ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދު ކުރާ ބިލަށް ވޯޓު ނުދެއްވީ އެ ބިލަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާ ހިލާފު ބިލަކަށް ވާތީ ކަމަށް ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު، އަހުމަދު އަޒާން މަރުޒޫގު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު މަޖިލީހުން ފާސްކުރި ކޯޓުތަކާ ބެހޭ ގާނޫނުގެ އިސްލާހަށް ވޯޓު ނުދެއްވި ސަބަބު ބަޔާން ކުރައްވައި މިއަދު އަޒާން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރައްޔިތުންނާއި ގައުމީ މަސްލަހަތަށްވުރެ އިސްކުރަންޖެހޭ މަސްލަހަތެއް އޭނާއަށް ނޯންނާނެ ކަމަށެވެ.
އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދު ކުރަން މަޖިލީހަށް ހުށަހެޅި ބިލަށް ތާއީދު ނުކުރަން ނިންމެވީ އޭނާ ތަމްސީލު ކުރައްވާ ރައްޔިތުންނާއި ގާނޫނީ ބޭފުޅުންނާއި މި ސަރުކާރުގެ ކެބިނެޓުގެ ވަޒީރުންގެ ލަފާ އާއި މަޝްވަރާގެ މަތިން ކަމަށެވެ.
"އަދި މި ބިލަކީ ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާ ހިލާފު ބިލަކަށް ވާތީ އެފަދަ ބިލަކަށް ތާއީދު ކުރުމަކީ ގާނޫނުއަސާސީގެ 75 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމުގައި ދެކޭތީ،" އަޒާންގެ ބަޔާނުގައި ލިޔުއްވާފައިވެ އެވެ.
އަޒާން ވިދާޅުވެފައި ވަނީ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް އޮތްނަމަ ޖުޑީޝަލް ސާވިސް ކޮމިޝަން މެދުވެރިކޮށް އެ މައްސަލަ ބަލައި އެފަދަ މައްސަލައެއް ސާބިތުވާ ނަމަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފަނޑިޔާރުން ވަކި ކުރެވިދާނެ ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ނުކޮށް، މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕީއެންސީއަށް އޮއްވައި ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައި ދެ ފަނޑިޔާރަކު މަގާމުން ވަކި ކުރަން މަޖިލީހުން ނިންމުމަކީ ގާނޫނީ ގޮތުން ދެކޮޅު ޖެހޭ ކަމެއް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށް އަޒާން ވިދާޅުވި އެވެ.
އަމުދުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބަލަމުން ދަނިކޮށް އެ ކޯޓުގެ ދެ ފަނޑިޔާރެއް މަގާމުން ވަކި ކުރުމަށް ގާނޫނަށް އިސްލާހު ގެނައުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ގަބޫލެއް ނުކުރައްވާ ކަމަށް އަޒާން ވިދާޅުވި އެވެ.
"އެއީ ހުޅުވާލެވިފައިވާ މިނިވަން ދިމިގުރާތީ މުޖުތަމައުތަކުގައި އަމަލު ކުރާ އުސޫލުތަކާއި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކާއ ބީރައްޓެހި އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފަށް ކުރެވިގެންދާ ކަމެއް ކަމަށް ވާތީ އެފަދަ ކަމެއްގައި ބައިވެރިވެ ތާއީދު ނުކުރެވޭނެ،" އަޒާން ވިދާޅުވި އެވެ.
އެ ބިލަށް ތާއީދު ނުކުރެއްވި ނަމަވެސް އަދިވެސް ދެމި ހުންނެވީ ސަރުކާރަށް ތާއީދު ކުރާ މެންބަރެއްގެ ގޮތުގައި ކަމަށް އަޒާން ވިދާޅުވި އެވެ. ނަމަވެސް އައްޑޫ ރައްޔިތުންނަށް ކޮށްދޭން ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދޭ ނަމަ ސަރުކާރާއި ސަރުކާރުގެ މުއައްސަސާތައް ޖަވާބުދާރީ ކުރުމުގައި ދެމިހުންނަވާނެ ކަމަށް އަޒާން ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރާ ބިލަށް ވޯޓު ނުދިނީ އެއީ ގާނޫނުއަސާސީއާ ހިލާފު ބިލަކަށް ވާތީ: އަޒާން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރާ ބިލަށް ވޯޓު ނުދިނީ އެއީ ގާނޫނުއަސާސީއާ ހިލާފު ބިލަކަށް ވާތީ: އަޒާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ