށް، އަޅުގަނޑުވީ އެއް ވަޢުދު، އެސް.ޓީ.އޯ. ރޭޓުގައި ކޮންމެ އަތޮޅެއްގައި އެސް.ޓީ.އޯ.ގެ ތެޔޮ ލިބޭ ނިޒާމު ޤާއިމުކުރާނަމޭ. އެސް.ޓީ.އޯ.އާ އެ ޕްރޮޖެކްޓް ހަވާލުކުރެވިގެން މިހާރު އެ މަސައްކަތް ބާރަށް އެބަދޭ. އަޅުގަނޑު ހަމަ ވަޢުދުވީ ގޮތަށް، ކޮންމެ އަތޮޅެއްގައި، އަޅުގަނޑުމެން ކަނޑައެޅި ރަށުގައި، މި އަހަރު ނިމޭއިރަށް، އެސް.ޓީ.އޯ.ގެ ފިއުލް ސްކިޑް އިރާދަކުރެއްވިއްޔާ ޤާއިމުވާނެ. ޤާއިމުވީމާ އެސް.ޓީ.އޯ. ރޭޓުގައި، އިރާދަކުރެއްވިއްޔާ އެ އަތޮޅުން ތެޔޮ ލިބޭނެ އިނގޭތޯ. ދެން އެ ކޮމްޕެޓެޓިވް މާކެޓެއްވީމާ، ދެން އަގުބޮޑުކޮށް ވިއްކާ ފަރާތްތަކަށް މަޖުބޫރު ވެގެންދާނެ އަގު ކުޑަކުރަންވެސް.
ދެން އައިސް ހޯދުމުގެ ކަންތަކުގައިވެސް ވަރަށްގިނަ މަސައްކަތް މި ކުރެވެނީ. ފަސޭހައިން އައިސް ލިބޭގޮތް ހަދަން. އާރު.އެސް.ޑަބްލިޔޫ. މި ކިޔާ ނިޒާމު، ދޯނީގައި ޤާއިމުކުރުމަށްވެސް ސަރުކާރުން ލޯނު ލިބޭގޮތްވެސް، ލޯނުވެސް ދޫކުރަން ފަށައިފިން. އަދި ރަށްރަށުގައި، އައިސް ޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތްވެސް އެބަ ހިނގާ. އެހެންގޮސް ވަރަށްގިނަ ކަންތައް އެބަ ކުރަން.
ޕްރެޒެންޓަރ:
އާދެ، ކުރިންވެސް މަނިކުފާނުގެ ވާހަކަފުޅުގައިވެސް ތިޔަ ފާހަގަކުރެއްވިހެން، އަޅުގަނޑުވެސް ހިތަށްއަރަނީ، މި މަސްވެރިކަމުގެ ނަފާ، އޭގެ އެންމެ ރަނގަޅު ގޮތުގައި ހޯދުމަށް ހުރި ގޮންޖެހުންތަކެއް އަޅުގަނޑުމެންގެ ތެރޭގައި އަދިވެސް އެބަހުރިކަންނޭނގެއޭ. އެއީ، މިހެން މި ދެންނެވީ، މިސާލަކަށް، އަބަދުވެސް ދޭތެރެ ދޭތެރެއިން މިހެން ހަމަ އެކިއެކި ވަސީލަތްތަކުން ލިބޭ ޚަބަރުތަކަށް ބަލާއިރު، މިފްކޯ އޮންނަނީ ދަރަނިވެރިވެފައި. މިފްކޯ ދަރަނިވެރިވާން ޖެހޭނީ، މިފްކޯއަށް ގަންނަ މަހަށް އެކަށީގެންވާ ނަފާއެއް ނުލިބޭތީތާ، އެހެން ނޫންތޯ. ދެން ބައެއްފަހަރު ވާގޮތަކީ، ކޮންމެވެސް ސަބަބަކާހުރެ، މިފްކޯއަށް ގަނެވެން އޮންނަވަރަށްވުރެ ބޮޑު އަގުގައި މަސް ގަންނަންވެސް ގަންނަނީ. އެހެންވަންޏާ، އޭގެ މާނައަކީ މިފްކޯއަށް އެ ލިބެނީ ގެއްލުމޭ.
ދެން އަޅުގަނޑުމެން ކުޑައިރުކަންނޭނގެ، ފެލިވަރުގައި ކޭނިންގ ފެކްޓްރީއެއް ހަދާފައި ހުރީ. މި ދެންނެވީ، ރާއްޖޭގެ 99 އިންސައްތައަކީ ކަނޑޭ. ކަނޑުން އަޅުގަނޑުމެންނަށް ލިބޭ ކަޅުބިލަމަސްކޮޅުވެސް ހަމަ ބާނައިގެން ގަނޑުކޮށްފައި ހަމަ ހުރިގޮތަށް ވިއްކާލަންވީހެއްޔޭ. ދަޅުގައި ބަންދުކުރުމާއި އަދި އޭގެ އެހެން އުފެއްދުންތައް ތައްޔާރުކުރުމާ ދޮގެއްތޯ؟ އަޅުގަނޑު ހިތަށްއަރަނީ، މި ފުޅާކުރުމުގެ ވިސްނުންފުޅު، މަނިކުފާނުގެ ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި އެބަހުއްޓޭ. އޭގައި ކޮބައިބާވައޭ އެ ކަންތައްތަކަކީ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ވަރަށް ވަރަށް ބޮޑަށް އިސްކަންދެން، ވެލިއުއެޑް ކުރުމަށް އިނގޭތޯ. އެ އަގު އެއަށް އިތުރުކުރުމަށްޓަކައި ކުރެވޭނެ ކަންތައްތަކަށް. މިސާލަކަށް ދަންނަވަންޏާ، ކަޅުބިލަމަސް ރައްކާކުރެވޭ ކެޕޭސިޓީ މިވަގުތު ހުރީ ގާތްގަނޑަކަށް 9000 ޓަނު، 9500 ޓަނު.
އަޅުގަނޑުމެން މިހާރު މި ފަށާފައި ހުރި މަޝްރޫޢުތައް މި ފަސް އަހަރު، ބާކީ މިއޮތް ހަތަރުވަރަކަށް އަހަރު، ތިން އަހަރާއި ބައިގެ ތެރޭގައި، މިހާރު އެދާ ސްޕީޑްގައި ގޮސް، މި ޢަދަދު 25000 ޓަނާ ހަމަޔަށް އިރާދަކުރެއްވިއްޔާ އިތުރުކުރެވޭނެ އިނގޭތޯ. އަޅުގަނޑު ވަޢުދުވެފައި އޮންނާނީ ދެގުނަކުރަން. ދެގުނައަށްވުރެ ތަންކޮޅެއް ބޮޑުވާނެ، އެ ޢަދަދަށް ދިޔައިމަ އިނގޭތޯ. އެ މަޝްރޫޢުގެ ސަބަބުންވެސް ވަރަށްބޮޑު ތަނަކުން އަޅުގަނޑުމެންނަށް ދެންމެ ތިޔަ ވިދާޅުވި މައްސަލަ ޙައްލުވެގެން އެބަދޭ.
ޕްރޮސެސިންގ ކެޕޭސިޓީ މިވަގުތު ހުރީ 115 ޓަނު. އެހެންނަމަވެސް، މިހާރު ކުރިއަށް ގެންދެވޭ މަޝްރޫޢުތަކުގެ ތެރެއިން މި ޢަދަދު ގާތްގަނޑަކަށް ތިންގުނަވާނެ. 365 ޓަނާ ހަމަޔަށް އިތުރުކުރެވިގެންދާނެ. މިއީ އިރާދަކުރެއްވީތީ، ހަމަޖެހިފައި ހުރި، ނޫނީވިއްޔާ އެއްވެސްކަހަލަ ކަންބޮޑުވުމެއްނެތި އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވޭނެ މަޝްރޫޢުތަކުގެ ގޮތުގައި މިހާރު ހުރި މަޝްރޫޢުތައް.
މިސާލެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކޮށްލާނަން. އައިސް ޕްލާންޓްތަކަށް ބަލާއިރުގައިވެސް، މިވަގުތު ހުރި އައިސް ޕްލާންޓްތަކުގެ ކެޕޭސިޓީއަށްވެސް، މި ފަސް އަހަރު ތެރޭގައި، މި ދައުރު ތެރޭގައި އަޅުގަނޑުމެން މިހާރު މި ފަށާފައި ހުރި މަސައްކަތުން 600 އަށްވުރެ ގިނަ ޓަނުގެ ކެޕޭސިޓީ އިތުރުކުރެވިގެންދާނެ އިނގޭތޯ.
ބައެއް ސްޕެސިފިކް މަޝްރޫޢުތަކަށް އަޅުގަނޑު ބަލައިލާއިރު، ތިނަދޫގައި ފަށާފައި ހުރި ކޯލްޑް ސްޓޯރޭޖް ޕްރޮޖެކްޓް، މި އަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ ނިންމާނަން އިނގޭތޯ. އެއީ، ވަރަށްބޮޑު، ވަރަށްބޮޑު މަޝްރޫޢެއް. އަދި ހަމަ އެއާއެކީގައި، ފެލިވަރުގައި އެބަ ހިނގާ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖް ޕްރޮޖެކްޓެއް. އެ ޕްރޮޖެކްޓް އެއީ، އިންޑިއާގެ ލޯނުގެ ދަށުން ހިނގާ މަޝްރޫޢެއް. އެ މަޝްރޫޢުވެސް މިހާރު އެދަނީ ވަރަށް ބާރު ސްޕީޑްގައި. އަޅުގަނޑުމެންނަށް ޔަޤީންކަން އެބައޮތް، މި އަހަރު ތެރޭގައި މި ބަލަނީ އަހަރުގެ މެދުތެރެއަށް ނިންމާލެވޭތޯ އިނގޭތޯ. އަހަރުގެ މެދުތެރެއަށް ނިންމާލެވޭތޯ. ގައިމުވެސް މި އަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ އެ މަޝްރޫޢުވެސް ނިމޭނެ.
އޭގެއިތުރަށް ހަމަ އިތުރު އެހެން ބައެއް ރަށްރަށުގައިވެސް، ގދ. ފިޔޯރީގައި 3000 ޓަނުގެ މަޝްރޫޢެއް އަޅުގަނޑުމެން ފަށައިފިން. ބޭރުގެ ފަންޑިންގއަކުން. ފ. އަތޮޅު ނިލަންދޫގައި 1500 ޓަނުގެ މަޝްރޫޢެއް. އެއީ، ޕްރޮސެސިންގއާވެސް އެކީގައި.
އަޅުގަނޑު ރިޔާސީ ބަޔާނުގައި ވާނީ މި ހުރިހާ މަޝްރޫޢުތަކެއްވެސް ބަޔާންކޮށްފައި އިނގޭތޯ. ހުރިހާ މަޝްރޫޢުތަކެއް ކުރިއަށްދާނެގޮތް. އެ އިޢުލާނުކުރި ގޮތަށް، އެ މަޝްރޫޢުތައް ހަމަ ކުރިއަށްދާނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި، މި ދެންނެވި ރަށްރަށުގެ ރައްޔިތުންނަށް ފެނިވަޑައިގަންނަވާނެ، މި ދެންނެވި ގޮތަށް ދާތަން.
ޕްރެޒެންޓަރ:
ވަރަށް ގިނަ މަޝްރޫޢު ފެށިއްޖެވެސްމެ ދޮގެއްތޯ މިހާރު؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ފެށިއްޖެވެސްމެ. މުލަކުގައި ފެށިފައި އޮތް 500 ޓަނުގެ މަޝްރޫޢާއި، ކޫއްޑޫގައިވެސް އެބަ ކުރިއަށްދޭ، މަސްފިނިކޮށް ރައްކާކުރާ 4000 ޓަނުގެ މަޝްރޫޢެއް. މި މަޝްރޫޢުތައްވެސް އިރާދަކުރެއްވިއްޔާ ހަމަ ގޮސް ނިންމާލެވޭނެ އިނގޭތޯ.
ދެން އަޅުގަނޑު އިހަވަންދުއަށް ދިޔަ ދަތުރުގައި، އިހަވަންދޫގައިވެސް 2000 ޓަނުގެ ޕްރޮސެސިންގ ޕްލާންޓަކާއި، ކޯލްޑް ސްޓޯރޭޖް ހިމެނޭ މަޝްރޫޢެއްގެ ބިންގާއެޅިން. އެހެންވީމާ، މިހެންގޮސް ވަރަށް ގިނަ މަޝްރޫޢުތައް މިހިރީ. އެހެންވީމާ، ކުރިއަށް މިއޮތް ދުވަސްތަކުގައި، އަޅުގަނޑުމެންނަށް ހަމަ ޔަޤީންކަން އެބައޮތް ގޮސް މި މަޝްރޫޢުތައް ނިންމާލެވޭނެ ކަމަށް.
ދެން އަދި އޭގެއިތުރަށް، ހުޅުމާލޭގައި ބޮޑުކަންނެލި ޕްރޮސެސް ކުރުމަށްޓަކައިވެސް އަޅުގަނޑުމެން ފެސިލިޓީއެއް ޤާއިމުކުރުމަށް މިހާރު ފައިނޭންސް ހަމަޖެހިފައި އެއޮތީ. ފައިނޭންސްގެ އިތުރަށް ބިންވެސް. 25000 އަކަފޫޓުގެ ބިމެއްވެސް ހަމަޖައްސައިފިން. އެހެންވީމާ، އެތާނގައި ބޮޑުކަންނެލި ފެކްޓްރީއެއް އިރާދަކުރެއްވިއްޔާ އެޅިގެންދާނެ.
އެހެންވީމާ، މި ހުރިހާ ކަމަކުން ވަރަށްބޮޑު ތަނުން އަޅުގަނޑުމެންގެ މި މަސް ޕްރޮސެސްކޮށް، ވެލިއުއެޑްކޮށް ބޭރުކުރުމަށް، މި ދައުރުގެ ތެރޭގައި ބާކީ މިއޮތް ދުވަސްތަކުގައި އަޅުގަނޑުމެންނަށް ކުރެވޭ މަސައްކަތުން އިރާދަކުރެއްވިއްޔާ އެތައް ގުނައަކުން ނަތީޖާ ލިބޭނެ އިނގޭތޯ.
ޕްރެޒެންޓަރ:
ދެންމެ މަނިކުފާނު ތިޔަ ފާހަގަކުރެއްވި ކަންތައްތަކުގެ ތެރެއިން އެއްކަމެއް އަޅުގަނޑު ކުޑަކޮށް މިންއަޅާލާނަން. ރެފްރިޖަރޭޓަޑް ސީ ވޯޓަރ. މިއީ އަޞްލުގައި މި މަސްވެރިންނަށް މި ވަސީލަތް ހަމަޖެހިގެން އައިމަ، ކޮންކަހަލަ ލުއިފަސޭހަތަކެއްތޯ އަންނާނީ؟ އަޅުގަނޑު ހިތަށްއަރަނީ، ވަރަށް ތަފާތުވާނެއޭ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އޭރުން މަސްވެރިންނަށް އެއްގަމަށް ނުގޮސް، އައިސް ލިބެނީ އަޞްލު. މަސްދޯނީގައި، އައިސް ޕްލާންޓް ބެހެއްޓޭނެ ގޮތްވެސް ހެދިދާނެތާ. އެއީ، އެންމެ ފަސޭހަ ކަމަކީ.
ޕްރެޒެންޓަރ:
ދިގު މުއްދަތަކަށް މަސްވެރިކަން ކުރާ ބަޔަކު ދޮގެއްތޯ، ކޮންމެ ފަހަރަކު ގަނޑުފެން ހޯދަން ނައިސް ވާނެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، އެއީ އަޞްލުގައި ފިއުޗަރއަކީވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި. އެކަމަކު ލޭންޑް ބޭސް، އެއްގަމުގައިވެސް ހުންނަންޖެހޭނެތީ އަޅުގަނޑުމެން ތިންގުނައަށް މި ކެޕޭސިޓީ ބޮޑުކުރަނީ. އިރާދަކުރެއްވީތީ އެކަން އެދަނީ މި ދެންނެވި ގޮތަށް ކުރިއަށް.
އަޅުގަނޑު ކުރިން ދެންނެވި ރަށްރަށުގެ އިތުރަށްވެސް، އެކި ފަންޑުތަކުން އިނގޭތޯ. އަޅުގަނޑުމެންނަށް މި މަޝްރޫޢުތައް މި ގެންދެވެނީ، އެކިއެކި ފަންޑުތަކުން އެހީވާތީއާ އެކީގައި. އަޅުގަނޑު ރިޔާސީ ބަޔާނުގައި، ހުރިހާ ފަންޑުތަކުގެ ނަންވެސް ފާހަގަކުރިން. މިސާލަކަށް، ސަޢޫދީ ފަންޑު. ސަޢޫދީ ފަންޑުގެ ދަށުންވެސް ފަސް ރަށެއްގައި އެބަ ހިނގާ، އައިސް ޕްލާންޓް ބެހެއްޓުމުގެ މަސައްކަތް އިނގޭތޯ. ދެން މިހެންގޮސް އެކި ރަށްރަށުގައި، އެކި ފަންޑުތަކުން މަޝްރޫޢުތައް އެބަ ހިނގާ.
ދެން މި މަޝްރޫޢުތައް އިރާދަކުރެއްވިއްޔާ މި އަހަރާއި، މި އަންނަ އަހަރު ތެރޭގައި ނިމި، ޢަމަލީގޮތުން އޭގެ ފައިދާ ރައްޔިތުންނަށް ކުރަން ފަށާނެ. ދެން އާރު.އެސް.ޑަބްލިޔޫ.ގެ ތެރެއިންވެސް މިހާރު ދޫކޮށްފައި ހުރި ލޯނުތަކުގެ ދަށުން އާރު.އެސް.ޑަބްލިޔޫ. ސިސްޓަމް ދޯނިތަކުގައި ބެހެއްޓުމުގެ ކަންތައްތައްވެސް ކުރިއަށްދާނެ. އަދި އޭގެއިތުރަށް، އިތުރު ލޯނު ދޫކުރުންވެސް އެބައޮތް. ގިނަ ދޯނިތަކަށް އަދި ލޯނު ފެސިލިޓީގެ ބޭނުން އަދި ނުއެއް ފެށޭ. އެކަމަކު ދެން މިހާރު އެކަންވެސް ހަމަޖެހިގެން އެދަނީ. ދެން ގިނަ ލޯނުތައް ލިބި، އިރާދަކުރެއްވިއްޔާ ޢަމަލީގޮތުން އޭގެ ދަށުން ސިސްޓަމް ބެހެއްޓެން ފެށޭނެ ވަރަށް އަވަހަށް. އެހެންވީމާ، މި ދެންނެވި ގޮތަށް ދާނެ.
ދެން ހަމަ އޭގެއިތުރަށް، މަސް ބޭނުމަށް ކަނދުފަތިވެސް ވަރަށް މުހިންމު. މަސް ބާނަން ދާން. ކަނދުފަތިތައްވެސް ވަރަށްގިނަ ސަރަޙައްދުތަކުގައި އަޅުގަނޑުމެންނަށް މިހާރު ބެހެއްޓިއްޖެ. މިހާތަނަށް މި ސަރުކާރު އައިފަހުންވެސް އެކިކަހަލަ ކަނދުފަތި ބަހައްޓައިފިން. އޭގެތެރެއިން، ވަދު ކަނދުފަތިވެސް 18 ތަނެއްގައި ބެހެއްޓިއްޖެ. ދެން ކަނޑައިގެންދިޔަ 21 ކަނދުފައްޗެއްވެސް އަޅުގަނޑުމެން މިހާރު ބަހައްޓައިފިން. އެހެންގޮސް ވަރަށްގިނަ ދިމަދިމާގައި އަޅުގަނޑުމެންނަށް ކަނދުފަތިތައްވެސް އެބަ ބެހެއްޓޭ.
ދެން މީގެއިތުރަށް، ވަރަށްގިނަ އެހެން ކަންތައްތައްވެސް އެބަ ކުރެވޭ. ވަރަށް ގިނައިން އެކްސިޑެންޓްސްތައް، ނޫނީ އެކިކަހަލަ ކަންތައްތައް ވެގެން މަސްވެރިންނަށް ވަރަށް ނުރައްކާތެރި ހާދިސާތައް އެބަ ދިމާވޭ. ބައެއްފަހަރު މަރުވާގޮތްވެސް އެބަވޭ. އެހެންވީމާ، ރެސްކިއު ޑައިވިންގ ކޯސްތަކެއްވެސް އަޅުގަނޑުމެން ހިންގަން ފަށާފައި ވާނެ. ކޮންމެ ދޯންޏެއްގެ އެކަކު އެއީ، ޓްރެއިންޑް ރެސްކިއު ޑައިވަރަކަށް ހެދުން އެއީ، އަޅުގަނޑުމެންގެ އަމާޒު.
ޕްރެޒެންޓަރ:
އެން ހޯދަންވެގެން ފީނައިގެން ގެއްލުންވާ މީހުންނަށް އެހެން ނޫންތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ! އޭގެތެރެއިންވެސް މިހާރު މިހާތަނަށް 56 ދޯންޏަކުން 56 ރެސްކިއު ޑައިވަރުން ތަމްރީނު ކުރެވިއްޖެ. ދެން މި އަހަރުގެ ތެރޭގައި، އިރާދަކުރެއްވިއްޔާ އެކަން ފުޅާވެގެންދާނެ.
ދެން އަޅުގަނޑުމެން ފެށި އެންމެބޮޑު އެއްކަމަކީ، މަސްވެރިންނަށް ލޯނު ނެގޭނެ ގޮތްތަކެއް، ބޭންކްތެރެއިން ހަމަޖެއްސުން. އެކަން ކުރުމަށްޓަކައި ކަމާބެހޭ ގަވާއިދެއް ގެޒެޓްކޮށްފައި، ދަފްތަރެއް ޤާއިމުކުރަން މި ފެށީ. ދަފްތަރުގައި ރަޖިސްޓަރވާ ކޮންމެ މަސްވެރިޔަކު އެއީ، ލޯނުތަކާއި، ދެން ހުންނަ ކްރެޑިޓް ފެސިލިޓީތަކަށް އެޕްލައި ކުރެވޭ މީހުންނަށް ވެގެންދޭ. މިވާގޮތަކީ ކުރީގައި ވެއްޖިއްޔާ، މިއިން އެއްވެސް މަސްވެރިޔަކު މި ކުރަނީ ދެމެހެއްޓެނިވި އާމްދަނީ ލިބޭ ކަމެއް ކަމަކަށް ބޭންކްތަކުން ރެކޮގްނައިޒެއް ނުކުރޭ. އޭގެ ސަބަބުން އެއްވެސް ލޯނެއް ނުނެގޭ. އެކަމަކު މި ދަފްތަރުގައި ދަފްތަރުވީމަ، ބޭންކްތަކުން އެބަ ބަލައިގަނޭ، ކޮންމެ މަހަކު ވަކިވަރެއް، ނޫނީވިއްޔާ ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ލިބޭ މީހެއް ކަމަށް. އެހެންވީމާ، އެއަށް ބިނާކޮށްފައި، ލޯނުތައް ދޫކުރާނީ. އެސް.ޓީ.އޯ. ކްރެޑިޓް ފެސިލިޓީވެސް ލިބިގެންދާނީ. އެހެންވީމާ، އެއީ އެންމެ ބޮޑަށް ކުރެވުނު އެއް ކަންތައް.
ދެން މި ދަފްތަރުގައި މިހާތަނަށް މަސްވެރި ދޯނިތަކުގެ 95 އިންސައްތަ ދަފްތަރު ވެއްޖެ. އުންމީދުވެސް ކުރަން ހަމަ މި އަހަރުގެ މަސްވެރިންގެ ދުވަސް އަންނަންވާއިރަށް ހަމަ ބޮޑު ޢަދަދެއްގެ މަސްވެރިންވެސް ސީދާ ދަފްތަރު ކުރައްވާނެ ކަމަށް އިނގޭތޯ. އެހެންވީމާ، އެއީ ވަރަށްބޮޑު ކަމެއް، އަޅުގަނޑުމެންނަށް ކޮށްދެވޭ.
ޕްރެޒެންޓަރ:
ރައީސް، މި މަސްވެރިކަން، ދެންމެ އަޅުގަނޑު ފަށަމުންވެސް ދެންނެވިހެން، މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކުރެވޭ. ދެން އެކި ހިސާބުގައި އެކިވަރަށް ކުރެވުނު ކަމަށްވިޔަސް، މުޅި ރާއްޖެއަށް ފެތުރިފައި އޮތް ހަމައެކަނި މަސައްކަތް މިއީ. ދެން އަނެއްކާ ރާއްޖޭގެ އެހެން މަސައްކަތްތަކާވެސް ގުޅުންހުރި. މިސާލަކަށް ދަންނަވަންޏާ، ފަތުރުވެރިކަމުގެ ދާއިރާގައިވެސް މަސްވެރިކަމުގެ ޞިނާޢަތަށް ވަދެވޭނެ ގިނަ މަގުތަކެއް އެބަހުރި. އިތުރުކުރެވިދާނެ ދާއިރާތައް އެބަހުރި. މިސާލަކަށް، އަޅުގަނޑުމެން މި ކިޔާ ނައިޓް ފިޝިންގ ނުވަތަ ސްޕޯޓްސް ފިޝިންގ ކަހަލަ ކަންތައްތަކާއި އަދި ހަމައެހެންމެ، ދުނިޔޭގެ މާރުކޭޓަށް ބަލާއިރުގައި، ކަނޑުމަސް ނޫން އެހެން މަސްމަސް، އަދި ރާއްޖޭގައިވެސް އެކަން ކުރެވިފައި ހުރިގޮތަށް ބަލާއިރުގައި، މިސާލަކަށް، ފަރުމަހުގެ މަސްވެރިކަމާއި، ފަރުމަހުގެ އުފެއްދުންތަކާއި، ހުއިފިލަނޑާ ކަހަލަ އެއްޗިއްސާއި، އަދި ތަންކޮޅެއް ކުރީގައި އަޅުގަނޑަށް އެއްފަހަރަކު ރާއްޖެތެރެއަށް ކުރި ދަތުރެއްގައި، ވ. އަތޮޅުގައޭ އަޅުގަނޑު ހަނދާންވަނީ. ކެޔޮދޫ ކައިރިން ކަންނޭނގެ އަޅުގަނޑަށް ފެނުނީ. އިތާމުތް އާލާކުރުމުގެ މަޝްރޫޢު. މި ކަނޑުގެ ދިރުންތައް، ހަމަ ކަނޑުގެ އުފެއްދުންތައް. އެހެންވީމާ، އަޅުގަނޑުމެންގެ މި ބޮޑު ރިސޯސް، މި ބޮޑު ވަސީލަތް އަޅުގަނޑުމެންނަށް ފުޅާކުރެވިއްޖިއްޔާ، ބައެއްފަހަރު އަޅުގަނޑު ހިތަށްއަރާ، މި ފަތުރުވެރިކަމަށްވުރެ އަޅުގަނޑުމެންގެ ރާއްޖޭގައި ނަފާ ބޮޑަށް ނެގޭނެ އަދި ދެމެހެއްޓެނިވި ކަމަކަށް ހެދޭނެ ކަމަކަށްވެސް މިކަން ވެދާނެތާއޭ. ކިހިނެއްތޯ ދެކެވަޑައިގަންނަވަނީ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އެއީ، ހަމަ އަޅުގަނޑު މެނިފެސްޓޯގައިވެސް، އަދި ކެމްޕެއިން ތެރޭގައިވެސް ވާހަކަ ދެއްކި ގޮތް އިނގޭތޯ. ހަމަ ބަޔާންކޮށްފައިވެސް އޮންނާނެ މެނިފެސްޓޯގައި. އަޅުގަނޑުމެންނަށް ފުރިހަމަ ނަފާ ނެގިއްޖެނަމަ، ޓޫރިޒަމަށްވުރެ ތިންގުނައަށްވެސް އަޅުގަނޑުމެންނަށް އިތުރަށް ޖީ.ޑީ.ޕީ. އަށް ކޮންޓްރިބިއުޓް ކުރެވޭނޭ މަސްވެރިކަމުން. އަޅުގަނޑުމެންގެ ކަނޑުގެ ސަރަޙައްދު އިރާދަކުރެއްވީތީ ވަރަށްބޮޑު. އީ.އީ.ޒެޑް ވަރަށްބޮޑު އިނގޭތޯ. އީ.އީ.ޒެޑްގެ ތެރެއިން އަޅުގަނޑުމެންނަށް އިޤްތިޞާދީ ނަފައެއް އަދި ނުހޯދޭ، ޓެޕެއް ނުކުރެވޭ، އަޅުގަނޑުމެން ބޭނުންވާ ގޮތަކަށް.
އާދެ، އަޅުގަނޑުމެން ކުރަނީ ވަރަށް ދެމެހެއްޓެނިވި މަސްވެރިކަމެއް. ހަމަ ކޮންމެ މަހެއް ވަކިން ހަމަ މި ބާނަނީ. އެއްގޮތަކަށްވެސް އަޅުގަނޑުމެންނެއް ބޭރު ޤައުމުތަކުގައި ހަދާހެން ދާއަޅައިގެން ކަހައެއްނުލަން. އެހެންވީމާ، މުޅި ދުނިޔެ ގަބޫލުކުރޭ އަޅުގަނޑުމެންގެ މަސްވެރިކަން.
އެހެންވީމާ، އެ މަސްވެރިކަން އަޅުގަނޑުމެންނަށް ފުޅާކުރެވެން އެބައޮތް، މުޅި ކަނޑުގެ ސަރަޙައްދަށްވެސް. އެހެންވީމާ، އަދި އޭގެއިތުރަށްވެސް، އެހާދުރަށް ނުދިޔަސްވެސް އަޅުގަނޑުމެންނަށް ކުރެވޭނެ އެތައް ކަމެއް އެބަހުރި. މަސްވެރިކަމާއި އަދި ކަނޑުގެ އެހެނިހެން މުއްސަނދިކަން އަޅުގަނޑުމެންނަށް ބޭނުންހިފޭނެ ކަންތައްތައް އެބަހުރި ކުރަން.
އެހެންވީމާ، އަޅުގަނޑުމެން އެކިއެކި ދިމަދިމާއަށް މިހާރު އިންވެސްޓްމަންޓް ހޯދުމުގެ ކަންކަމާއި، މެރިކަލްޗަރއާއި، މި ހުރިހާ ދިމާއެއްގައި އަޅުގަނޑުމެންނަށް އިންވެސްޓް ކޮށްދޭނެ ބޭރު ފަރާތްތަކަށް މިހާރު ފުރުޞަތު ހުޅުވާލެވި، އިރާދަކުރެއްވިއްޔާ ކަންތައްތަކަށް މަގުފަހިވަމުން އެދަނީ. އެހެންވީމާ، އަޅުގަނޑުމެންގެ މި ބޮޑު ކަނޑުގެ ރިސޯސަސްތައް، އޯޝަން ރިސޯސްތައް، ކަނޑުގެ މިހިރަ ވަސީލަތްތައް އެންމެ ފުރިހަމަގޮތުގައި އަޅުގަނޑުމެންނަށް އިޤްތިޞާދީ ގޮތުން ފައިދާވާ ގޮތަށް ހެދުމުގެ ސިޔާސަތު މި ގެންގުޅެނީ. އިރާދަކުރެއްވިއްޔާ ރަނގަޅަށް ގެންދެވޭނެ ކަމަށް މި ބަލަނީ.
ޕްރެޒެންޓަރ:
މިކަމުގެ ތެރޭގައި އަޅުގަނޑުމެން މިހެން ވާހަކަ ދައްކާއިރު، ދެންމެ ތިޔަ ވިދާޅުވިހެން، މަސްވެރިކަމުގެ ދާއިރާ ފުޅާކުރާ ކަމަށްވަންޏާ، ތަފާތު ކަންތައްތައް ކުރާ ކަމަށްވަންޏާ، މީހުންވެސް ބިނާކުރަންޖެހޭނެ ދޮގެއްތޯ؟ މި ދެންނެވީ މިއީ ވަރުގަދަ ފަންނެއްތާ. މިއީ ދެން އަޅުގަނޑުމެން ކިޔަވައިދިނުމާ ކަންތައްތައް. އަޅުގަނޑަށް ޚަބަރު ލިބިފައި އޮތްގޮތުންވިއްޔާ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައިވެސް މިހާރު މަސްވެރިކަމުގެ މަސައްކަތް އެބަ ރަސްމީކޮށް، ކުޑަކޮށް އެއަށް އަލިއަޅުއްވާލަދެއްވަފާނަންތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، އަޅުގަނޑުމެން ވާނީ ޔުނިވަރސިޓީގައި، ނޭޝަނަލް ޤައުމީ ޔުނިވަރސިޓީގައި މޯލްޑިވްސް ކޮލެޖް ފޮރ ފިޝަރީޒް އެންޑް އޯޝަން ސައިންސަސްގެ ނަމުގައި ކޮލެޖެއް އުފައްދާފައި އިނގޭތޯ. އެ ކޮލެޖުން ބެޗްލަރޒް އޮފް ފިޝަރީޒް މެނޭޖްމަންޓް ކިޔެވުމަށް ފުލް ސްކޮލަރޝިޕް ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑުމެން ދެމުން ދާނަން. މިހާރު އެކަމަށް ހުރިހާ ތައްޔާރީތަކެއް ވެވިފައި އެވަނީ. ދެން އަޅުގަނޑުމެން މި އަންދާޒާ ކުރަނީ 45 ކުއްޖަކަށް، އަޅުގަނޑުމެންގެ ބަޖެޓް މިހާރު ހަމަޖައްސައިދެވިފައި އޮތްގޮތުން 45 ކުއްޖަކަށް ސްކޮލަރޝިޕް ހަމަޖެއްސޭނެ ކަމަށް. ދެންވެސް ހަމަ އިތުރު ކުދިކުދި ކޯސްތައްވެސް އެބަ ހިންގަން އިނގޭތޯ.
އެހެންވީމާ، މި ދެންނެވި ކޮލެޖް މިއީ މި ދާއިރާއަށް މީހުން ބިނާކުރުމަށްޓަކައި ކުރެވިގެންދިޔަ ވަރަށްބޮޑު ކަމެއް. އަދި އޭގެއިތުރަށްވެސް ހަމަ އެކިއެކި ދާއިރާތަކުން، މަސްވެރިކަމާ ގުޅިފައި ހުރި އެކި ދާއިރާތަކުން ކޯސްތައް، ސްކޮލަރޝިޕްތައް ހޯދައިދިނުމުގެ ކަންތަކަށް ސަރުކާރުން ހަޔަރ އެޑިޔުކޭޝަންގެ ތެރެއިން މަގުފަހިކުރުމުގެ މަސައްކަތްވެސް އެބަ ހިނގާ.
ޕްރެޒެންޓަރ:
އެހެންވީމާ، ސްކޫލްތަކުގައި އަޅުގަނޑުމެން ކިޔަވައިދެމުން މިއައި ފިޝަރީޒް ސައިންސް ނަގާ ދަރިވަރުންނަށް އޮތް އުންމީދީ ފުރުޞަތަކަށްވާނެތާ ދޮގެއްތޯ، އެއީ، އިތުރަށް ކުރިއަށްދާނެ ދާއިރާއެއް ކަނޑައެޅުން.
އަޅުގަނޑުމެންގެ ޕޮޑްކާސްޓްގައި ދެން މަސްވެރިކަމުގެ ވާހަކަ މިއަދު މައިގަނޑު ވާހަކައަކަށް މި ދެކެވުނީ ދޮގެއްތޯ؟ ދެން ވަރަށް ފުޅާ ދާއިރާއެއްގައި މި ވާހަކަ ދެކެވިދާނެ. ދެން އެހެންނަމަވެސް، ވަގުތު ކުޑަތަންވާތީއާ އެކީގައި، އެކަމަކު ނިންމާލުމުގެ ކުރިން އަޅުގަނޑު ހަމަ ހިތަށްއެރީ، މަނިކުފާނު އަރިހުގައި ވާހަކައެއް ދަންނަވާލަން. އެއީ، ކޮންމެ ހަފްތާއަކު އެއްފަހަރު މަނިކުފާނު މި ވަރަށް މުހިންމު މަޢުލޫމާތުތަކެއް ރައްޔިތުންނާ ހަމަޔަށް މި ފޮނުއްވާލައްވަނީ ދޮގެއްތޯ؟ ޙިއްޞާކޮށްދެއްވަނީ. މިކަހަލަ އެކި ސިފަސިފައިގައި އެކިގޮތްގޮތަށް ވަރަށް ގިނައިން މަނިކުފާނުގެ މި އަޑުފުޅު އިވޭ. އަދި މަންޒަރުވެސް އަޅުގަނޑުމެންނަށް އެބަ ފެނޭ، ސޯޝަލް މީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކުން. ކުރިއަށް އޮތް ތާނގައި ދެން މި ކަންތައްތައް ހުރި، މިކަހަލަ ހުރި އެންގޭޖްމަންޓްތައް ކުޑަކޮށް އަޅެ އަޅުގަނޑުމެންނަށް ވިދާޅުވެދެއްވަފާނަންތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، އަޅުގަނޑު ހަމަ ވަރަށް ބޮޑަށް އިސްކަންދެން މަޢުލޫމާތު ޙިއްޞާކުރުމަށް އިނގޭތޯ. ސަރުކާރުން މިއަދާ ހަމަޔަށް އައިއިރުގައި، މަޢުލޫމާތު ޙިއްޞާ ކުރުމަށް ވަރަށްގިނަ މަސައްކަތްތަކެއް ވާނީ ކޮށްފައި.
ޕްރެޒެންޓަރ:
ޓިކްޓޮކްގައިވެސް އުޅުއްވަން ދޮގެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ޓިކްޓޮކްވެސް. އެކިއެކި ހަމަ ޕްލެޓްފޯމްތައް. އޮފީހުންވެސް، އަޅުގަނޑުގެ އަމިއްލަ އެކައުންޓްތައްވެސް. އަދި ސަރުކާރުގެ ހުރިހާ ވުޒާރާތަކުންވެސް ގެންގުޅޭނެ. އަދި ކުންފުނިތަކުންވެސް. "ސަރުކާރު ވެބްސައިޓް" ކިޔާފައި ވެބްސައިޓެއްވެސް، އެ ނަމުން ނަންދީފައި އޮންނަ ވެބްސައިޓެއްވެސް ރައީސް އޮފީހުން އުފައްދާފައި، ހުރިހާ މިނިސްޓްރީއަކުން އެދަނީ މަޢުލޫމާތު ޙިއްޞާކުރަމުން އިނގޭތޯ. ކޮންމެ މިނިސްޓަރަކު ނޫސް ކޮންފަރެންސް އެބަ ބާއްވަވާ. މި މަސް ތެރޭގައިވެސް ވަރަށްގިނަ ނޫސް ކޮންފަރެންސްތައް ބޭއްވިގެން އެބަދޭ. ދެން "އަހާ ފޯރަމް"ގެ ނަމުގައި ވަޒީރުން ދޭތެރެ ދޭތެރެއިން އެބަ ބާއްވަވާ ދޮގެއްތޯ؟ ދެން އަޅުގަނޑުގެ އޭގެ އެއް ފޯރަމް ބޭއްވުނު. ދެން އަދި އަޅުގަނޑު އިރާދަކުރެއްވިއްޔާ ހަމަ ވަރަށް އަވަހަށް، އަޅުގަނޑު ކުރިން ކަނޑައެޅިގޮތަށް އެކަންވެސް ކުރިއަށް ގެންދަން ފަށާނަން.
ދެން އޭގެއިތުރަށްވެސް ހަމަ މަޢުލޫމާތު ޙިއްޞާކުރުމަކީ އަދި ވީހާވެސް ބޮޑަކަށް ކަންކަން ކިޔައިދިނުމަކީ އަޅުގަނޑު ވަރަށް އިސްކަންދޭ ކަމެއް. ކުރީގައިވެސް އަޅުގަނޑު ކުރިން އެ އަދާކުރި ވަޒީފާތަކުގައިވެސް އެކަން އެގޮތަށް ކުރިން އިނގޭތޯ. ދެން ކުރިއަށް އޮތް ދުވަސްތަކުގައި އިރާދަކުރެއްވިއްޔާ މިކަހަލަ އެހެން ޕްރޮގްރާމެއް އަޅުގަނޑު އުންމީދު ކުރަން އެބަ ކުރިއަށް ގެންދެވޭނެ ކަމަށް. ތަންކޮޅެއް ޒުވާން، ޖެންޒީއޭ މި ކިޔާ ޒުވާން ކެޓަގަރީއަށް، އެ އޭޖް ގްރޫޕްގެ ކުދިންނާ އެކީގައިވެސް އެކަހަލަ، މިޒާތުގެ ކަމެއް ކުރަން އެބަ އުންމީދު ކުރަން. އަދި އޭގެއިތުރަށް، ޓީ.ވީ. ސްޓޭޝަނަކުން ދަޢުވަތު ދީފިއްޔާ، އަޅުގަނޑު އެބަ އުންމީދު ކުރަން، އެކަހަލަ ޕްރޮގްރާމަކަށް ޓީ.ވީ.އަކަށް، ނޫނީ ޓީ.ވީ.އަކުން ހިންގާ ޕްރޮގްރާމަކަށްވެސް ހަމަ ސުވާލާއި ޖަވާބު ދިނުމަށް ދާން އިނގޭތޯ. ވާހަކައަކީ އެކަމަށްވެސް އޯޕަންއޭ އަޅުގަނޑު އިނގޭތޯ. އެކަމަށްވެސް ހަމަ އަޅުގަނޑުގެ ވަގުތު އޮތްވަރަކުން ހުސްކުރާނަން.
ދެން އޭގެއިތުރަށް ހަމަ ސީދާ ނޫސްވެރިންނާ އެކީގައިވެސް އަޅުގަނޑު ކުރިއަށް އޮތް ތާނގައި ބައްދަލުވުންތައް ބާއްވާނަން، އަޅުގަނޑަށް ވަގުތުވީވަރަކުން އިނގޭތޯ. ވަރަށް ގިނަ ވަގުތު ހަމަ ކޮންމެ ދުވަހަކުހެން އަޅުގަނޑު އިސްކަން މިދެނީ މަސައްކަތަށް. ނަތީޖާ ނެރުމަށް. އަޅުގަނޑު އަބަދުވެސް ދަންނަވާ ވާހަކައެއް، އަޅުގަނޑުގެ ހުރިހާވެސް ފޯކަސްއަކީ ނަތީޖާއޭ އިނގޭތޯ. ކުރީގައިވެސް، މިހާރުވެސް.
އެހެންވީމާ، ކުރިއަށް އޮތް ދުވަސްތަކުގައި، ނޫސްވެރިންނާވެސް ބައްދަލުކުރާނަން. އެގޮތުން، އަޅުގަނޑު މިހާރު ނިންމާފައި އޮންނާނެ، 3 މޭ އެއީ ޕްރެސް ފްރީޑަމް ދުވަސް.
ޕްރެޒެންޓަރ:
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ދޮގެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ! އެ ދުވަހު އިރާދަކުރެއްވިއްޔާ، އަޅުގަނޑު ނޫސްވެރިންނާ ބައްދަލުކުރާނަން އިނގޭތޯ. ނޫސްވެރިންނާ ބައްދަލުކޮށް، މީޑިއާއާ ބައްދަލުކޮށް، ރައީސް އޮފީހުގައި ރަސްމީކޮށް ނޫސް ކޮންފަރެންސެއް ބާއްވާނަން އިރާދަކުރެއްވިއްޔާ. އެ ދުވަހަށް ނޫސްވެރިން މީޑިއާއަށް ތައްޔާރުވެލައްވަން އަޅުގަނޑު ދަޢުވަތުދެން. ބޭނުން ސުވާލެއް އޮތިއްޔާ ލިޔުއްވަން ފަށްޓަވަންވީ. ކޮންމެ ސުވާލެއްވެސް ކުރެއްވޭނެ އިނގޭތޯ.
ޕްރެޒެންޓަރ:
އާދެ، ދެން އަޅުގަނޑު ހިތުން ތިއީ ދެން ނޫސްވެރިން ވަރަށް އުފާވާނެ ވާހަކައެއް ތިޔަ ވިދާޅުވީ. ދެން އެކަމަކު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ދެން ހަމަ ދިވެހި ރައްޔިތުން، ހުރިހާ ބޭފުޅުންވެސް ގަބޫލުފުޅު ކުރައްވާނެ، ރައީސުލްޖުމްހޫރިއްޔާއަކު ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އަޅުގަނޑަށް ހީވަނީ މަނިކުފާނުހާ ގިނަ ވަސީލަތްތައް، ޕްލެޓްފޯމްތަކުގައި ދިވެހި ރައްޔިތުންނާ ހަމަޔަށް މަޢުލޫމާތު ފޯރުކޮށްދެއްވި ބޭފުޅަކު އަދި މިހާތަނަކަށް ނެތްކަންނޭނގެ. އެއީ، ދެންމެ ތިޔަ ވިދާޅުވިހެން ހަމަ އެކިއެކި ގޮތްގޮތުން ހަމަ ކޮންމެ ދުވަހަކު، ކޮންމެ ދުވަހަކު ކޮންމެވެސް މަންސައަކުން މަނިކުފާނު ނުފެންނަ ނުވަތަ އަޑުފުޅު ނީވޭ ދުވަހެއް ވަރަށް ނުދޭކަންނޭނގެ. އެހެންވީމާ، ރައްޔިތުންނާ މަޢުލޫމާތު ޙިއްޞާ ކުރެއްވުމުގައި މަނިކުފާނު ދެން ހަމަ ތިޔަ އުޅުއްވަނީ ވަރަށް ކުރީގައި ކަމަށް އަޅުގަނޑުވެސް ގަބޫލުކުރަނީ.
ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ